Advertisement

ރިޔާސަތުގައި ގަދަ ބާރުން އިންނަވަން މަސައްކަތް ކުރެއްވި ބޭފުޅާ ސިއްރެއް ނޫން: އަސްލަމް

27 ނޮވެންބަރު 2023 - 11:05 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މަޖިލީހުގެ ރައީސް އަސްލަމް އަދި ކުރީގެ ރައީސް ނަޝީދު، އަސްލަމަށް ރައީސްކަން ލިބިލެއްވީ ނަޝީދު އިސްތިއުފާ ދެއްވުމުން - ފޮޓޯ: މަޖިލިސް


ރިޔާސަތުގައި ގަދަ ބާރުން އިންނަވަން މަސައްކަތް ކުރެއްވި ބޭފުޅާ ސިއްރެއް ނޫން: އަސްލަމް

27 ނޮވެންބަރު 2023 - 11:05 0

ރަައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަސްލަމް ވަޑައިގަތީ ގަވާއިދާ ހިލާފަށް ކަމަށް ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް ތުހުމަތު ކުރެއްވުމުން، ރިޔާސަތުގައި ގަދަބާރުން ހުންނެވުމަށް މަސައްކަތް ކުރެއްވި ބޭފުޅާ ސިއްރު ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތުން އަސްލަމް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.

މަޖިލީހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ ރިޔާސަތާ ގުޅޭގޮތުން ކަންކަން ހިނގި ގޮތް ސިއްރު ނޫން ކަމަށާއި ގަދަ ބާރުން މަޖިލީހުގައި ރިޔާސަތުގައި އިންނަވަން މަސައްކަތް ކުރެއްވީ ކޮން ބޭފުޅެއް, ކިހިނެއްކަން ވަންހަނާނުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެ ކަންކަމުގެ ތެރެއަށް ދާކަށް ބޭނުމެއް ނުވޭ،" މަޖިލީހުގެ ކުރީގެ ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން އަސްލަމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވެސް އާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް ވަޑައިގަތީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ވާހަކަ ކޮންމެ ދުވަހަކު ދައްކާނެ ކަމަށެވެ.

"ތި ގޮނޑިއަށް އަރާވަޑައިގެން ތި އިންނެވީ ހަމަ ސީދާ މަޖިލީހުގެ ގަވާއިދާ ހިލާފަށް. ސުޕްރީމް ކޯޓުގެ ހުކުމުގައި ސާފުކޮށް އެކަން ކުރަން ޖެހޭ ގޮތް އޮތް. އެއާ ހިލާފަށް ކުރީމާ ދަންނަވަން ޖެހޭނީ ހަމަ ހުދުމުހުތާރުކޮށް ގަވާއިދާ ހިލާފަށޭ ތިކަން ތިކުރަނީ،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ. ގައި މަޖިލީހުގެ ރައީސް، ނައިބުރައީސް ޖަލްސާ ބަލަހައްޓަވަމުން ގެންދަވާ ތަރުތީބު ހާމަކޮށްފައި އޮންނަ ކަމަށާއި އަސްލަމް ރިޔާސަތުގައި އިންނެވީ މެންބަރުންނާއި އޮފިޝަލުންނަށް ބިރު ދައްކައިގެން ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ގަވާއިދު ބޭނުން ގޮތަކަށް މާނަކޮށް ބޭނުން ކުރުމުގެ ފުރުސަތު މަޖިލީހުގެ ރައީސަށް ވެސް، މެންބަރަކަށް ވެސް ލިބިފައި ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އަސްލަމަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއެކު މަޖިލީހުގެ ރައީސަކު އިންތިހާބު ކުރުމަށް ނެގި ވޯޓުންނެވެ.

އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކާއެކު، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން، ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ދެ ފަހަރަށް ހުށަހެޅި އެވެ. ދެ ފަހަރު ވެސް އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.

ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅި ސިޓީގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އަމަލުތައް ހުރި ގޮތާ މެދު ހިތާމަ ކުރައްވާކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި މަޖިލީހުގެ ރައީސްކަމުގައި އިތުރަށް ހުރެއްޖެ ނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.