Advertisement

ކޮމިޓީން ލަފާދިނީ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން

26 ނޮވެންބަރު 2023 - 14:19 1

ނިމާ ހަސަން

ނިމާ ހަސަން

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ; ކޮމިޓީން ނިންމީ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން އީސީއަށް ލަފާ ދޭން -- ފޮޓޯ: މަޖިލިސް


ކޮމިޓީން ލަފާދިނީ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން

26 ނޮވެންބަރު 2023 - 14:19 1

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެމްބަރުން އިންތިހާބުކުރަން އަންނަ އަހަރު ބާއްވަން ޖެހޭ އިންތިހާބު ރޯދަމަހަށް ފަހު ބޭއްވެން އޮތް އެންމެ އަވަސް ތާރީހެއްގައި ބާއްވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ލަފާދީފި އެވެ.

މަޖިލިސް އިންތިހާބުގެ ތާރީހަށް ބަދަލު ގެނައުމަށް, އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މިދިޔަ ހަފްތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އީސީން ހުށަހެޅީ, މަޖިލިސް އިންތިހާބު ރޯދައިގެ ކުރިން ބޭއްވޭނެ ދެ ގޮތެކެވެ.

އެހެން ނަމަވެސް, މިއަދު ބޭއްވި މިނިވަން މުއައްސާސާތަކާ ބެހޭ ކޮމިޓީގައި އީސީގެ ހުށަހެޅުންތަކަށް މަޝްވަރާ ކުރުމަށްފަހު ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުالله ހުށަހެޅުއްވީ, ރޯދައިގެ ފަހުން ބޭއްވެން އޮތް އެންމެ އަވަސް ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.

އެ ހުށަހެޅުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ތާއިދު ކުރެއްވުމާއެކު ކޮމިޓީގައި ނެގި ވޯޓުގައި ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ދައުރު ހަމަވުމަށް 120 ދުވަސް ހަމަވާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭ މަޖިލިސް އިންތިހާބަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައި އެކަން ކޮމިޝަނުން އަންގަންޖެހެ އެވެ. އެގޮތަށް، 120 ދުވަސް ހަމަވާނީ ޖެނުއަރީ 28، 2024 ގަ އެވެ.

އަދި, ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބު ބާއްވައި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ނިންމަންޖެހެ އެވެ. އެ މުއްދަތަށް ބަލާނަމަ އިންތިހާބާ ގުޅޭ އެންމެހާ ކަންތައްތައް ނިންމަންޖެހޭ އެންމެ ފަހު ތާރީހަކީ އޭޕްރީލް 28، 2024 ގަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކޮމިޓީގައި ފާހަގަކުރެއްވި ގޮތުގައި ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ބަލައިގެން އިންތިހާބަށް ތައްޔާރުވާ ނަމަ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލެވޭނީ ޖެނުއަރީ 30، އިން ފެށިގެންނެވެ. އަދި, ކުރިމަތިލާ މީހުންނަށް އެކަމަށް 14 ދުވަހުގެ މުއްދަތެއް ދީ ކެންޑިޑޭޓު ނަމްބަރު ތަރުތީބު ކުރުމުގެ ކަންތައް ކުރިއަށްގެންގޮސް ލިސްޓު ތަރުތީބުކޮށް އިއުލާނުކުރެވޭނީ ފެބްރުއަރީ 17، ވަނަ ދުވަހު ކަމަށް ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުއްދަތުން ފެށިގެން އިންތިހާބާ ދޭތެރޭ 30 ދުވަހުގެ މުއްދަތެއް ދޭން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާތީ 30 ދުވަސް ދިނުމުން އިންތިހާބު އެންމެ އަވަހަށް ވެސް ބޭއްވޭނެ ތާރީހަކީ މާޗް 18، 2024 ގަ އެވެ. އެއީ ރޯދަމަހުގެ ނުވަ ވަނަ ދުވަހެވެ. ނަމަވެސް އޯލެވެލް އަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުތަކުގެ މޮކް ޓެސްޓުތައް މާޗް 17، އިން 28 އަށް ބާއްވަން ނިންމާފައިވާތީ އެ ދުވަސްވަރު ވޯޓުލާނެ މަރުކަޒުތައް ހަމަނުޖެއްސޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

އެހެންވެ ދެން އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީހެއް ކަމަށް އޭނާ ވިދާޅުވީ މާޗް 30، 2024 އެވެ. އެއީ ރޯދަމަހުގެ 20 ވަނަ ދުވަހެވެ. އަދި ދެވަނަ ބުރެއް ބާއްވަންޖެހިއްޖެ ނަމަ އެބުރުގެ ވޯޓުލުން ބޭއްވޭނީ އޭޕްރީލް 20، ވަނަ ދުވަހު ކަމަށާއި އޭރުން ރަސްމީ ނަތީޖާ އިއުލާނު ކުރެވޭނީ އޭޕްރީލް 27، ގައި ކަމަށް ވިދާޅުވި އެވެ. އޭރުން އިންތިހާބު ބާއްވައި ނިމޭނީ ގާނޫނުގައި ބުނާ 30 ދުވަސް ހަމަވުމުގެ އެއް ދުވަސް ކުރިންނެވެ.