Advertisement

މިވަގުތަށް ރައްޔިތުންނަށް މުހިންމީ އުތުރުތިލަފަޅު ތަރައްގީވުން، ފުށިދިއްގަރެއް ނޫން: ފައްޔާޒު

26 ނޮވެންބަރު 2023 - 14:12 1

ނިމާ ހަސަން

ނިމާ ހަސަން

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް; މިވަގުތު ރާއްޖެއަށް މުހިންމީ އުތުރުތިލަފަޅު މަޝްރޫއު ކަމަށް ވިދާޅުވި -- ފޮޓޯ; އިޔާން/ އަދަދު


މިވަގުތަށް ރައްޔިތުންނަށް މުހިންމީ އުތުރުތިލަފަޅު ތަރައްގީވުން، ފުށިދިއްގަރެއް ނޫން: ފައްޔާޒު

26 ނޮވެންބަރު 2023 - 14:12 1

ރައްޔިތުންނަށް ބޯހިޔަވަހިކަން ހޯދައިދިނުމަށް މިވަގުތަށް މުހިންމީ, އުތުރުތިލަފަޅު ހިއްކައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު 'އަދަދު' އަށް ވިދާޅުވި ގޮތުގައި, އާ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ. އެހެން ނަމަވެސް, ކުރީ ސަރުކާރުން ފަށާ, ފައިސާ ހަރަދުކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުން މިވަގުތަށް މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފުށިދިއްގަރުފަޅަކީ މި ބޭފުޅުންގެ [އަދުގެ ސަރުކާރުގެ] ވިޝަންގައި މުހިންމު ކަމަކަށްވާތީ އެއަށް އެ ޖާގަ އޮންނަން ވާނެ. އެހެން ނަމަވެސް ރައްޔިތުންނަށް މިވަގުތު އޮތް ޕްރައޮރިޓީއަކީ އަޅުގަނޑު ދެކޭގޮތުގައި މިއީ [އުތުރުތިލަފަޅު], ފުށިދިއްގަރަށްވުރެ," ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މާލޭ ރައްޔިތުންނާއި, މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރީ ސަރުކާރުން, ހުޅުމާލެ, ގިރާވަރުފަޅު އަދި ގުޅީފަޅުން 9000 ގޯތި ދިނުމަށްފަހު އުތުރުތިލަފަޅުން ވެސް ގޯއްޗަށް ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން, މި ސަރުކާރުން ވެސް އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމުމެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ފުރަތަމަ ކުރަންޖެހޭ ކަމަކީ އެކަންކަން [ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް] ނިންމުން. ބައިވަރު ހަރަދުތަކެއް ކުރެވިފައި ހުރީ, ކޮންޓްރެކްޓުތަކެއް ކުރެވިފައި ހުރީ," އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ, ފައިސާގެ ދަތިކަން ހުރި ވާހަކަ އާއި, ރާއްޖެ ދަރަނިވެރިވެފައިވާ ވާހަކައަކީ މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކައެއް ކަމަށެވެ. އެހެންކަމުން, މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ އިތުރަށް ފުށިދިއްގަރުފަޅު މަޝްރޫއު ކުރިއަށް ގެންދާނެ ގޮތަކާ މެދު ސަރުކާރުން ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އާ ސަރުކާރަށް ފުރުސަތު އޮންނަން ވާނެ އެ ބޭފުޅުންގެ މުހިންމު ކަންތައްތައް ކުރިއަށް ގެންދިއުމަށް. އޭގެ އެންމެ މުހިންމު ކަންކަން ނިންމަވާނީ އެބޭފުޅުން. އެ ޖާގަ އެބޭފުޅުންނަށް އޮންނަން ޖެހޭނެ," އެމްޑީޕީ ކޮންގްރެސް ނިންމާލުމަށްފަހު 'އަދަދު' އަށް ދެއްވި އިންޓަވިއުގައި ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވިއިރު, ކުރީ ސަރުކާރުން ދީފައިވާ ގޯތިތައް ރީ-އިވެލުއޭޓް ކުރާނެ ކަމަށް ދޭހަވާ މޭރުމަކުން އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެކަމަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ, ގޯތިތައް ރީ-އިވެލުއޭޓު ކުރުން ވާނީ ބޮޑު އޮޅުވާލުމަކަށް ކަމަށާއި, އެގޮތަށް އަމަލުކޮށްފި ނަމަ, އެމްޑީޕީން އިހުތިޖާޖު ވެސް ކުރާނެ ކަމަށެވެ.

އަދި, ގޯތި އަތުނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ތެރޭގައި ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ, ރައްޔިތުން ވޯޓު ދީފައި ހުރީ އެކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަން ގަބޫލުކުރެއްވޭ ކަމަށެވެ. އެހެންކަމުން ގޯތި ލިސްޓަށް ބަދަލުގެނައުން ބަލައި ނުގަނެވޭނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.