Advertisement

މިނިސްޓަރުގެ އަމާޒު: މަތީ ތައުލީމުގެ ދާއިރާއިން ސަރަހައްދުގެ އެންމެ އުހަށް ރާއްޖެ ގެންދިއުން

27 ނޮވެންބަރު 2023 - 13:09 9

ނިމާ ހަސަން

ނިމާ ހަސަން

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މާރިޔާ; 'އަދަދު' އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: މިރާޝް/ އަދަދު


މިނިސްޓަރުގެ އަމާޒު: މަތީ ތައުލީމުގެ ދާއިރާއިން ސަރަހައްދުގެ އެންމެ އުހަށް ރާއްޖެ ގެންދިއުން

27 ނޮވެންބަރު 2023 - 13:09 9

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް އެކުލަވައިލެއްވިއިރު, އެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ރާއްޖެއަށް "ތަންކޮޅެއް އައު" އެއް މޫނަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރް ޑރ. މަރިޔަމް މާރިޔާ އެވެ.

ނިއުޒީލެންޑުގެ ޔުނިވާސިޓީ އޮފް ވައިކަޓޯގެ ސީނިއާ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު, މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވަން ރާއްޖެއަށް ވަޑައިގެންނެވި މާރިޔާ އަކީ, ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އެ ދާއިރާގެ ތަޖުރިބާކާރެކެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމަށް އޭނާ 1992 ވަނަ އަހަރުން ފެށިގެން ހިދުމަތް ކުރެއްވި އެވެ. އިތުރަށް ތައުލީމު ހާސިލު ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން ވެސް އެކި ގޮތްގޮތުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ހިދުމަތް ކުރެއްވުމުގައި ދެމި ހުންނެވި އެވެ. އެގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ލެކްޗާތައް ހިންގުމާއި ކުދިން ސުޕަވައިޒް ކުރެއްވި އެވެ.

"މި ވޭތުވެދިޔަ ދެ އަހަރު އަޅުގަނޑު މަސައްކަތް ކުރީ ޑިޖިޓަލް ލާނިން ޕޭޕާސްތަކެއް ކިޔަވައިދޭން. ދުނިޔެ ކުރިއަރަމުން މިދަނީ ވަރަށް ހަލުވިކޮށް ޑިޖިޓަލައިޒޭޝަންގައި. އެގޮތުގެ މަތިން ކިޔަވައިދިނީ އީ-ލާނިންގައި ކިހިނެތްތޯ ޑިޖިޓަލް އޮންލައިން ޓޫލްސް ބޭނުން ކުރާނީ އެކި ދާއިރާތަކުގައި،" ޔުނިވާސިޓީ އޮފް ވައިކަޓޯގެ ޓިއުޓާ އަދި ސީނިއާ ލެކްޗަރާއެއްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތައް ކިޔައިދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ; އަދަދު އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: މިރާޝް/ އަދަދު


މަތީ ތައުލީމީ ނިޒާމާއި ތަސައްވުރު

"މިވަގުތު ރާއްޖޭގެ ސިސްޓަމް ވަރަށް ރަނގަޅޭ ދެންނެވޭނީ. އަދި މިއަށްވުރެ ރަނގަޅު ކުރެވޭނީ އިނޮވޭޓިވް ތިންކިން ގެންގުޅެގެން. އިނޮވޭޓިވް ތިންކިން އިން ޑިޖިޓަލައިޒޭޝަން އަކީ ވަރަށް މުހިންމު ކަމެއް،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު މިއޮތް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެއް ކަމަކީ އީ-ލާނިން ދާއިރާއިން ޒުވާނުން ބާރުވެރިކޮށް, އޮންލައިން ކޯސްތައް ތައާރަފު ކުރުމެވެ. މިކަންތައްތަކަކީ އޭނާ ވިދާޅުވި ގޮތުގައި މަތީ ތައުލީމީ ދާއިރާއަށް އޮތް ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމެކެވެ.

"އަޅުގަނޑުމެން މި ސަރުކާރުގެ ތަސައްވުރަކީ ހަޔާ އެޑިއުކޭޝަން ސެކްޓާއަކީ, މި ރީޖަންގެ އެންމެ މަތީ ފެންވަރުގައި ކުރިއަށް ގެންދެވޭނެ މުއައްސަސާ ކަމުުގައި ވުން،" އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ޒުވާނުން މަސައްކަތްތެރިކަމުގެ މާހައުލަށް ބާރުވެރި ކުރުވުމާއެކު ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކަކީ ކޮބާކަން ދަނެގަނެ އެ ދާއިރާތަކުން ޒުވާނުން ތަމްރީނު ކުރަންޖެހޭ ކަމަށެވެ. މިހާރު ރާއްޖޭގައި ހަދާފައިވާ ނީޑްސް އެސެސްމަންޓަކީ ހަނި ދާއިރާތަކުން ހަދާފައިވާ އެސެސްމަންޓެއް ކަމަށްވާތީ އެ އެސެސްމަންޓު އަލުން ރިވިއު ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ އެސެސްމަންޓުގެ އަލީގައި ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތައް ފާހަގަކޮށް މަސައްކަތްތެރިކަމުގެ ކޯސްތައް ޕްރޮމޯޓްކޮށް, ކުދިންނަށް ކެރިއާ ގައިޑެންސް ދީ, ކުދިން ތައުލީމާއި މަސައްކަތްތެރިކަމަށް ޝައުގުވެރި ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެބަޖެހޭ ކޮންސްޓްރަކްޝަން ދާއިރާ ވެސް ފުޅާކުރަން. އަޅުގަނޑުމެންނަށް އެބަ އެނގޭ ލޭބާ ފޯސް މިގެންނަން ޖެހެނީ ރާއްޖެއިން ބޭރުންކަން. އެހެންކަމުން އެބަ ޖެހޭ ޓްރެއިން ކުރަން އަދި ކުދިން ޝައުގުވެރި ކުރުވާ, ކުދިންނަށް ދައްކަން އެބަޖެހޭ މިއީ ވަޒީފާގެ ފުރުސަތެއްކަން މިއޮތީ ހުޅުވިފައި،" މާރިޔާ ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި ގިނައިން މަސައްކަތް ކުރަނީ ބިދޭސީން-- ފޮޓޯ: އިޔާން/ އަދަދު


ރާއްޖެއަށް ބޭނުންތެރި އާ ކަންތައްތަކެއް

އާ ސަރުކާރާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއަށް ވަނީ ލޭބާ އަދި ސްކިލްސް ޑިވެލޮޕްމަންޓް ސެކްޓާ ވެސް ހިމަނާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ތިން ދާއިރާ އެއް މިނިސްޓްރީއެއްގެ ތެރެއަށް ލުމަކީ ރައީސް މުއިއްޒު ވަރަށް ރަނގަޅަށް ކުރެއްވި ކަމެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދެއްކެވީ, އެ ތިން ދާއިރާއަކީ ލާމެހިފައިވާ ތިން ދާއިރާއަށް ވާތީ އެވެ.

އެ މިނިސްޓްރީގެ މެންޑޭޓުގައިވާ ކަންތައްތަކުގެ ތެރޭގައި ގައުމީ ރިސާޗް ފަންޑެއް އެކުލަވާލުމާއި, ކެރިއާ ގައިޑަންސް ތައާރަފުކުރުން ހިމެނެ އެވެ.

"އަޅުގަނޑުމެން ބްރެއިންސްޓޯމިން ހަދަމުން މިދަނީ އެންމެ އަވަސް ގޮތެއްގައި ތި ދެންނެވި ކަންތައްތައް [ފަންޑު ކުރާނެ ރިސާޗް ދާއިރާތައް ކަނޑައެޅުން] އިމްްޕްލިމެންޓް ކުރެވޭތޯ. އަޅުގަނޑުމެން ބޮޑަށް މި ބަލަނީ ފަންނީ ދާއިރާއިން ރިސާޗް ހިމެނޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަށް އެންމެ މުހިންމު އެއް ކަންތައް ކަމަށްވާ ކެރިއާ ގައިޑަންސް ތައާރަފު ކުރުމުގައި މިނިސްޓަރު މާރިޔާގެ ވިސްނުން ހުންނެވީ, ރާއްޖޭގައި މިހާރު ހުރި މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ކެރިއާ ގައިޑަންސް ޔުނިޓުތަކެއް ބިނާ ކުރުމަށެވެ. އަދި އެ ޔުނިޓުތައް މެދުވެރިކޮށް ޒުވަނުންނަށް ކުރިއަށްދާނެ ރާސްތާއެއް އަދި މަގެއް ހޯދައި ދިނުމަށެވެ.

ވިލާ ކޮލެޖުގެ ގްރެޖުއޭޝަންގެ ތެރެއިން; ކިޔަަވާ ދަރިވަރުން ވަޒީފާގެ މާހައުލަށް ނުނިކުންނަ ކަމުގެ ކަންބޮޑުވުން އޮވޭ -- ފޮޓޯ: ވިލާ ކޮލެޖު


ވޭތުވެދިޔަ ފަސް އަަހަރު ތެރޭގައި ރާއްޖޭގައި މަތީ ތައުލީމު ހޯދި ދަރިވަރުންގެ އަދަދު ލައްކައަކަށް އަރާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެހެން ނަމަވެސް ފަންނީ ދާއިރަތަކުން މީހުން ބޭނުންވާ ދާއިރާތަކުން އެ މަންޒަރު ނުފެނެ އެވެ.

މިިނިސްޓަރު ވިދާޅުވި ގޮތުގައި, ވަޒީފާތަކުގެ ހުސް ޖާގަތައް ފުރެމުން ނުދާ ސަބަބަކީ, ދަރިވަރުން ކިޔަވަމުން ދަނީ ވަޒީފާގައި ތިބެގެން ކަމަށް ވުމެވެ.

"ދަރިވަރުން ކިޔަވަމުން އަންނަނީ ވަޒީފާ އަދާކުރަމުން. އޭގެ މާނައަކީ ގިނަ ކުދިންނަށް އަނބުރާ ވަޒީފާއަށް ވެސް ދެވޭނެއޭ. ނޫނީ އެއަށްވުރެ ރަނގަޅު ޕޮޒިޝަންއަކަށް ކުރިއެރުން ލިބޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް މިނިސްޓަރު މާރިޔާގެ އިސްނެންގެވުމުގެ މަތިން ކުރަމުންދާ އެއް ކަމަކީ, ޑިގްރީ ހަދާ ދަރިވަރުންގެ ދިރާސާއަކީ ގައުމަށް ބޭނުންތެރި އެއްޗެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި, ގައުމަށް ބޭނުންތެރި އެކި ދާއިރާތައް ކުދިންނަށް ޕްރޮމޯޓުކޮށް, އެ ދާއިރަތަކުން ދިރާސާ ހެދުމުގެ މުހިންމުކަން ކުދިންނަށް އަންގައި ދިނުމަކީ އެ ރޮނގުން ކުރެވިދާނެ ކަމެކެވެ.

މިނިސްޓަރުގެ މި ތަސައްވުރާއެކު ރާއްޖޭގެ މަތީ ތައުލީމީ ނިޒާމު އިތުރު ހަރުފަތަކަށް ގެންގޮސް, ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ނިޒާމަށް ހެދޭނެތޯ ކުރާ ސުވާލުގެ ޖަވާބު, އަނެއްކާވެސް ފަސް އަހަރު ފަހުން ލިބޭނެ އެވެ.