Advertisement

އެތުލީޓުންނަށް ހާއްސަ ފޯރަމެއް އެމްއޯސީ އިން ފަށައިފި

25 ނޮވެންބަރު 2023 - 08:34 0

އެމްއޯސީ އެތުލީޓްސް ފޯރަމް 2023ގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއޯސީ


އެތުލީޓުންނަށް ހާއްސަ ފޯރަމެއް އެމްއޯސީ އިން ފަށައިފި

25 ނޮވެންބަރު 2023 - 08:34 0

ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ހުރި ފުރުސަތުތަކާއި، އެތުލީޓުންނާ ގުޅުން ހުރި ކަންކަން ހިއްސާކުރުމަށް ހާއްސަ އެތުލީޓްސް ފޯރަމެއް ފަށައިފި އެވެ.

ދެ ދުވަހަށް ދެމިގެންދާ އެތުލީޓްސް ފޯރަމަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އެތުލީޓްސް ކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ފޯރަމްގައި އެމްއޯސީގައި ރަޖިސްޓްރީކޮށްފައިވާ 17 ކުޅިވަރު އެސޯސިއޭޝަނަކުން އެތުލީޓުން އަންނަނީ ބައިވެރިވަމުންނެވެ.

ހުކުރު ދުވަހުގެ ހެނދުނު އެތުލެޓިކްސް ފޯރަމް ފެށުމުގެ ގޮތުން ކުރިއަށްދިޔަ ބައިގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްގެ އިތުރުން އެމްއޯސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެތުލީޓުންނަށް ދިމާވާ އެކިއެކި ކަންކަން ހިއްސާކޮށް މަޝްވަރާކުރުމާއި، އެތުލީޓުންނާ ގުޅުންހުރި އެކި އެކި ކަންކަމުގެ މައުލޫމާތުތައް ހިއްސާކުރުމަށް އޮންނަ މި ފޯރަމްގައި ފުރަތަމަ ދުވަހު ކުރިއަށްދިޔަ އެންމެ ހާއްސަ ހަރަކާތަކީ މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއުއާ ސުވާލުކޮށް ކަންކަން އޮޅުންފިލުވުމަށް އެތުލީޓުންނަށް ލިބުނު ފުރުސަތެވެ.

ހުކުރު ދުވަހު ކުރިއަށްދިޔަ އެހެން ހަރަކާތްތަކަށް ބަލާއިރު، ކުރީގެ ކުޅިވަރު ކުޅުންތެރިންވަނީ ކުޅުމުން ރިޓަޔާކުރުމަށްފަހު އެތުލީޓުންގެ ކެރިއަރު ބިނާކުރުމާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ. އަދި މީގެ އިތުރުން ކުޅުންތެރިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ހިއްސާކުރުމަށްވެސް ސެޝަންއެއް ކުރިއަށްދިޔަ އެވެ.

އެމްއޯސީގެ އެތުލީޓްސް ފޯރަމްގައި ކުރިއަށްދިޔަ ސެޝަނެއްގެ ތެރެއިން - ފޮޓޯ: އެމްއޯސީ


ފުރަތަމަ ދުވަހުގެ ސެޝަން ނިންމާލީ ނުރަނގަޅު ގޮތުގައި ކުޅިވަރަށް ނުފޫޒު ފޯރުވުމާއި ގުޅޭގޮތުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ފަރާތުން ހުށަހެޅި ޕްރެޒެންޓޭޝަނަކާއިއެކުގަ އެވެ. މިގޮތުން އޯސީއޭގެ އެތުލީޓްސް ޑިވެލޮޕްމަންޓް ހެޑް ޓޯނީ ޓާރާފް ވަނީ ރިޝްވަތު ނެގުމާއި، މެޗު ފިކްސިން ފަދަ ކަންކަމުން ކުޅިވަރަށް އަންނަ އަސަރު ކިޔައިދީ، މިކަންކަން ހުއްޓުވުމަށް އެތުލީޓުންނަށް ކުރެވޭނެ ކަންކަން ހިއްސާކުރައްވާފަ އެވެ.

މި ފޯރަމް އަކީ އެމްއޯސީގެ އެތުލީޓްސް ކޮމިޝަނުން އިސްނަގައިގެން އެތުލީޓުންނަށް ބާއްވާ ފުރަތަމަ ފޯރަމް އެވެ. އެމްއޯސީގެ އެތުލީޓްސް ކޮމިޝަން ވުޖޫދުވެގެން އައީ 2021ގެ ޑިސެމްބަރުގަ އެވެ. އެ ގޮތުން، 2012 އިން ފެށިގެން ކުޅިވަރުތަކުގެ ގައުމީ ޓީމްތަކަށް ކުޅެފައިވާ ކުޅުންތެރިންގެ ވޯޓުން ހޮވި އެތުލީޓްސް ކޮމިޝަންގެ ޗެއާ އަކީ ގައުމީ ބާސްކެޓްބޯޅަ ޓީމްގެ ކެޕްޓަން އަހުމަދު ޒަބީރު އެވެ.