24 ނޮވެންބަރު 2023 - 15:11 3
ސާއިފް ޝިޔާދު
ރައީސް އަބްދުالله ޔާމީން 2023 ވަނަ އަހަރުގެ ޕީޕީއެމް/ޕީއެންސީ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަންނަވަނީ. އެމަނިކުފާނު ވަނީ އެ ކޯލިޝަނާ ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވާފައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
24 ނޮވެންބަރު 2023 - 15:11 3
ރައީސް އަބްދުالله ޔާމީން އާ ސިޔާސީ ޕާާޓިއެއް އުފެއްދެވުމަކީ އާ ކަމެއް ނޫނެވެ. އެންމެ ފުރަތަމަ އެކަން ކުރެއްވީ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ލީޑާޝިޕާ މެދު އުފެެދުނު ނުތަނަވަސްކަމެއްގެ ތެރެއިންނެވެ. ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ. އެމަނިކުފާނު ހިމެނޭހެން އެ ޕާޓީން 2009 ގެ މަޖިލިސް އިންތިހާބުގައި ހަތް ގޮނޑި ނެގި އެވެ.
ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޑީއާރުޕީން ވަކިވުމުން އެމަނިކުފާނާ އެކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އޮކްޓޯބަރު 27, 2011 ގައި އުފެއްްދެވި އެވެ. އެ ޕާޓީގެ ޓިކެޓުގައި 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރާއްޖޭގެ ވެރިކަމަށް ޔާމީން ވަޑައިގަތެވެ. މަޖިލިސް އިންތިހާބުގައި ވެސް ކާމިޔާބު ހޯއްދަވައި ޔާމީންގެ ލީޑާޝިޕްގައި ޕީޕީއެމް ވަރުގަދަ ކުރެއްވި އެވެ. އެމަނިކުފާނުގެ "ވަތަނީ ފިކުރު" ގެ އާ ލީޑަރުން ޕާޓީގެ ކުރީ ސަފަށް ނެރުއްވި އެވެ.
ނަމަވެސް, ޔާމީންގެ ވެރިކަމާ ދެކޮޅަށް މައުމޫން ނުކުންނެވުމާ އެކު ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ޖެނުއަރީ 2019 ގައި އުފެއްދެވި އެވެ. ޕީޕީއެމްގެ ލީޑަރެއްގެ ގޮތުގައި ޔާމީން ހުންނެވިއިރު ޕީއެންސީގައި ހުންނެވީ އެމަނިކުފާނާގެ އެންމެ އަރިސް ސިޔާސީ މިތުރު އަބްދުއްރަހީމް އަބްދުالله އެވެ.
އިދިކޮޅުގެ ލީޑަރެއްގެ ގޮތުގައި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް އަނެއްކާ ވެސް ޔާމީނުގެ ފޮޓޯއާއި އެމަނިކުފާނުގެ "ވަތަނީ ފިކުރު" މިވަނީ ޕީޕީއެމް/ޕީއެންސީ ސިޔާސީ ބާރުވެރިކަމުގެ ކުރިބޯއްޓަށް ވާސިލުކޮށްދީފަ އެވެ.
މިފަހަރު އަދި ވެރިކަމަށް ހަފުތާއެއް ނުވެ އެވެ. ޔާމީން މިވަނީ ޕާޓީ ދޫކުރައްވައި ވެރިކަމާ ފެއަށް ޖެހި އެމަނިކުފާނުގެ "ވަތަނީ ފިކުރު" ކުރިއަރުވަން އާ ޕާޓީއެއް އުފައްދަވަން ފަށްޓަވާފަ އެވެ. ސުވާލަކީ މިއީ މީގެކުރިން މައުމޫނަށް, އަދި ޔާމީނުގެ އެންމެ ބޮޑު ސިޔާސީ ހަތުރު ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތަޖުރިބާއިން އެމަނިކުފާނު ނިންމެވި ނިންމެވުމެއްތޯ އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އަރުވަން ބޭއްވި ޖަލްސާގައި މިހާރުގެ ރައީސް މުއިއްޒު އެ ޓިކެޓު އުފުއްލަވަނީ. ޖަލު ހުކުމެއްގައި ހުންނެވުމުން ޔާމީނަށް ވާދަނުކުރެވުމާ ގުޅިގެން ދެން ނުކުންނެވީ މުއިއްޒު --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
މައުމޫނަށް 2008 ގައި ވެރިކަން ގެއްލުމާ އެކު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ސިޔާސީ މައިދާނާ ދުރަށް ޖެހިވަޑައިގެންނެވި އެވެ. ޑީއާރުޕީގެ ލީޑަރެއްގެ ގޮތުގައި ޖެނުއަރީ 2010 އާ ހަމައަށް ހުންނެވުމަށް ފަހު ސިޔާސީ މަސައްކަތްތަކުން ރިޓަޔާ ކުރެއްވި އެވެ.
ނަމަވެސް, ޑީއާރުޕީގެ ލީޑާޝިޕް ހަވާލުކުރެއްވި އަހްމަދު ތަސްމީން އަލީ އާއި ޓީމާ މެދު ހިތްހަމަނުޖެހި ޕާޓީ ތެރެއިން އާ ފެކްޝަނެއް އުފެއްދެވި އެވެ. ޑީއާރުޕީ ފުނޑިގެން ދިޔައީ ފެކްޝަންތަކުގެ ވާދަވެރިކަމުގަ އެވެ. ޕީއޭގައި ހުންނެވި ކޮއްކޯފުޅު ޔާމީނާ ގުޅިވަޑައިގެން ޕީޕީއެމް އުފައްދަވަން މައުމޫނަށް މަޖުބޫރުވީ ވެސް ޕާޓީގެ ކޮންޓްރޯލް ލިބިވަޑައިނުގަތުމުންނެވެ.
ޕީޕީއެމް އުފައްދަވައި "ޒެޑް ޑީއާރުޕީ" އާއި ޕީއޭގެ ސިޔާސީ ކުރިމަގު އެއް ވަޒަނަކަށް ފެއްތެވިއިރު ޕާޓީގެ ޒައީމެއްގެ ގޮތުގައި ހުންނެވީ މައުމޫނެވެ. ވެރިކަމުގައި ޔާމީނެވެ. މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ޔާމީންގެ ކެބިނެޓުގަ އެވެ. އަނެއް ދަރިކަލުން ފާރިސް މައުމޫން ބައި އިލެކްޝަނެއް ކާމިޔާބުކޮށް މަޖިލީހުގެ ގޮނޑިއެއް ހޯއްދެވި އެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ. ގައްސާން މައުމޫން ވެސް ހުންނެވީ ސްޓޭޓް މިނިސްޓަރަކަށެވެ.
އެހެންކަމުން, ސިޔާސީ މަސައްކަތްތަކުގައި ޒައީމު މައުމޫން އެކްޓިވްކޮށް ނޫޅުއްވަ އެވެ. ސަރުކާރުގެ ކަންކަމަށް ބަސް ނުކިޔުއްވަ އެވެ. ކޮއްކޯފުޅު ޔާމީނަށް ފުރިހަމަ އިތުބާރާއި އާރާއިބާރާ އެކު ވެރިކަން ކުރައްވަން ފުރުސަތު ދެއްވީ އެވެ. ނަމަވެސް, އެއީ މައުމޫނާއި ޔާމީނުގެ ގުޅުން ނިމެން މެދުވެރިވި ސަބަބެވެ.
ވެރިކަމުގެ ޖާހާއި އިއްޒަތުގެ ބާރު ޔާމީން ބޭނުންކުރެއްވީ އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓެވުމަށާއި މައުމޫން ޒައީމެއްގެ ގޮތުގައި ހުންނެވި ޕާޓީގެ ކޮންޓްރޯލް ނެންގެވުމަށެވެ. ޕާޓީގެ އެތެރޭގައި ޔާމީނަށް އޮތް ވަފާތެރިކަން އިތުރުވެ އެމަނިކުފާނަކީ ޕާޓީގެ އެންމެ އިސް ލީޑަރު ކަމުގައިވި އެވެ. ޕާޓީގެ އިސް ލީޑަރުންނާއި ހަރަކާތްތެރިން ތިބީ ސަރުކާރު މަގާމުތަކުގަ އެވެ. މަޖިލިސް މެމްބަރުންގެ މުއްސަދިކަން އިންތިހާއަށް އިތުރުވި އެވެ.
ރައީސް ނަޝީދު (ކ-2), ރައީސް ސޯލިހު (މ) އަދި ރައީސް މައުމޫން (ވ-2). ނަޝީދާއި ސޯލިހުގެ މެދުގައި މައްސަލަ ޖެހުނުއިރު މައުމޫނާއި ޔާމީނުގެ މެދުގައި މައްސަލަ ޖެހުނު --- ފޮޓޯ: ޕީއެސްއެމް
ހަމައެގޮތަށް, ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދު ވެސް ކަންކަން ހިނގައިދިޔައީ އެ ބީދައިންނެވެ. ވެރިކަމަށް އިބޫ ވަޑައިގަތުމާ އެކު ނަޝީދުގެ އަރިހުގައި ތިއްބެވި އެތައް ބަޔެއްގެ ވަފާތެރިކަން ބަދަލުވި އެވެ. ނަޝީދަކީ އެމްޑީޕީގެ ކުރިމަގަށް ވުރެ މާޒީ ކަމުގައި ގަބޫލުކުރިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ދެ ރައީސުން އެކުގައި ނިކުންނަވައި ހޯއްދެވިއިރު ޕާޓީގެ ޕީޖީގައި ވެސް އޮތީ ދެ ފެކްޝަނެވެ. ބޭރަށް ވަރަށް މަތި އޮމާންކޮށްގެން އުޅުނު ނަމަވެސް އިންތިހާއަށް އެތެރޭގެ ތަޅާފޮޅުން އޮތީ ބޮޑުވެފަ އެވެ. ކޮންމެ އިންތިހާބެއްގައި ވެސް ދެ ފެކްޝަނުން މީހުން ނެރުނެވެ. ޔާމީނެކޭ އެއްގޮތަށް އިބޫއަށް ވެސް ލިބުނު އެންމެ ބޮޑު ބާރަކީ ވެރިކަމުގައި ހުންނެވުމެވެ.
ޕީޖީ ގްރޫޕްގެ ކޮންޓްރޯލް ނެންގެވި އެވެ. ޗެއާޕާސަން އިންތިހާބުގައި ކުރި ހޯއްދެވީ އިބޫގެ ކެންޑިޑޭޓެވެ. މި ނޫނަސް ޕާޓީގެ ކޮންމެ އެތެރޭގެ އިންތިހާބެއްގައެވެ. އެންމެފަހުން ގޮސް ޕާޓީގެ ޓިކެޓަށް ދެ ރައީސުން ވާދަކޮށް އޭގެއިން ވެސް އިބޫ ކުރިހޯއްދެވި އެވެ. ނަޝީދު ސަރުކާރާ ދެކޮޅަށް ފާޅުގައި ނުކުންނެވީ އެ ހިސާބުންނެވެ. ގާތްގަނޑަކަށް ތިން އަހަރާއި ބައި ފަހުންނެވެ.
އެ ބަލީގައި ގޮސް ނަޝީދަށް މުޅި ޕާޓީ ގެއްލުނީ އެވެ. ޕާޓީގެ މެމްބަރުންގެ ތާއީދު ވެސް ގެއްލުނީ އެވެ. ތާއިދު ކުރި ބަޔަކާ އެކު ގޮސް އާ ޕާޓީއެއް އުފައްދަވަން މަޖުބޫރުވީ އެވެ.
އާ ސިޔާސީ ޕާޓީއެއް ޔާމީން އުފައްދަވަން ޖެހިވަޑަގަތީ ސަބަބުތަކެއް ނެތިއެއްް ނޫންކަން އެމަނިކުފާނުގެ ވަކީލު ޑރ. ޖަމީލު ރޭ ފާހަގަކުރައްވާފައިވެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބުމުގެ މައިގަނޑު ސަބަބަކީ ރައީސް ޔާމީނެވެ. މިއީ އެމަނިކުފާނުގެ ސިކުނޑީގައި ކުރަހައި ކުލަކުރި ކެމްޕޭނަކުން ޕީޕީއެމް/ޕީއެންސީން ހޯދި ކާމިޔާބީއެކެވެ.
އެކަމާ ދެބަސްވެވެން ނެތެވެ.
"ކޮތަރު ކޮށި" ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނުގެ ލީޑާޝިޕްގައި ޕީޕީއެމުން ވަރުގަދަ ރެލީތަކެއް ބޭއްވި --- ފޮޓޯ: އަދަދު ފައިލް
އިދިކޮޅު ހަރަކާތްތައް ވަޅުޖެހިފައި އޮއްވައި މުޅި އިދިކޮޅު އެކީއެކަށް ރުކުރުވާލީ ޔާމީންގެ ދިފާއުގައި ތެދުވާން ޖެހުނު ހިސާބުންނެވެ. ޖަލު ބަންދުން ގެ ބަންދުން ރަށު ބަންދުން ޔާމީނު ހޭދަކުރެއްވި ދުވަސްތަކަކީ ސަރުކާރަށް ޕްރެޝަރު އޮތް ދުވަސްތަކެކެވެ. އަދި, ބަންދުން ވީއްލުމާ އެކު ކުރިއަށްގެންދެވި ސިޔާސީ ހަރަކާތްތަކަކީ ސަރުކާރު ފަހަތު ފަޔަށް ވައްޓާލި ކަންކަމެވެ.
"ކޮތަރު ކޮށި", "ފެލާލައިފި", "ނަބިއްޔާގެ ދިފާއުގައި," އަދި އެންމެފަހުން ގޮސް ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށް ބޭއްވެވި "ހަވާލޭ ވަތަން" ޖަލްސާއަކީ އިދިކޮޅު ސަޕޯޓަރުންގެ އުންމީދުތައް އާކުރުވި ބޮޑު މަންޒަރުތަކެކެވެ. ދެއްވާ ޖެހިލުންކުޑަ, ބާރުގަދަ, ވަތަނީ ތަގުރީރުތައް އަޑުއަހަން އެތައް ބަޔަކު ނުކުތެވެ. އެއީ, ސަރުކާރަށް އޮތް ތާއިދު ދަށް ކުރުވި ހަރަކާތްތަކެކެވެ. ރައްޔިތުންނަށް އެހެން ގޮތެއް އޮތްކަން ދައްކުވައިދިން ހަރަކާތްތަކެކެވެ.
އެއާއެކު ދެން ފެއްޓެވީ އިބޫގެ ވެރިކަން ބަދަލުކުރަން އޭރުގެ އިދިކޮޅުން ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރުގެ މަސައްކަތްތަކެއްވެ. "އިންޑިއާ އައުޓް" ކެމްޕޭނަކީ ރައީސް ޔާމީނުގެ ބެއްލެވުމާއި އިސްނެންގެވުމުގެ ދަށުން ސީދާ އެމަނިކުފާނު ލީޑު ކުރެއްވި ކެމްޕޭނެކެވެ. މިނިވަންކޮށް ހުންނެވި ދުވަސްވަރު ރަށްރަށަށް ދަތުރުކުރައްވައި އެ ކެމްޕޭނަށާއި އިދިކޮޅަށް ތާއީދު އިތުރުކުރެއްވި އެވެ.
"ކަނޑު ވިއްކާލި" މައްސަލާގައި ވެސް ސަރުކާރާ ދެކޮޅަށް ވަރުގަދަ ހަރަކާތްތަކެއް އެމަނިކުފާނުގެ އެންގެވުމާ އެއްގޮތަށް ކުރިއަށްގެންދިޔަ އެވެ. ރާއްޖޭގެ އިސްތިގުލާލައި މިނިވަންކަން ކެމްޕޭނުގެ އެންމެ ވަރުގަދަ ދެ ތަނބަށް ހެއްދެވި އެވެ. ސަރުކާރު ކޮރަޕްޓު ކަމުގެ ލޭބަލް އެޅުއްވި އެވެ.
މިއީ ރައީސް ޑރ. މުއިއްޒުގެ ކެމްޕޭނުގެ އުސްއަލިތަކެވެ. ޔާމީންގެ ސިޔާސަތުތަކާއި ޔާމީނު މިނިވަން ކުރައްވާނެ ކަމުގެ ވައުދަކީ 130,000 އެތައް ހާސް ބަޔަކު ރައީސް މުއިއްޒުއަށް ވޯޓު ދިން ސަބަބެވެ. ކޮންމެ ކެމްޕޭން ޖަލްސާއެއްގައި ރައީސް މުއިއްޒު ތަކުރާރު ކުރެއްވީ އެ ވާހަކަތަކެވެ. މުޅި ކެމްޕޭން ބިނާކުރެއްވި "ދިވެހީންގެ ރާއްޖެ" ސްލޯގަންއަކީ ސީދާ ޔާމީން އުފެއްދެވި ސްލޯގަންއެކެވެ.
މަޖިލީހުގައި ޔާމީނު ފުރުއްވި މުލަކު ދާއިރާގެ މުލަކަށް ވަޑައިގެން ރައީސް މުއިއްޒު ބޭއްވެެވި ކެމްޕޭން ޖަލްސާގައި ޔާމީނަށް އިހުތިރާމު އަދާކުރުމުގެ ގޮތުން ބަހައްޓާފައިވާ ގޮނޑީގެ ދެ ފަރާތުގައި ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް. ކޮންމެ ޖަލްސާއެއްގައި ވެސް ރައީސް މުއިއްޒުގެ ކައިރީގައި "ރައީސް ޔާމީން" ޖަހާފައި ހުރި ފިޔާތޮށި ގޮނޑިއެއް ހުރި --- ފޮޓޯ: މިރާން ނާޝިމް/އަދަދު
އެމަނިކުފާނުގެ މިނިވަން ކުރައްވާނެ ކަމަށާއި އެމަނިކުފާނަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންނެވި އެވެ. ކޮންމެ ޖަލްސާއެއްގައި ޔާމީނަށް ހާއްސަކޮށް ވަކި ގޮނޑިއެއް ބަހައްޓާފައި ހުރިއިރު ރައީސް މުއިއްޒުގެ ރަސްމީ ކެމްޕޭން ޕޯސްޓަރުގައި އެންމެ ބޮޑުކޮށް ހުރީ ޔާމީނުގެ ފޮޓޯފުޅެވެ.
އެ ކާމިޔާބު ކެމްޕޭނަށް ފަހު ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު ޔާމީން ގެއަށް ބަދަލުކުރި އެވެ. ނަމަވެސް, ހުކުމް ބާތިލުކޮށްފައި ނުވެ އެވެ. ޔާމީން ގެއަށް ބަދަލުކުރި ދުވަހު އަރިހުގައި ރައީސް މުއިއްޒު ހުންނެވިރު ދެ ބޭފުޅުން ވާހަކަ ދެއްކެވި މަންޒަރު ކެމެރާތަކުން ފެނިފައި ނުވެ އެވެ. ހުވާ ކުރެއްވުމަށް ފަހު މިއަދާ ހަމައަށް ވެސް ޔާމީނުގެ ބަންދަށް އިތުރު ލުއިތަކެއް ދީފައި ނުވެ އެވެ.
އިންތިގާލީ މަރުހަލާގައި ދެ ޕާޓީގެ ވާދަވެރިކަން ބޮޑުވެ ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ ތެރެއިން ޕީޕިއެމްގެ މެމްބަރުން ގެންދާ ކަމުގެ މައްސަލަ ފެންމަތިވި އެވެ. ރައީސް މުއިއްޒުގެ ކެބިނެޓު ކަނޑައެޅިއިރު ޔާމީން އެދިވަޑައިގެންނެވި ގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ވެސް އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
އެ ދެކޮޅުވެރިކަމުގައި އެންމެ ފަހުން ޕީޕީއެމްގެ އޮފީހުގައި ހިންގަމުންދިޔަ ޕީއެންސީގެ އޮފީސް ވެސް ވަކިކޮށް މުޅިން އާ ތަނަކަށް ބަދަލުކުރި އެވެ. އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ އެވެ. އެ ހިސާބުން ޕީޕީއެމް ބަލިކަށިވެ ގެއްލިދާނެ ކަމަށް ޔާމީނަށް ފެނިވަޑައިގަތީ އެވެ. އެކަން އެގޮތަށް ނުކުރުމަށް ވެސް އެދިވަޑަތެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން. ޔާމީނަށް ކުރިން ވަފާތެރި ނަމަވެސް ސަރުކާރަށް އައުމަށް ފަހު އެކަށީގެންވާ ގޮތެއްގައި ޔާމީނާ ގުޅުން ބާއްވާފައި ނުވާ ކަމަށް ޔާމީނުގެ ވަކީލު ވިދާޅުވެފައިވޭ --- ފޮޓޯ: އަދަދު ފައިލް
ނަމަވެސް, އެކަން ނުހުއްޓައި ކުރިއަށްގެންދާތީ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭރުން އެ ޕާޓީ ހިންގެވުމަށް 13 މެމްބަރުންގެ ކޮމިޓީއެއް ޔާމީން ނެންގެވި އެވެ. އެއީ ޕާޓީގެ މަސައްކަތްތައް ހުއްޓިފައި އޮތް ކަމަށް ދެކެވަޑައިގަންނަވާތީ ޔާމީން ނެންގެވި ކޮމިޓީއެކެވެ.
އެކަމަކު, ޔާމީން އުފެއްދެވި ކޮމިޓީގައި އިސްކޮށް ހުންނެވި އެމަނިކުފާނުގެ ކެބިނެޓުގައި ވެސް ހިމެނުނު މުހައްމަދު މަލީހު އެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާ ގުޅިގެން ޕާޓީން ވަކިކުރި އެވެ.
އެ ސިޓީގައި ސޮއިކުރެއްވީ ޕީޕީއެމްގެ ސްލޮޓުގައި ވަޒީރުންގެ ގޮތުގައި ތިއްބެވި އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އެވެ. ދެންވެސް ލީޑާޝިޕްގެ ގިނަ ބޭފުޅުން ތިއްބެވީ ސަރުކާރުގެ މަގާމުތަކުގައި ކަމުން ޕާޓީއާއެކު އިތުރަށް ކުރިއަށް ދެވޭނެ މަގެއް ޔާމީނަށް ފެނިވަޑައި ނުގަތެވެ.
ޔާމީން 13 މެމްބަރުންގެ ކޮމިޓީ އުފެއްދީ އެކަން ވަކަރަށް ޖެހުމަށް ކަމަށް ބެލެވެ އެވެ. މީގެ ދެ އަހަރެއްގެ ކުރިން ފެށިގެން ނޮވެމްބަރު 17 އާ ހަމައަށް ފިޔަވަޅުތައް ގާތްކުރަމުން ދިޔަ ގޮތާއި ކަން ހިނގިގޮތާއި ކަންކުރި މީހުން ޔާމީނަށް މިހާރު ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ.
ޔާމީނަކީ ސިޔާސީ ގޭމުތަކަށް މިހާރު މި އޮތް ސަރުކާރަށް ވުރެ ތަޖުރިބާ މާ ގިނަ ބޭފުޅެކެވެ. އެހެންވެ، ކުއްލިއަކަށް އެ އެޅުއްވީ މީހަކު ކުރިން ވިސްނާފައި ނެތް ފިޔަވަޅެކެވެ. ނަމަވެސް ރަނގަޅަށް ހިސާބު ޖެހުމަށް ފަހު ޔާމީން ނިންމީ ޕީޕީއެމްގެ ތެރެއިން ކެކި ގަންނަ ގޮތް ބެލުމަށެވެ. ކުރިން މިތުރުންނަށް ތިބި ބައެއް ފަރާތްތަކަށް މިހާރު ރައީސް ޔާމީނެއް ނެތެވެ.
ރައީސް މުއިއްޒު ކެމްޕޭނަށް ކުރެއްވި ދަތުރެއްގައި ޔާމީނަށް ތާއީދުކޮށް ލިޔެފައިވާ ބެނާއެއް. ކޮންމެ ރަށެއްގައި ވެސް ޔާމީނަށް އޮތް ވަފާތެރިކަން ކެމްޕޭނުގެ ތެރެއިން ފެނިގެންދިޔަ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
މަލީހާ މެދު އެޅި ފިޔަވަޅުން ޕީޕީއެމްގެ ލީޑާޝިޕްގެ ތާއީދު ނެތްކަން ހާމަވި އެވެ. އެހެންކަމުން, އެ ޕާޓީ ދޫކުރައްވައި މަޖިލިސް އިންތިހާބަށް ޔާމީނު އެވަނީ ތައްޔާރީތައް ފަށްޓަވާފަ އެވެ. މިއީ އެތައް ބަޔެއްގެ ވަފާތެރިކަން އޮތްގޮތް ހާމަކުރަން ޖެހޭނެ ފަދަ ނިންމެވުމެކެވެ. ޔާމީނަށް ވަފާތެރިކަން އޮތީ ކޮން ބައެއްގޯ ވަރަށް ރަނގަޅަށް އެނގިގެންދާނެ އެވެ.
ސިޔާސީ ފިކުރު ދެކަފިވެފައިވާ އެންމެނަށް ވަކިކޮޅެއް އިހުތިޔާރު ކުރަން ޖެހޭނެ އެވެ. މަގާމު ކަމަށްވާނަމަ މަގާމެވެ. ޔާމީނު ކަމަށްވާނަމަ ޔާމީނެވެ. މިއީ, ރައީސް މުއިއްޒުގެ ސަރުކާރަށް ވެސް ކުރިމަތިވާ ބޮޑު އިމްތިހާނެކެވެ.
އަދި, މަޖިލިސް އިންތިހާބުގެ މުހިންމުކަން ހުރިހާ ޕާޓީއަކަށް ވެސް އިތުރުވި ނިންމުމެކެވެ. އެކަމަކު, ޔާމީންގެ "ވަތަނީ ފިކުރު" ޕާޓީއެއްގެ ގޮތުގައި ކުރިއެރުވެން އޮތީ ބަންދު ނިމުމަކަށް އައުމުންނެވެ.
ޔާމީންގެ މި ނިންމުމަކީ ރައީސް މުއިއްޒަށް ފަސޭހަ ވެގެންދާނެ ކަމެއް ނޫނެވެ.
Comment