23 ނޮވެންބަރު 2023 - 18:20 0
ނިމާ ހަސަން
ކިންގް ފޮރެކްސްގެ އެކައުންޓުތައް ފްރީޒް ކުރުމުން, އެ ކުންފުނީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ސައީދު/ އަދަދު
23 ނޮވެންބަރު 2023 - 18:20 0
ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކައިން ކަމަށްވާ މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލާގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ, މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލާގައި ގެއްލުން ލިބުނު 13 މީހުންގެ ބައިގެ މައްޗަށް ކަމަށެވެ.
އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން ކިންގްސް ކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް, ހިންގި އެ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓު ކުރި އެވެ. މިއަދު ދައުވާ އުފުލީ އެ ކުންފުންޏަށް ފައިސާ އިންވެސްޓުކުރި މީހުންގެ ތެރެއިން 13 މީހުން މައްސަލަ ތަހުގީގު ކުރުމަށްފަހު, އެމީހުންގެ ބަޔަށެވެ.
މި މައްސަލާގައި މ. ފިނިވާގެ 2 ނަންބަރު ބައި, އަލްހާން ފަހުމީ އަދި ސަހުބާން ފަހުމީގެ އިތުރުން ސ. ފޭދޫ, ބޮންތި, ޝަޒްބާން ފަހުމީގެ މައްޗަށް ޖުމްލަ 39 ދައުވާއެއް ކޮށްފައިވެ އެވެ. އެއިން ކޮންމެ މީހެއްގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ހ. ގެ ދަށުން ޓެކުމުގެ ކުށުގެ 13 ދައުވާ އެވެ.
މި ދައުވާތައް ކުރީ އަލްހާން, ސަހުބާން އަދި ޝަޒްބާންގެ އާއިލީ ކުންފުނި, ކިންގްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ނުކޮށްދީ ފައިސާ ޓަކައިފައި ވާތީ އެވެ.
މި މައްސަލާގައި ގެއްލުން ލިބުނު އިތުރު މީހުންގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި ހުށަހެޅުމުން އިތުރު ދައުވާތައް ކުރުމާމެދު ގޮތް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment