Advertisement

ޕޮގްބާގެ ތަހުގީގު ކުރިއަށް: ހަތަރު އަހަރުގެ ސަސްޕެންޝަނެއް؟

24 ނޮވެންބަރު 2023 - 10:40 0


ޕޮގްބާގެ ތަހުގީގު ކުރިއަށް: ހަތަރު އަހަރުގެ ސަސްޕެންޝަނެއް؟

24 ނޮވެންބަރު 2023 - 10:40 0

ޓިއުރިން (ނޮވެމްބަރު 24) - މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން ހިމެނޭ ބޭހެއް ބޭނުންކޮށްފައިވާތީ، ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު، ޕައުލް ޕޮގްބާގެ ތަހުގީގު ކުރިއަށްދާއިރު، އޭނާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އޮތްކަން ހާމަވެއްޖެ އެެވެ.

އިޓާލިއަން ލީގުގައި ސެޕްޓެމްބަރު، 20 ވަނަ ދުވަހު ޔުވެންޓަސް އިން އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އެ މެޗުގައި ނުކުޅުނު ނަމަވެސް ޕޮގްބާ، 30، ވަނީ ޑޯޕިން ޓެސްޓެއް ކޮށްފަ އެވެ. އެ ޓެސްޓްގެ ނަތީޖާގެ ރިޕޯޓްތައް ބެލުމަށް ފަހު، އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) އިން ބުނެފައިވަނީ މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން ބޭނުންކޮށްފައިވާކަން ޕޮގްބާގެ ސާމްޕަލުން އެނގޭ ކަމަށެެވެ.

ނާޑޯ އިން ނިންމީ ޕޮގްބާގެ ފުރަތަމަ ޓެސްޓްގެ އިތުރު ކަންކަން ބެލުމަށް ފަހު، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނަށް ރިޕޯޓެއް ހުށަހެޅުމަށެވެ. އެއީ އިތުރު ސާމްޕަލެއް ޓެސްޓްކޮށް، އޭގެ ތަފްސީލާ އެކު، ފެޑެރޭޝަނަށް ތަފްސީލީ ހޯދުންތައް ދިނުމުގެ ގޮތުންނެވެ. އެ ގޮތުން، އޮކްޓޫބަރު މަހު ފުރަތަމަ ހަފްތާގައި ޓެސްޓްކުރި ޕޮގްބާގެ ސާމްޕަލް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ދުނިޔޭގެ އެންޓި ޑޯޕިން ގަވާއިދު ބުނާގޮތުން، ޕޮގްބާގެ ގައިން މި ފެނުނު ބޭހުގައި ހިމެނޭ، ޓެސްޓޯސްޓެރޯން ބޭނުންކުރާ އެތުލީޓަކަށް މަދުވެގެން، ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.

ޕޮގްބާގެ ލީގަލް ޓީމުން ބުނެފައިވަނީ އެ ބޭހަކީ ޕޮގްބާގެ ރިހެބިލިޓޭޝަން ދުވަސްވަރު، އެމެރިކާގެ ސްޕެޝަލިސްޓް ޑޮކްޓަރެއް ދިން ބޭހެއް ކަމަށެވެ. އަދި ސަސްޕެންޝަނެއް އަތުވެއްޖެނަމަ، މައްސަލަ ހިފައިގެން ކުޅިވަރުގެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން (ކާސް) އަށް ދާނެ ކަމަށެވެ.

ސަސްޕެންޑްކޮށްފިނަމަ ޔުވެންޓަސް އިން ޕޮގްބާ ދޫކޮށްލަނީ؟

ހިލޭ ޓްރާންސްފާއެއްގައި މިދިޔަ އަަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ޕޮގްބާ އަލުން ކުރިން ކުޅުނު ކްލަބް، ޔުވެންޓަސް އަށް ބަދަލުވީ ހަތަރު އަހަރުގެ ޑީލެއްގަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު، މި ސީޒަނުގައި އެނބުރި އައިސް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ މަނާބޭސް ބޭނުންކުރީ އަނިޔާއިން ރަނގަޅުވާ މިންވަރު އަވަސްކޮށް، ފިޓްވެ، ކުރީގެ މޮޅު ކުޅުން ދައްކަން ބޭނުންވާތީ އެވެ. އެއީ މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ކަމެއް ޕޮގްބާ އަށް ނޭނގޭ ކަމަށް ވެސް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޔުވެންޓަސްގެ ކުރީގެ ޖެނެރަލް މެނޭޖަރު، ލޫޝިއާނޯ މޮޖީ ބުނީ ސަސްޕެންޝަނެއް އަތުވެއްޖެނަމަ ޔުވެންޓަސް އިން ޕޮގްބާ ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ ޔުވެންޓަސްގެ މިހާރުގެ މާލީ ހާލަތު އޮތްގޮތުން، ސަސްޕެންޝަނުގައި ދިގު މުއްދަތަކަށް ޕޮގްބާ ހުއްޓައި، އޭނާ އަށް މިހާރު ދެމުން އަންނަ މުސާރަ ނުދެވޭނެތީ އެވެ.