Advertisement

ސްކަލޯނީ އާޖެންޓީނާ ކޯޗުކަމުން ވަކިވަނީ

23 ނޮވެންބަރު 2023 - 08:21 0


ސްކަލޯނީ އާޖެންޓީނާ ކޯޗުކަމުން ވަކިވަނީ

23 ނޮވެންބަރު 2023 - 08:21 0

ރޮސާރިއޯ، އާޖެންޓީނާ (ނޮވެމްބަރު 23) - އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ލިއޮނަލް ސްކަލޯނީ ވަކިވާން ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.

އޭނާ މި ގޮތަށް ހާމަކޮށްފައިވަނީ، ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އާޖެންޓީނާ އިން ބްރެޒިލްގެ މައްޗަށް ކުރިހޯދި މެޗަށް ފަހު ދިން އިންޓަވިއުގަ އެވެ.

އެކަމަކު، ސްކަލޯނީ ވަނީ މަގާމުގައި ދެމިހުރުމާ ގުޅޭގޮތުން، ވަކި ގޮތެއް ނިންމާނީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންއާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ބުނެފަ އެވެ.

"އާޖެންޓީނާގައި ހުންނަން ޖެހޭނީ މަގާމުގެ އެ ޕްރެޝަރާ އެކު ކުރިއަށްދެވޭނެ ގޮތަށް ހުރި މީހެއް. އަހަރެން މި ދަނޑިވަޅުގައި ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. އަހަންނަށް ބޭނުންވާ ވަރަށް މި ވަޒީފާ އަށް ވަގުތު ދިނުން އެއީ މި ވަގުތަށް ބަލާއިރު ނުވެދާނެ ކަމެއްހެން އެބަ ބެލެވޭ،" ވޭތުވެދިޔަ ފަސް އަހަރު އާޖެންޓީނާ ކޯޗަކަށް ހުރި ސްކަލޯނީ ބުންޏެވެ.

އާޖެންޓީނާ އަށް މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ސްކަލޯނީ ބުނީ އެ ގައުމުގެ ފުޓްބޯޅަ ޓީމު އޮތީ ވަރަށް މަތީ ލެވަލްގައި ކަމަށާއި ކޮންމެ މެޗަކުން ވެސް ޓީމު މޮޅުވާން ޖެހޭ ކަމަށެވެ. އެ ފަދަ ލެވަލެއްގައި އާޖެންޓީނާގެ ޓީމު ގެންގުޅެވޭނެ ގާބިލު ކޯޗެއް ހުރުން ވެސް މުހިންމު ކަމަށް ސްކަލޯނީ ވަނީ ބުނެފަ އެވެ.

ސްކަލޯނީ، އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމުގައި މަސައްކަތް ކުރަމުން އަންނަނިކޮށް، ސީނިއާ ޓީމުގެ ކޯޗުކަން ލިބުނީ 2018 ވަނަ އަހަރު ޖޯޖް ސަމްޕައޮލީ، އާޖެންޓީނާގެ ކޯޗުކަމުން ވަކިކުރުމުންނެވެެ.

ސްކަލޯނީ މަގާމާ ހަވާލުވެ، 2021 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އާއި މިދިޔަ އަހަރުގެ ވޯލްޑް ކަޕް އަދި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުން ކުޅޭ، ފައިނަލިސިމާ ޓްރޮފީ އާޖެންޓީނާ އިން ހޯދަން އެހީތެރިވުމާ އެކު، ގިނަ ބަޔެއްގެ ސަޕޯޓް އޭނާ އަށް ވަނީ ލިބިފަ އެވެ.