Advertisement

ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުނުކުރެވުނީ ހަރަދުގެ އަރައިރުމުގައި: ނިޔާޒް

22 ނޮވެންބަރު 2023 - 15:28 1

އަމަން ހަލީމް

އަމަން ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް: ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ރައްޔިތުންގެ މަޖިލިސް


ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުނުކުރެވުނީ ހަރަދުގެ އަރައިރުމުގައި: ނިޔާޒް

22 ނޮވެންބަރު 2023 - 15:28 1

ހުޅުމާލޭގައި އާބަންކޯއިން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ނުކުރެވުނީ އެކަމަށް ހިނގާ ހަރަދަށް ވާނެ ގޮތުގެ އަރައިރުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ބަހުސްގެ ތެރެއިން ނިޔާޒް މިހެން ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގައި ހިމަނާފައިވާތީ، އެކަމަށް މަރުހަބާ ވިދާޅުވެ، ދެެއްކެވި ވާހަކައިގަ އެވެ.

ރައީސް އޮފީހުން އިއްޔެ ވަނީ މިކަމުގެ އިދާރީ މަސައްކަތް ފަށާފަ އެވެ.

ސަރުކާރުން މިކަން ކުރަން އަތުކުރި އޮޅާލައި، މަސައްކަތް ފެށި ނަމަވެސް ސިޓީ ކައުންސިލުގެ ދަށަށް މުނިސިޕަލް ހިދުމަތްތައް ބަދަލުކުރަން ފަސޭހަ ނުވާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އޭނާގެ މި ރައުޔު ބިނާކުރެއްވީ މިކަން ކުރަން އޭނާ އިސްވެ ހުންނަވައި ކުރި މަސައްކަތް ނާކާމިޔާބުވެ، ލިބުނު ތަޖުރިބާގެ މައްޗަށެވެ.

ނިޔާޒް ވިދާޅުވި ގޮތުން މާލެ ސިޓީ ކައުންސިލާ މި ހިދުމަތްތައް ހަވާލުކުރަން އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ. އެގޮތުން އެއީ ސަރުކާރުގެ ސިޔާސަތަށް ގެނެވޭ ބަދަލަކުން ކުރެވޭނެ ކަމެއް ކަމަށާއި އެ މަގުން މަސައްކަތްތަކެއް ކޮށްގެން، އެއްބަސްވުންތައް ވެސް ބަދަލުކުރެވުނު ކަމަށެވެ.

"ފެނުނު އެންމެ ރަނގަޅު ހައްލަކީ މުނިސިޕަލް ހިދުމަތްތައް އެއްބަސްވުމެއްގެ ދަށުން ކައުންސިލުން ހިދުމަތް ދިނުން. އެކަމުގެ މަޝްވަރާކޮށް، ސިޓީބިޓީ ބަދަލުކުރެވި، އެއްބަސްވުންތައް ވެސް ބަދަލުކުރެވުނު." އޭނާ ވިދާޅުވި އެވެ.

މިކަން ހުއްޓުނީ މިކަމަށް ހިނގާ ހަރަދު ކުރާނެ ގޮތަކާ މެދު ދެބަސްވީ ހިސާބުންނެވެ. ނިޔާޒް ވިދާޅުވީ ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތަކަށް 500 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި ބަހުސް ކުރީ މި ފައިސާއަށް ހަދާނެ ގޮތަކާ މެދު ކަމަށެވެ.

"500 މިލިއަން ރުފިޔާ ކައުންސިލަށް ޖަމާކުރާނީތޯ. ޖަމާކުރާ ކަމަށް ވާނަމަ އެކަމުގައި އިދާރީ ގޮތުން އޮންނަން ޖެހޭ އިންތިޒާމަކީ ނުވަތަ މާލީ ގޮތުން އޮންނަން ޖެހޭ އިންތިޒާމަކީ ކޮބައިތޯ، މިކަމަށް ވެވުނު އަރައިރުން ހަގީގަތުގައި މިކަން ބަދަލު ނުވެ އޮތް ސަބަބަކީ." އޭނާ ވިދާޅުވި އެވެ.

މިއީ އާބަންކޯ ވަރަށް ފައިސާ ލިބޭ ކުންފުންޏަކަށް ކުރެވިދާނެ ހަރަދެއް ނަމަވެސް، ސިޓީ ކައުންސިލުން މި ހަރަދު ކުރާނެ ގޮތަކާ މެދު ނިޔާޒް ސުވާލު އުފެއްދި އެވެ. ހަމައެހެންމެ، މުނިސިޕަލް ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ވާނެ ގޮތަކާ މެދު ވެސް އޭނާ ސުވާލު އުފެއްދި އެވެ.

ނިޔާޒްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އާބަންކޯގެ ކުންފުނީގެ މުސާރައިގެ އޮނިގަނޑުގެ ތެރެއިން ދެމުންދާ ވަރުގެ މުސާރައެއް ނުލިބިދާނެތީ އެވެ. އެގޮތުން ސިޓީ ކައުންސިލަށް ބަދަލުވާ މުވައްޒަފުންނަށް ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން އާބަންކޯއިން ދޭ ވަރުގެ މުސާރައެއް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ކަންބޮޑުވުން މުވައްޒަފުން އޭނާއާ ހިއްސާކުރަމުން އަންނަ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

މުނިސިޕަލް ހިދުމަތްތަކުގެ މައްސަލައިގައި ނިޔާޒު ހުށަހެޅުއްވީ ހައްލަކީ ސިޓީ ކައުންސިލުން އެބަސްވުމެއްގެ ދަށުން އާބަންކޯއާ މަސައްކަތް ހަވާލުކުރުމެވެ. އަދި މިހެން ދެވޭ ހިދުމަތްތަކުގައި ރައްޔިތުންގެ އަޑު އިއްވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު ބާރު ހިނގާ، އާންމު ރައްޔިތުން ބައިވެރިވާ ކޮމިޓީއެއް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ހުރިހާ އަވަށެއްގެ މުނިސިޕަލް ހިދުމަތްތައް ސަރުކާރުން ސަރުކާރުން މިހާތަނަށް އަދި މިކަން ކުރާނެ ގޮތުގެ ޕްލޭނެއް އާންމެއް ނުކުރެ އެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ބަދަލުގެ ނޭދެވޭ އަސަރު މުވައްޒަފަކަށް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.