Advertisement

ފުޓްސަލް އަށް މި ސަރުކާރުގެ ޕްލޭނެއް އެބައޮތް

23 ނޮވެންބަރު 2023 - 08:21 0

ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ސޯޝަލް ސެންޓަރުގައި ބޭއްވި ޕްރެކްޓިސްތަކުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފުޓްސަލް އަށް މި ސަރުކާރުގެ ޕްލޭނެއް އެބައޮތް

23 ނޮވެންބަރު 2023 - 08:21 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުޓްސަލް ކޮމްޕްލެކްސްއެއްގެ މަސައްކަތް ފެށުން ހިމަނާފައިވާއިރު، އެއީ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރެވޭ ކަމެއްގެ ގޮތުގައި، ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް، "14 ހަފްތާ" ގެ ނަމުގައި އިއުލާނުކުރިއިރު، މާލެ ސަރަހައްދުގައި ފުޓްސަލް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހިމަނައިފަ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު، ރާފިއު، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ފުޓްސަލް އަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން މި ކުރެވޭ މަސައްކަތަކީ ބޮޑު ވިސްނުންތަކަކާ އެކީ ކުރިއަށް އޮތްތަނުގައި އިތުރު ކަންކަން ރޭވިގެންދާނެ ކަމެއް ކަމަށެވެ.

"ފުޓްސަލް އެކަންޏެއް ނޫން. ނެޓްބޯލް ވެސް މީގެ ހިމެނޭ، އެ ކަހަލަ ކޮމްޕްލެކްސް އެއް ހަދައިގެން އަޅުގަނޑުމެންނަށް ކުޅިވަރު ކުރިއަރުވަން، މިސާލަކަށް ފުޓްސަލް، ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ، ސަބަަބަކީ ޓޯނަމެންޓްތައް ބާއްވާއިރުގައި، އެ ޑެޑިކޭޓެޑް ކޮމްޕްލެކްސްއެއްގައި ބައިވަރު ކަންތައްތައް ކުރެވޭނެ. މާނަ އަކީ 24 އަވާސް އެތާގައި ކުޅޭނީ ފުޓްސަލް،" ރާފިއު ވިދާޅުވި އެވެ.

"މުބާރާތެއް ބޭއްވިޔަސް އެތަނަށް ވަރަށް ފަސޭހައިން ބެލުންތެރިންނަށް ވަދެ، އެކަން ކުރެވޭނެ ޓިކެޓް ވިއްކައިގެން ނަމަވެސް އެހެން ގޮތަކުން ނަމަވެސް، އަދި ފޯ ނޭޝަންސް ކަޕެއް، އެހެން ބޭރު ގައުމުތަކަށް ދައުވަތު ދީގެން މުބާރާތްތައް ކުޅެން ވެސް ފަސޭހަވެގެންދާނެ، ސަބަބަކީ ޗޭންޖިން ރޫމާއި އެހެން ފެސިލިޓީސް ވެސް އެތާ އެތެރޭގައި ހުންނާނެތީވެ،"

ސްޕޯޓްސް މިނިސްޓަރު ރާފިއު: ރާއްޖޭގައި ކުޅިވަރު އިންފްރާސްޓްރަކްޗާ ގާއިމްކުރަން ބޭނުމީ ބައިނަލްއަގުވާމީ ލެވަލްގެ ފެންވަރަށް ކަމަށް ވިދާޅުވެފައިވޭ.--- ފޮޓޯ: ޔޫތު މިނިސްޓްރީ


ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ބިނާކުރާއިރު، ދާންޖެހޭނެ މިސްރާބަކީ ކޮންމެ ކުޅިވަރަކަށް ވެސް ވަކިން ހާއްސަކޮށް، ކުރިއަށްދެވޭނެ ނިޒާމެއް ހަމަޖެހިފައި އޮތުން ކަމަށް ރާފިއު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މިއީ ކަންނޭނގެ ދާންވީ މިސްރާބަކީ. ކޮންމެ ކުޅިވަރެއްގައި ވެސް އެބަ އޮންނަންޖެހޭ ގޭމްސް ބޭއްވޭ ވަރުގެ އެރީނާއެއް. މި ހަނދަން ޖެހެނީ ކޮންމެ އެއްޗެއްގައި ވެސް، އެ ސްޓެޕް އެ ގޮތަށް އަޅަމުން ގޮސް އަޅުގަނޑުމެންނަށް މަލްޓި ސްޕޯޓްސް ގޭމްސް މިތާގައި ބާއްވަން މާ ގިނަ ދުވަހެއް ނުނަގާނެ،" ރާފިއު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ދައުރު ނިމުމުގެ ކުރިން، ފުޓްސަލް އިންޑޯއެއްގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. ކޮންމެ ވެސް ވަރަކަށް އެ މަސައްކަތުގެ ކަންކަމުގައި އުޅުނު ނަމަވެސް، ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް އަޅަން އަމަލީ ގޮތުން ކުރި ކަމެއް ނުފެނެ އެވެ.

ވޭތުވެދިޔަތަނުގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާތައް ގިނައިން ހަދާފައި ހުރީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ގޮތަށް ކަމަށްނުވާތީ، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. ރާފިއު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ، ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ވީ އެންމެ ފުރިހަމަ އަށް ބިނާކުރުމަށް ކަމަށެވެ.

"ވަކިވަކިން ދަނޑު އެޅީމަ މި ވާ ގޮތަކީ އެ ތަނަކީ ސްޓޭންޑަޑަށް ހެދިފައި ހުންނަ ތަނެއް ނޫން. ކުޅިބަލަން ތިބެވޭނެ ތަނެއް ނެތް. ހަމަ ވަށައިގެން ދާ ޖަހާފައި ހުންނަ ތަންކޮޅެއް. އަޅުގަނޑުމެން ތަނެއް ހަދާއިރު ރަނގަޅު ސްޓްރަކްޗާއެއް ހަދަން އެބަޖެހޭ، ގޭމްސް ބޭއްވޭ ސްޓޭންޑާޑަށް،" ރާއްޖޭން މި ވޭތުވެދިޔަ އަހަރުުތަކުގައި ކުޅިވަރުގެ ބައިނަލްއަގުވާމީ ގޭމްސްތަކުގައި ދިވެހި ކޮންޓިންޖެންޓްގެ މެޑިކަލް ހެޑެއްގެ ގޮތުގައި ގިނަ ފަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ރާފިއު ވިދާޅުވި އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކާ ވީހާވެސް ގާތުން ހިޔާލު ހޯދައިގެން ކަންކަން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރާފިއުގެ ވާހަކައިގައި އަލި އަޅުވާލި އެވެ. މީގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ ކުޅިވަރުގެ ލާބަޔަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުން ކަމަށް ވެސް ރާފިއު ވިދާޅުވި އެެވެ.