Advertisement

އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ޔޫރޯ އަށް ކޮލިފައިވެއްޖެ

21 ނޮވެންބަރު 2023 - 10:33 0


އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ޔޫރޯ އަށް ކޮލިފައިވެއްޖެ

21 ނޮވެންބަރު 2023 - 10:33 0

ކިއޭވް، ޔޫކްރެއިން (ނޮވެމްބަރު 21) - އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީން އަންނަ އަހަރު ޖަރުމަނުގައި ހޯސްޓްކުރާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.

އިޓަލީން ޔޫރޯގެ ޖާގަ ހޯދާފައިވަނީ ރޭ ކުޅުނު މެޗުން ޔޫކްރެއިނާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ކޮލިފައިން ގްރޫޕްގެ ދެ ވަނަ ހޯދައިގެންނެވެ.

ކޮލިފައިން ގްރޫޕް ސީގެ އެއް ވަަނަ ދިޔައީ ރޭ ނޯތު މެސެޑޯނިއާއާ 1-1 އިން އެއްވަރުވި، އިންގްލެންޑް އެވެ. އެ ޓީމަށް ވަނީ އަށް މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. އިޓަލީ ދެ ވަނަ ހޯދީ ތިން ވަނައިގައި ނިންމި ޔޫކްރެއިނާ އެއްވަރަށް އަށް މެޗުން 14 ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން ކުރިހޯދައިގެންނެވެ. ޔޫކްރެއިނަށް ދެން ޔޫރޯގެ ފުރުސަތު ހޯދެން އޮތީ އަންނަ އަހަރުގެ މާޗް މަހު ކުޅޭ ޕްލޭއޮފުން މޮޅުވެގެންނެވެ.

ރޭގެ މެޗުގައި ޔޫކްރެއިނާއި އިޓަލީން ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ހޯދި ނަމަވެސް ގޯލެއް ކާމިޔާބު ކުރުމުގެ ނަސީބު ދެ ޓީމުގެ ވެސް ނެތެވެ. މެޗުގެ އިތުރު ވަގުތުގައި ޔޫކްރެއިނުން ވަރަށް ބޮޑަށް ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ. އެ ގޮތުން، ޔޫކްރެއިންގެ މިކައިލޯ މުޑްރިކް އަށް އޭރިއާތެރެއިން ބްރަޔާން ކްރިސްޓަންޓޭ ހުރަސް އެޅި ކަމަށް ބުނެ، ޕެނަލްޓީ އަކަށް ޔޫކްރެއިނުން އެޕީލް ކުރި ނަމަވެސް ރެފްރީ އެ އަށް އެއްބަހެއްނުވި އެވެ.

ނޯތު މެސެޑޯނިއާ އިން ރޭ ކުޅުނު މެޗުގައި އިންގްލެންޑް ކައިރިން ލީޑުނެގި އެވެ. އެ ޓީމަށް މެޗުގެ 41 ވަނަ މިިނިޓްގައި މި ލަނޑު ޖަހައިދިނީ އާނިސް ބާދީ އެވެ. އޭނާ މި ގޯލު ޖެހީ ފޮނުވާލި ޕެނަލްޓީގެ ރީބައުންސުންނެވެ. އިންގްލެންޑުން އެއްވަރުކުރީ މެޗުގެ 59 ވަނަ މިނިޓްގަ އެވެ. މި ލަނޑަކީ ނޯތު މެސެޑޯނިއާގެ ޖާނީ އަޓަނަސޯފް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މިއީ ފިލް ފޯޑެން ނެގި ކޯނަރެއް ދިފާއުކުރަން އުުޅުމުގެ ތެރޭގައި އަޓަނަސޯފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ކޮލިފައިން ގްރޫޕްގެ އެއް ވަނަ ދިޔައިރު، ގިނަ މެޗުތަކުން ރަނގަޅު ފިލާވަޅުތަކެއް ދަސްވި ކަމަށެވެ.