Advertisement

ގަވީ އަށް ސީރިއަސް އަނިޔާއެއް، ބާސެލޯނާ ރަތަށް

20 ނޮވެންބަރު 2023 - 23:44 0


ގަވީ އަށް ސީރިއަސް އަނިޔާއެއް، ބާސެލޯނާ ރަތަށް

20 ނޮވެންބަރު 2023 - 23:44 0

މެޑްރިޑް (20 ނޮވެމްބަރު) - ސްޕެއިން އާއި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ގަވީ އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެއްޖެ އެވެ.

ގަވީ އަށް އަނިޔާވީ ޔޫރޯ ކޮލިފައިންގައި ޖޯޖިއާއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައެވެ.

މި މެޗުގައި ގަވީގެ ކަކުލަށް އަނިޔާވީ ޖޯޖީއާގެ ކުޅުންތެރިއެއް ފަހަތުން ކުރި ޓެކަލް އަކާ ގުޅިގެންނެވެ.

ސްޕެއިންގެ ފުޓްބޯލް ފެޑަރޭޝަނުން ބުނީ ގަވީ އަށް ކުރިމަތިވީ ކަކުލުގެ ސީރިއަސް އަނިޔާއެއް ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު، އަނިޔާގެ ތަފްސީލް ދެވޭނީ އިތުރު ޓެސްޓްތައް ހެދުމަށް ފަހު ކަމަށެވެ.

ބާސެލޯނާގެ ޔޫތު ސިސްޓަމް އިން ނުކުތް ގަވީ ސީނިއާ ކެރިއަރު ފެށީ މީގެ ދެ އަހަރު ކުރިންނެވެ. ދެ އަަހަރުގެ ތެރޭގައި އޭނާ އަކީ ބާސެލޯނާ އަދި ސްޕެއިންގެ އެޓޭކިން ލައިނުގައި މުހިންމު ކުޅުންތެރިއެކެވެ.

މި އަނިޔާއާ ގުޅިގެން ގަވީ އަށް ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމުން، ބާސެލޯނާ އަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. އެކަމަކު، އެ ޓީމަށް އޮތް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލިފައިވާ ދެ މިޑްފީލްޑަރުން ކަމަށްވާ ޕެޑްރީ އާއި ފްރޭންކީ ޑެ ޔޮންގް ފިޓުވުމެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގަވީ އަށް ކުޅުމުގެ ތެރެއަށް އަނބުރާ އާދެވޭނީ އެންމެ އަވަހަށް ވެސް އަށް މަސް ދުވަސް ފަހުންނެވެ. ބާސެލޯނާ އިން ވަނީ ގަވީގެ ފިޓްނަސް ކަންކަމަށް ނުބަލައި، ސްޕެއިނުން އާދައިގެ މެޗެއްގައި އޭނާ ބޭނުންކުރީ އެންމެ ރަނގަޅަށް ހުރިހާ ހާލަތަކަށް ބެލުމެއް ނެތި ކަމަށް ބުނެފަ އެވެ.