Advertisement

ދިރާސީ އަހަރު ޖެނުއަރީއަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި

20 ނޮވެންބަރު 2023 - 15:49 1

ނިމާ ހަސަން

ނިމާ ހަސަން

ރައީސް މުއިއްޒުއާއި އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު -- ފޮޓޯ: ރައީސް އޮފީސް


ދިރާސީ އަހަރު ޖެނުއަރީއަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި

20 ނޮވެންބަރު 2023 - 15:49 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދިރާސީ އަހަރުގެ ކިޔެވުން އަލުން އަނބުރާ ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ އެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ބޭއްވެވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ އިތުރު ތަފްސީލުތަކެއް އެޑިއުކޭޝަނުން ހާމަ ނުކުރެ އެވެ.

ދިރާސީ އަހަރު ފެށުން ޖެނުއަރީއަށް ބަދަލުކޮށް, ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ބަދަލުކުރުމަކީ ރިޔާސީ އިންތިހާބު ތެރޭގައި ދ. ކުޑަހުވަދޫގައި ހުންނަވައި އޮގަސްޓު 16, ގައި ރައީސް ވެވަޑަގެންނެވި ވައުދުފުޅެކެވެ. އޭރު އެމަނިކުފާނު ވިދާޅުވީ 2025 އިން ފެށިގެން އެގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ.

"ބޮޑު ބަންދު އޮތީ ނުބައިކޮށޭ ބަަދަލުކޮށްފައި. އޭގައި އެބަ އޮތް އެއް ސަބަބު. ޓޫރިޒަމް ސެކްޓަރު މީހުންނަށް ޗުއްޓީ ނަގައިގެން ބޭރަށް ދާން ދަތިވާނެ. އެ ބޭފުޅުންނަށް ވެސް ބޭރަށް ދެވެނީ އެއް ނޫން. މި ބަދަލަކީ ރައްޔިތުން ބޭނުންވި ކަހަލަ ބަދަލެއް ނޫން," އޭރު އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ދިރާސީ އަހަރު ފެށޭ ތާރީހަށް ގެނައި ބަދަލަކީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް އެ މީހުންގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރިސޯޓުތަކުގެ އޮފް ސީޒަނާ ގުޅުވައި ގެނައި ބަދަލެކެވެ. ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު 2021 އިން ފެށިގެން ދަރިވަރުންގެ ކިޔެވުން ތަރުތީބު ކޮށްފައި އޮތީ އެހެންނެވެ.

އެ ތާރީހަށް ބަދަލު ގެނައުމަށް ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންނެވުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުމާއެކު، ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެެއްވާނެ ކަމަށް ވެސް ރައީސް ވަނީ ކެމްޕޭނު ތެރޭގައި ވިދާޅުވެފަ އެވެ.

ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީގަ އެވެ. އެކަމަކު ކޮވިޑާ އެކު ސްކޫލްތަކަށް ގޮސްގެން ދަރިވަރުންގެ ކިޔެވުން މެދުކެނޑި، ދިމާވި އުނދަގޫ ހާލަތާ ގުޅިގެން ސަރުކާރުގެ ނިންމުމަކަށް ވީ، ދަރިވަރުންގެ ކިޔެވުން ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރުމަށެވެ.

2025 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރަށް ބަދަލުގެނައުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ ބޮޑު ޗުއްޓީއަށް ކުރީ ސަރުކާރުން ގެނައި ބަދަލުން ބޮޑެތި ތަކުލީފުތަކާއި ބެލެނިވެރިންނާއި ދަރިވަރުން އުފުލަން ޖެހޭ ކަމަށް ވިދާޅުވެ އެވެ.