Advertisement

އިންޑިއާއާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ: ނަޝީދު

20 ނޮވެންބަރު 2023 - 14:17 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު : ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ކަންކަން ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިންޑިއާއާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ: ނަޝީދު

20 ނޮވެންބަރު 2023 - 14:17 2

އަވައްޓެރި އިންޑިއާއާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާއިން ހަދިޔާކުރި ޑޯނިއާ ފުލައިޓު ތަކާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަށް ތިބި 77 ސިފައިން އަނބުރާ ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.

"ރާއްޖޭގެ ރައްޔިތުންގެ އެންމެ ޒަމާންވީ އެކުވެރި އަވަށްޓެރި ގައުމަކީ އިންޑިއާ. ދިވެހިންނަށް އެންމެ އެހީތެރިވެދޭ ގައުމު އަކީވެސް އިންޑިއާ. އިންޑިއާއާ އިދިކޮޅަށް ދިވެހިން ކަންކަން ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ،" ސޯޝަލް މީޑިއާގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އާ ސަރުކާރުން ހާމަކުރީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބީ ހެލިކޮޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި 50 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިން ކަމަށެވެ. އިތުރަށް ތިބި ދެ ސިފައިންނަކީ އިންޖިއަނިރިންގެ މަސައްކަތަށް ހާއްސަ ދެމީހުން ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.

މިއީ ކުރީ ސަރުކާރުން މަޖިލީހުގެ 241 ކޮމިޓީގައި ހާމަކުރި އަދަދަށްވުރެ ދެ ސިފައިން ގިނަ އަދަދެކެވެ. ކުރީ ސަރުކާރުން ވެސް ވަނީ ރާއްޖޭގައި ހިއުމަނިޓޭރިއަން މަސައްކަތަށް އިންޑިއާގެ 75 މީހަކު ތިބި ކަމަށް އޭރު ބުނެފަ އެވެ. ނަމަވެސް މިހާރުގެ ސަރުކާރު ހިންގާ ޕާޓީން އޭރު ގެންދިޔައީ އެއަށްވުރެ މާގިނަ އަދަދަކަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނަމުންނެވެ.

ކުރީގެ ސަރުކާރުން އެ ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ. އެ ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ މީހުންނަކީ ސިފައިންގެ ގޮތުގައި ތިބި ބައެއް ނޫން ކަމަށާއި އެއީ ހަމައެކަނި ހިއުމެނިޓޭރިއަން މަސައްކަތުގައި ހަރަކާތްތެރިވާ ބައެއް ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެމަނިކުފާނު ވަނީ އިންޑިއާގެ އާތު ސައިންސެސް މިނިސްޓަރު، ކިރެން ރިޖިޖޫގެ އަރިހުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބޭލުމަށް އެދިފަ އެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އިންޑިއާ ސިފައިން ދިވެހި ސިފައިންނަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރުން އެމަޖެންސީ ހާލަތްތަކުގައި ގިނަ އަދަދެއްގެ ބަލި މީހުން އުފުލުމުގައި ރާއްޖެއަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.