Advertisement

ގްރީން ސްޓްރީޓްސް އިން ވެސް ލީގުގެ ބާކީ ބައި ނުކުޅެން ނިންމައިފި!

20 ނޮވެންބަރު 2023 - 15:14 0

ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރި މެޗެއްގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ގްރީން ސްޓްރީޓްސް އިން ވެސް ލީގުގެ ބާކީ ބައި ނުކުޅެން ނިންމައިފި!

20 ނޮވެންބަރު 2023 - 15:14 0

މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ބާކީ ބައި ނުކުޅެން ނިންމިކަން ކުލަބު ގްރީން ސްޓްރީޓްސް އިން އެފްއޭއެމް އަށް ރަސްމީކޮށް އަންގައިފި އެވެ.

ހަތްދިހަ ނުވަ ދުވަހަށް ފަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ލީގުގެ ކުޅުން ފެށުމުގެ ކުރިން ކުލަބު ވެލެންސިއާ އިން ވަނީ ބާކީ މެޗުތައް ކުޅެވެން ނެތްކަމަށް އެފްއޭއެމަށް އަންގައިފަ އެވެ. އެ ކުލަބުން ބުނީ މާލީ ހާލަތު ހުރިގޮތުން ކުޅެވެން ނެތްކަމަށެވެ.

ވެލެންސިއާ އިން ލީގުން ވަކިވުމާ އެކު ގްރީން ސްޓްރީޓްސް އިންވެސް ލީގުގެ ބާކީ މެޗުތައް ނުކުޅޭނެ ކަމަށް އަޑު ފެތުރުނެވެ. އެ ކުލަބުން މިދިޔަ ލީގު ބްރޭކްގައި އެއްވެސް ޕްރެކްޓިސްއެއް ވެސް ކޮށްފަ އެއް ނުވެ އެވެ.

ގްރީން ސްޓްރީޓްސް އިން ލީގުގެ ބާކީ ބައި ނުކުޅޭނެ ކަމަށް އަންގާފައިވާ ސަބަބަކީ ކުލަބުގެ މާލީ ހާލަތު ދަށްވުމެވެ. މާލީ ގޮތުން ކުލަބަށް ދިމާވެފައިވާ ދަތިތަކާ އެކު ލީގުން ވަކިވާކަން ގްރީން ސްޓްރީޓްސް އިން އެފްއޭއެމަށް އަންގާފައިވަނީ އެ އިދާރާއަށް ރޭ ފޮނުވި ސިޓީގަ އެވެ.

ވެލެންސިއާ އެކޭ އެއްގޮތަށް ގްރީން ސްޓްރީޓްސް އިން ބުނެފައިވަނީ ނިމިދިޔަ ސަރުކާރުން ކްލަބްތަކަށް ފައިސާ ދިނުމުގައި ތަފާތު ކުރުން ގެންގުޅެފައި ވުމުން އެކުލަބަށް ވެސް އެކަމުގެ އަސަރުކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަށް ދޭން ނިންމި އެއް މިލިއަން ރުފިޔާ، އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ހުރިހާ ކުލަބަކަށްދީފައި ނުވާ ކަމަށެވެ.

މާޒިޔާ އާއި ކުލަބު އީގަލްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް އަށް، ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ލިބުނުއިރު، ބާކީ އޮތް ހަތަރު ކުލަބުކަމަށްވާ ގްރީން، ވެލެންސިއާ ޓީސީ ސްޕޯޓްސް އަދި ޔުނައިޓެޑް ވިކްޓަރީ އަށް ލިބުނީ، ކޮންމެ ކްލަބަކަށް 250،000 ރުފިޔާ އެވެ.

ގްރީން ސްޓްރީޓްސް އިން ލީގުން ވަކިވާން ނިންމުމުން މިއަދު އެ ޓީމުން ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗު ނުކުޅޭނެ އެވެ.

ލީގުގައި ބާކީ އޮތީ މިހާރު ހަ ޓީމެވެ. ލީގުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު ރޭގަނޑު އެވެ. އެ މެޗުގައި ވާދަކުރާނީ އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެވެ.