Advertisement

ނަޝީދުގެ ތައުރީފު ހަމާސް އަށް: "މިނިވަންކަމުގެ ރޫހު ނައްތައެއް ނުލެވޭނެ"

20 ނޮވެންބަރު 2023 - 11:04 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ނަޝީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ. ފަލަސްތީނުގެ މިނިވަންކަމާ ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި އެމަނިކުފާނު ވާހަކަ ދެއްކެވި --- ފޮޓޯ: މަޖިލިސް


ނަޝީދުގެ ތައުރީފު ހަމާސް އަށް: "މިނިވަންކަމުގެ ރޫހު ނައްތައެއް ނުލެވޭނެ"

20 ނޮވެންބަރު 2023 - 11:04 2

ޔޫރަޕްގެ ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވަވާ، ރާއްޖޭގެ ކުރީގެ ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، ފަލަސްތީނު މީހުންގެ ޖިހާދަށާއި ހަމާސް ޖަމާއަތަށް މިއަދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އިޒްރޭލު ދައުލަތް އުފެދުނު ފަހުން ފަލަސްތީނު މީހުން ދިރިއުޅެމުން އަންނަ މައިގަނޑު ދެ ތަނަކީ ކަނޑުގެ އައްސޭރީގައިވާ ގާޒާ އާއި އުރުދުން ކޯރުގެ ހުޅަނގު އައްސޭރި އެވެ. އެ ދެތަނުގެ ތެރެއިން ގާޒާ ކޮންޓްރޯލް ކުރަނީ ފަލަސްތީނު މީހުންގެ ދިފާއުގައި އިޒްރޭލާ ހަނގުރާމަކުރާ ހަމާސް ޖަމާއަތުންނެވެ. ހުޅަނގު ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާއިން އެ ޖަމާއަތް ލިސްޓު ކޮށްފައި އޮންނަނީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގަ އެވެ.

އިޒްރޭލުން ހިސާރުކޮށްފައި އޮންނަތާ 17 އަހަރު ވެފައިވާ ގާޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ކުށްވެރިކޮށް، އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރަން ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރުގެ ބަހުސް ގައި ނަޝީދު ވިދާޅުވީ ހަމާސް ބާކީކުރަން މުޅި ދުނިޔޭން ކުރި މަސައްކަތް ގޯސް ކަމަށެވެ.

"އޭގެ އަހަރުތަކެއް ފަހުން އަަޅުގަނޑުމެންނަށް ފެނުނީ އިޒްރޭލުގެ ޑިފެންސް ފޫއަޅުވާލާފައި ހަމާސް އަނެއްކާ ވެސް އިޒްރޭލަށް ފޭބިތަން. އޭގެ ތިން އަހަރު ކުރީގައި މުޅި ދުނިޔެ ގެންދިޔައީ ހަމާސް ބާކީ ކުރަމުން. އަރަބި ހުރިހާ ގައުމަކާ އިޒްރޭލާ ގުޅުން އުފައްދަމުން، މަގުސަދަކަށްވީ ހަމާސް ބާކީ ކުރުން، އިއްޒަތްތެރި ރައީސް އެއީ ބޮޑު ގޯހެއް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު އެ ވާހަކައަށް ވަޑައިގެންނެވީ ގާޒާއިން އިޒްރޭލު ސިފައިން ފައްސައިލަން ހަމާސް އިން 2001 ވަނަ އަހަރުން ފެށިގެން ކުރި ހަނގުރާމައާ ގުޅިގެން ކަން ހިނގި ގޮތުގެ ހަނދާން އާކުރައްވަމުންނެވެ.

ނަޝީދު ސިފަކުރެއްވި ގޮތުގައި އިޒްރޭލާ ދެކޮޅަށް ހަމާސް އިން ކުރާ ޖިހާދަކީ މިނިވަންކަމަށް ޓަކައި ކުރާ މަސައްކަތެކެވެ. އެ މަސައްކަތަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ހަމާސް އެއް ފިލުވައެއް ނުލެވޭނެ. ނައްތައެއް ނުލެވޭނެ. އެއީ އަކީ އިޒްރޭލަކަށް ވެސް އަދި މުޅި ހުޅަނގުގެ ހުރިހާ ބާރަކަށް ވެސް ވާން އޮތް ކަމެއް ނޫންކަން އިންސާނިއްޔަތު މި އަންނަނީ އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ދައްކަމުން. މިނިވަންކަމުގެ ރޫހަކީ އިއްޒަތްތެރި ރައީސް، އިންސާނާ ގައިން ނައްތައިލެވޭނެ އެއްޗެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ފަލަސްތީނު މީހުން އިޒްރޭލާ ދެކޮޅަށް ކުރާ ޖިހާދަކީ ނަޝީދު ސިފަކުރެއްވި ގޮތުގައި މުޅި އިންސާނިއްޔަތުގެ މަސައްކަތެކެވެ. އެއީ ހަމަ އެކަނި ފަލަސްތީނު ރައްޔިތުންގެ މަސައްކަތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.