Advertisement

އިންޑިއާ ރޮއްވާލައި، އޮސްޓްރޭލިއާ ހަ ވަނަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

20 ނޮވެންބަރު 2023 - 08:50 0


އިންޑިއާ ރޮއްވާލައި، އޮސްޓްރޭލިއާ ހަ ވަނަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

20 ނޮވެންބަރު 2023 - 08:50 0

އަހްމަދުއާބާދު (20 ނޮވެމްބަރު) - އިންޑިއާގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އިންޑިއާ އަތުން ހަ ވިކެޓުން މޮޅުވެ، އޮސްޓްރޭލިއާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ތަށި މިރޭ އުފުލާލައިފިއެވެ. މިއީ އޮސްޓްރޭލިއާ ވޯލްޑް ކަޕް ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ.

ފައިނަލަށް ނިކުތްއިރު، މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވެސް އިންޑިއާ މޮޅުވެފައި އޮތުމުން، އިންޑިއާގެ ސަޕޯޓަރުން ތިބީ ވަރަށް ފޮނި އުންމީދެއްގައެވެ. އަހްމަދުއާބާދުގައި މިރޭ އޮތް ފައިނަލް މެޗުގެ ކުޅި ބެލުމަށް 130،000 މީހުން ދަނޑަށް ވަދެ ތިއްބެވެ.

ޓޮސް ދިމާވެގެން، އޮސްޓްރޭލިއާ އިން ނިންމީ އެންމެ ފުރަތަމަ ފީލްޑްކުރުމަށެވެ. މި އިނިންސްގައި އޮސްޓްރޭލިއާ އިން ފީލްޑިންގް އަދި ބޯލިންގައި ދެއްކީ މޮޅު ކުޅުމެކެވެ. އިންޑިއާގެ ހުރިހާ ކުޅުންތެރިން 50 އޯވަރުގެ ތެރޭގައި ނުބައިވީ 240 ލަނޑަށެވެ.

އިންޑިއާ ސަޕޯޓަރުންގެ އުންމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ ބެޓްސްމަން ވިރާތު ކޯލީ ނުބައިވީ 54 ލަނޑަށެވެ. އިންޑިއާ އަށް އެންމެ ގިނަ ލަނޑު ހަދައިދިނީ ކޭއެލް ރާހޫލްއެވެ. އޭނާ ވަނީ 66 ލަނޑު ހަދައިފައެވެ.

ޖަވާބުގައި އޮސްޓްރޭލިއާ އިން ކުޅެންއަރައި، މެޗުގެ ކުރީކޮޅު ހާސްކަމާ ކުރިމަތިވީ 43 ލަނޑަށް ތިން ކުޅުންތެރިން ނުބައިވުމުންނެވެ. އެކަމަކު އޮސްޓްރޭލިއާގެ ބެޓިން ހަމަޔަކަށް އަޅުވާލީ ޓްރެވިސް ހެޑެވެ. މެޗުން މޮޅުވާން ބާކީ ދެ ލަނޑަށް ވެފައިވަނިކޮށް ހެޑް ނުބައިވިއިރު، އޭނާ ވަނީ 137 ލަނޑު ހަދައިފައެވެ. އެކަމަކު، އޭރު އޮސްޓްރޭލިއާ އަށް އޮތީ މެޗުން މޮޅެއް ގާތްގަނޑަކަށް ޔަގީންވެފައެވެ. އޮސްޓްރޭލިއާ މޮޅުވި ލަނޑުތައް ހެދީ ހެޑް ނުބައިވުމުން ކުޅެންއެރި ގްލެންޑް މެކްސްވެލްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ހެޑް ބުނީ އޭނާ އަށް އެންމެ ބޮޑު އުފަލެއް ލިބުނީ "މި ކާމިޔާބީގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން،" ކަމަށެވެ.

މިއީ އިންޑިއާ އަށް 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ ކަމިޔާބުކުރި ފަހުން، ބައިނަލްއަޤްވާމީ މުބާރާތެއްގެ ތައްޓެއް ހޯދަން ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ. އެކަމަކު އެ އުންމީދުތައް ދިޔައީ ފެނަށެވެ.

އިންޑިއާގެ ކެޕްޓަން ރޯހިތު ޝަރުމާ ބުނީ ފައިނަލް މެޗުން ބަލިވިޔަސް، ޓީމާމެދު ފަހުރުވެރިވާ ކަމަށެވެ.

"އަހަރަމެން ބޭނުންވި ގޮތަށް ނަތީޖާއެއް ނުނިކުތް. މި މެޗުގައި އަހަރަމެންނަށް އެންމެ ރަނގަޅަށް ނުކުޅެވުނު. އެކަމަކު ޓީމާމެދު ފަހުރުވެރިވޭ،" ރޯހިތު ބުންޏެވެ. -- އޭއެފްޕީ