Advertisement

ޓީސީ ބަލިކޮށް އީގަލްސް އިން ފުރުސަތުގެ ބޭނުންހިފައިފި

19 ނޮވެންބަރު 2023 - 22:22 0

ޓީސީ ކޮޅަށް ގޯލު ޖެހުމަށްފަހު ކުލަބު އީގަލްސް ގެ އިބްރާހިމް މަހުދީ އާއި އަހުމަދު ރިޒުވާން އުފާފާޅުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޓީސީ ބަލިކޮށް އީގަލްސް އިން ފުރުސަތުގެ ބޭނުންހިފައިފި

19 ނޮވެންބަރު 2023 - 22:22 0

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-1 އިން މޮޅުވެ، ކްލަބް އީގަލްސް އިން ލީގުގެ ކުރީގައި ލީޑުނަގައި، ފުރުސަތުގެ ބޭނުންހިފައިފި އެވެ.

ޓީސީ އަތުން ހޯދި ތިން ޕޮއިންޓާ އެކު އީގަލްސްއަށް ލީގުގެ އެއް ވަނައިގައި ވަނީ ހަތް ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ. ކުޅުނު 11 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވެ އީގަލްސް އިން ވަނީ 29 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ މެޗު މަދުން ކުޅުނު މާޒިޔާ ދެ ވަނައިގައި އޮތީ 25 ޕޮއިންޓާ އެކުގަ އެވެ.

މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް ދިޔައީ ހަމަހަމަކޮށް ކުޅެމުންނެވެ. ފުރަތަމަ ހުސް ފުރުސަތެއް ހޯދީ އީގަލްސް އިންނެވެ. އީގަލްސްގެ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ހޯދައިގެން ހިސާމް ސަލީމް ފޮނުވާލި ހަމަލާ ކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފަ އެވެ. އޭގެ މިނެޓެއް ފަހުން އަހުމަދު ރިޒުވާން (ރިޒޭ) ގޯލެއް ޖެހި އެވެ. އަހުމަދު ހަސަން (އައްމަޑޭ) އާއި މިލޮވާން ޕެޓްކޮވިޗްގެ ރަނގަޅު ޕާސްތަކަކަށްފަހު ރިޒޭއަށް ބޯޅަ ލިބުނުއިރު އޭނާ ހުރީ އޮފްސައިޑްގަ އެވެ.

ފުރަތަމަ ހާފުގައި ޓީސީއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. އަހުމަދު ސާމިއު ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ޝަފީއު ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ. ޝަފީއު ދިފާއުކުރި ބޯޅައާ އެކު ކައުންޓާ އެޓޭކުގައި ގޮސް އީގަލްސް އިން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. މި ފަހަރު ރިޒޭ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.

މެޗުގެ 36 ވަނަ މިނެޓުގައިވެސް ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ރިޒޭ އަށް ލިބުނެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި ޕެޓްކޮވިޗް ނަގައިދިން ހުރަސް ހުސްކޮށް ހުރެ ރިޒޭ ފޮނުވާލުމުން ދިޔައީ ކީޕަރު ސުޖަން އަތަށެވެ.

އީގަލްސްއިން ލީޑު ނެގީ މެޗުގެ 39 ވަނަ މިނެޓުގަ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރަކުން ހުރަސްކުރި ބޯޅަ ޓީސީގެ ކުޅުންތެރިންނަށް ދިފާއު ނުކުރެވިގެން އުޅެނިކޮށް އޭރިއާ ރޮނގުމަތީގައި ކަހަލަ ގޮތަކަށް ހުރެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ހުރެ ފޮނުވާލި ހަމަލާއަކުން ޖެހި ގޯލެކެވެ. ޕެޓްކޮވިޗް ޖައްސާލި ބޯޅަ ފޭދޫ އިއްބެ ފޮނުވާލުމުން އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

ފުރަތަމަ ހާފު ނިންމާލީވެސް އީގަލްސް އިން ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިގެންނެވެ. މި ފަހަރު އޭރިއާގެ އަރިމަތީގައި ހުރެފައި ރިޒޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އީގަލްސްގެ ފޭދޫ އިއްބެ (ވ) ޓީސީގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ،.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދެ ވަނަ ހާފު ފެށިގޮތަށް ޓީސީ އަށް ނަތީޖާ ހަމަހަަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓާ އެޓޭކުގައި ޒަޔާން ނަސީރު އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިފާއުކުރީ ފަހަތުން އައި ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) އެވެ. ޓީސީ އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 54 ވަނަ މިނެޓުގަ އެވެ. ހަމްދޫން އަބްދުއްލަތީފް އޭރިއާ ތެރެއަށް ނެގި ނުރައްކާތެރި ހުރަސް ގޯލަށް ވަައްދާލީ ޒަޔާން އެވެ.

ޓީސީގެ ގޯލަށް ފަހު ފުލުފުލުގައި އީގަލްސް އިން ފުރުސަތުތައް ހޯދި އެވެ. އެ ގޮތުން މުޅިން ހުސްކޮށް ހުރެ އިސްމާއިލް އީސަ (މެސީ) ފޮނުވާލި ހަމަލާ ކީޕަރު ސުޖަން ދީފާއުކުރިއިރު، ރިޒޭ އަށް ލިބުނު ބޯޅަ ގޯލަށް ވައްދާލުމުގެ ކުރިން ފަހަތުން އައި ޑިފެންޑަރު އެބޯޅަ ދިފާއުކުރި އެވެ.

ހުސް ފުރުސަތެއް ގެއްލުވާލި ނަމަވެސް މެޗުގެ 67 ވަނަ މިނެޓުގައި އީގަލްސް އިން ދެ ވަނަ ފަހަރަށް މެޗުގެ ލީޑު ނެގި އެވެ. އިސްމާއިލް އީސަ އަށް ލިބުނު ބޯޅައަކާ އެކު އޭރިއާ ތެރެއަށް ވަދެ ނެގި ހުރަސް ގޯލަށް ވައްދާލީ ކުޑަ އޭރިއާ ތެރޭގައި ހުސްކޮށްހުރި ރިޒޭ އެވެ.

ކުރިއަށް ޖެހިލައިގެން ޓީސީ ކުޅެމުންދިޔުމުގެ ނަތީޖާއަކަށްވީ އެ ޓީމަށް މެޗުގެ 82 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުމެވެ. މިއީ ހަމްދޫން އަބްދުއްލަތީފް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ.