Advertisement

ދައުލަތުގެ ދަރަނި 118 ބިލިއަނަށް، ގިނައީ އެތެރޭގެ ދަރަނި

18 ނޮވެންބަރު 2023 - 12:50 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ދައުލަތުގެ ދަރަނި 118 ބިލިއަނަށް، ގިނައީ އެތެރޭގެ ދަރަނި

18 ނޮވެންބަރު 2023 - 12:50 0

ދިވެހި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާވާ ގޮތަށް ސޮވެރިން ގެރެންޓީ ދީގެން އެކި ފަރާތްތަކުން ނަގާފައިވާ ޖުމުލަ ދަރަނި 118.9 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޕަބްލިކް އަދި ޕަބްލިކް ގެރެންޓީ ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން 110.9 ޕަސެންޓަށް އިތުރުވެފަ އެވެ. އެއީ 118.9 ބިލިއަން ރުފިޔާއެވެ.

އެންމެ ފަހުގެ ބޯހިމެނުގެ ތަފާސް ހިސާބުތަކުން ބަލާއިރު ބޮލަކަށް އެޖެހެނީ ގާތްގަނޑަކަށް 227,812ރ ގެ ދަރަންޏެކެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ސަރުކާރަށް ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު 50.9 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެެތެރޭގެ ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު 66.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ސަރުކާރުން އެންމެ ގިނަ ލޯނު ނަގާފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރެވެ. ކޮވިޑު އިމަޖެންސީ ސަޕޯޓުގެ ގޮތުގައި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އަދަދު 92 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ. މީގެ ތެރެއިން ސީދާ ސަރުކާރުން ނަގާފައިވާ ދަރަނީގެ އަދަދަކީ 103.6 ބިލިއަން ރުފިޔާ އެވެ.

އެގޮތުން ބަޔާސް ކްރެޑިޓްގެ ގޮތުގައި ނަގާފައިވާ 14.7 ބިލިއަނާއި މަލްޓިލޭޓަރަލް 6.9 ބިިލިއަނާއި ބައިލޭޓަރަލް ފަސް ބިލިއަނާއި އެހެނިހެން ގޮތްގޮތުން ނަގާފައިވާ 7.7 ބިލިއަނުގެ އިތުރުން އަމިއްލަ ވިޔަފާރިތަކުން ނަގާފައިވާ 1.5 ބިލިއަން ރުފިޔާ ހިމެނެ އެވެ.

އަދި ސަރުކާރުން ޒިންމާވާ ގޮތަށް ނަގާފައިވާ ދަރަނީގެ އަދަދު 15.2 ބިލިއަން ރުފިޔާއަށް އަރާއިރު ސަރުކާރުން ނަގާފައިވާ ސަބްސިޑަރީ ލޯނުތަކުގެ އަދަދު 10.9 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ދަރަނީގެ އަދަދު އިންތިހާއަށް ބޮޑުވެފައިވާއިރު އިއްޔެ ހުވާކުރެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިފްތިތާހީ ތަގުރީރުގައި އެމަނިކުފާނު ވަނީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދު މިއަދު އޮތީ ފުން އަނދަވަޅެއްގެ ތެރޭގަ އެވެ. އެގޮތުން އެމަނިކުފާނު ދައުލަތާ ހަވާލުވެލެއްވަން ޖެހިވަޑައިގަތީ ރާއްޖޭގެ މުޅި މާލީ ހަޔާތުގައި ވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަންޏާއެކު ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހާލަތުން އިގްތިސާދު ނަގައި ކޮޅަށް ޖެހުމަށް ހަރުދަނާ ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުއްވާނެ ކަމަށެވެ. އެކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަސައްކަތް އަވަހަށް ނިންމައި އާ ޓާމިނަލް ހުޅުވައި ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.