Advertisement

އިޓަލީ ޔޫރޯގެ ޖާގައެއް ހޯދުމާ ގާތަށް

18 ނޮވެންބަރު 2023 - 09:37 0


އިޓަލީ ޔޫރޯގެ ޖާގައެއް ހޯދުމާ ގާތަށް

18 ނޮވެންބަރު 2023 - 09:37 0

މިލާން (ނޮވެމްބަރު 18) - ނޯތު މެސެޑޯނިއާ އަތުން 5-2 އިން މޮޅުވެ، އިޓަލީން އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ.

އިޓަލީ އަކީ އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އަންނަ އަހަރުގެ ޔޫރޯ އިން ފުރުސަތު ހޯދުމަށް އިޓަލީ އަށް ބޭނުންވަނީ ބާކީ އޮތް މެޗުން ޕޮއިންޓެކެވެ. އެ މެޗުގައި އިޓަލީން ނުކުންނާނީ ޔޫކްރެއިނާ ދެކޮޅަށެވެ.

ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި މި ވަގުތު އޮތީ ރޭ މޯލްޓާ އަތުން 2-0 އިން މޮޅުވި އިންގްލެންޑް އެެވެ. އިންގްލެންޑުން ޔޫރޯގެ ޖާގަ ޔަގީންކޮށްފައިވާއިރު، އެ ޓީމަށް ވަނީ ހަތް މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އިޓަލީ އާއި ތިން ވަނައިގައި އޮތް ޔޫކްރެއިނަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. އިޓަލީ ކުރީ އޮތީ ލަނޑުގެ ތަފާތުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އިޓަލީ އަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ފެޑެރީކޯ ކިއޭސާ ދެ ގޯލާއި، މަޓެއޯ ޑާމިއަން، ޖިއަކޯމޯ ރަސްޕަޑޯރީ އަދި ސްޓެފަން އެލް ޝަރާވީ އެވެ. މި މެޗުގައި އިޓަލީ އަށް ލިބުނު ޕެނަލްޓީއެއް ޖޯޖީނިއޯ އަތުން ވަނީ ނާކާމިޔާބުވެފަ އެވެ.

ނޯތު މެސެޑޯނިއާގެ ދެ ގޯލު ވެސް ޖެހީ ޖާނީ އަޓަނާސޯވް އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން އިންގްލެންޑުން މޯލްޓާ ކައިރިން ލީޑުނެގީ އެ ޓީމުގެ ޕެޕޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އިންގްލެންޑްގެ ދެ ވަނަ ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ހެރީ ކޭން އެވެ.