Advertisement

ބްރެޒިލްގެ ކޯޗުކާމާ ހަވާލުވާން ނިންމައިގެން ހުރި އަންޗެލޮޓީ އަށް ރެއާލްގެ އާ ކޮންޓްރެކްޓެއް

18 ނޮވެންބަރު 2023 - 09:38 0


ބްރެޒިލްގެ ކޯޗުކާމާ ހަވާލުވާން ނިންމައިގެން ހުރި އަންޗެލޮޓީ އަށް ރެއާލްގެ އާ ކޮންޓްރެކްޓެއް

18 ނޮވެންބަރު 2023 - 09:38 0

މެޑްރިޑް (ނޮވެމްބަރު 18) - މި ސީޒަނަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލައި، ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާން ތައްޔާރުވެގެން ހުރި ކާލޯ އަންޗެލޮޓީ އަށް އާ ކޮންޓްރެކްޓެއް ދޭން ރެއާލް މެޑްރިޑުން ނިންމައިފި އެވެ.

ސްޕެއިންގެ ރެއާލްގެ ކޯޗު އަންޗެލޮޓީ އެ ކުލަބާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެ އެވެ. އޭނާ ބޭނުންވަނީ އަންނަ އަހަރު ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ކަމަށް އަންޗެލޮޓީ ވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު އެއްބަސްވުމަކަށް ވެސް އައިސްފަ އެވެ.

ރެއާލްގެ ބޯޑުން ވަނީ ކޯޗު އަންޗެލޮޓީއަށް އާ ކޮންޓްރެކްޓެއް ދޭން ނިންމައިފަ އެވެ. މި ކޮންޓްރެކްޓަށް އަންޗެލޮޓީ އެއްބަސްވެއްޖެ ނަމަ 2028ގެ ނިޔަލަށް އެކުލަބުގައި މަޑުކުރަން ޖެހޭނެ އެވެ.

އަންޗެލޮޓީ އަކީ އެކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަރަށް ގަޔާވާ ކޯޗެކެވެ. އަންޗެލޮޓީ އަށް އާ ކޮންޓްރެކްޓެއް ދޭން ބޯޑަށް ހުށަހެޅީ ވެސް ޕެރޭޒް އަމިއްލަ އަށެވެ.

މި ސީޒަން ފެށުމުގެ ކުރިން އަންޗެލޮޓީ ބުނެފައިވަނީ މިއީ އޭނާގެ ކޯޗިންގެ ކެރިއަރުގެ ފަހު ސީޒަން ކަމަށާއި، މި ސީޒަނަށްފަހު ރިޓަޔާކުރާނެ ކަމަށެވެ. ނަމަވެސް ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނަނީ އަންޗެލޮޓީ އެ ގައުމުގެ ގައުމީ ޓީމާ ހަވާލުވާނެ ކަމަށެވެ.

ބްރެޒިލްގެ ކޯޗުކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން އަންޗެލޮޓީ އެ ކަމަށް ނޫނެކޭ ނުބުނެ އެވެ. އޭނާ ބުނީ ހަމެއެކަނި ފޯކަސް އަކީ މި ސީޒަންގައި ރެއާލްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ.