16 ނޮވެންބަރު 2023 - 12:28 1
އައްޒާމް އަލިފުޅު
2022 ވަނަ އަހަރު މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް(ވ) އާއި ޔޫތު މިނިސްޓަރު މަހުލޫފް (ކ).--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
16 ނޮވެންބަރު 2023 - 12:28 1
ކްލަބް ވެލެންސިއާ އަށް ފައިސާ ދިނުމުގައި ޔޫތު މިނިސްޓްރީން ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައިވަނިކޮށް، އެ ޓީމަށް މިނިސްޓްރީން މި އަހަރުގެ މިހާތަނަށް 647500 ރުފިޔާ ދީފައިވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މާލީ ހާލަތު ހުރި ގޮތުން ވެލެންސިއާ އަށް މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅެވެން ނެތްކަން ހާމަކޮށް އެ ކްލަބުން އިއްޔެ ނެރުނު ބަޔާނެއްގައި ޔޫތު މިނިސްޓްރީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އެ ގޮތުން، ވެލެންސިއާ އިން ބުނެފައިވަނީ މިދިޔަ އޮގަސްޓް މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ދޭން ވިދާޅުވި، އެއް މިލިއަން ރުފިޔާގެ ތެރެއިން ވެލެންސިއާ އަށް ލިބުނީ 250،000 ރުފިޔާ ކަމަށެވެ. އެއް މިލިއަން ރުފިޔާ ބައެއް ކްލަބްތަކަށް ލިބުނުއިރު، ވެލެންސިއާ ހިމެނުނީ މަދުން ލިބުނު ޓީމުތަކުގެ ތެރޭގަ އެވެ.
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން މިނިސްޓްރީން ކްލަބްތަކަށް ދޭ މާލީ އެހީތެރިކަން ވެސް ވެލެންސިއާ އަށް ލިބިފައިނުވާ ކަމަށާއި މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމުން އިނާމް ފައިސާ ވެސް މިނިސްޓްރީން ދީފައިނުވާ ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް އިތުރު ފައިސާއާ އެކު، މިނިސްޓްރީން އެއް މިލިއަން ރުފިޔާ ދިން ކަމަށް ވެލެންސިއާ އިން ބުނެފައިވެ އެވެ.
ވެލެންސިއާ އިން ފޭސްބުކްގައި ކުރި އެ ކްލަބްގެ ބަޔާން ހިއްސާކޮށްފައިވަނިކޮށް، ކުޅިވަރާ ބެހޭ ވަޒީރު، މަހުލޫފް ވަނީ އެ އަށް ކޮމެންޓް ކުރައްވައިފަ އެވެ.
"ވެެލެންސިއާ އަށް މި އަހަރުގެ މިހާތަނަށް 647500 ރުފިޔާ ވަނީ ދެވިފައި،" މަހުލޫފް ވިދާޅުވި އެވެ.
ވެލެންސިއާގެ ބަޔާނުގައި މިނިސްޓްރީ އަށް އަމާޒުވެފައިވާ އެހެން ތުހުމަތުތަކަށް މަހުލޫފް ވާހަކަ ދައްކާފައިނުވެ އެވެ.
މިިދިޔަ އަހަރު، އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އެ ގައުމުގައި ކުޅެން އޮތް މެޗަށް ވެލެންސިއާ ނުދެ އެވެ. އެހެންވެ، ވެލެންސިއާ އަށް އޭއެފްސީން ޖޫރިމަނާ އެއްވެސް އަ އެވެ. ވެލެންސިއާ އަށް އެ މެޗަށް ނުދެވުނީ މާލީ ހާލަތުގެ ސަބަބުން ކަންތައްތައް ހަމަނުޖެހި ހުރުމުންނެވެ. ވެލެންސިއާ އިން އޭރު ބުނީ މާލީ ކަންކަން ހަމަޖައްސަން ޔޫތު މިނިސްޓްރީން ލިބެންޖެހޭ އެއްބާރުލުން ވަގުތު އޮއްވައި ނުލިބުނު ކަމަށާއި އެހެންވެ މެޗު ކުޅެން ނުދެވުނީ ކަމަށެވެ. މިނިސްޓްރީން ވަނީ ފަހުން ބަޔާނެއް ނެރެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment