16 ނޮވެންބަރު 2023 - 21:29 0
މުހައްމަދު ޖަމްޝަތު ވަހީދު
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
16 ނޮވެންބަރު 2023 - 21:29 0
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޕިޓަލް ކޮންޓްރިބިއުޝަން ދިނުމަށް މި އަހަރު ބަޖެޓުކުރި އަދަދަށް ވުރެ 39.8 ޕަަސެންޓު އިތުރަށް ހަރަދުކޮށްފައިވާތީ އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ވަނީ ބަޖެޓާ ގުޅޭގޮތުން އޮޑިޓު އޮފީހުގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން, އެއްމެ ބޮޑު ކަންބޮޑުވުމަކަށް ނިޔާޒީ ފާހަގަކުރެއްވީ މިއަހަރަށް ފާސްކުރި ބަޖެޓުގައި ދައުލަތުގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ރާވާފައި އޮތް ނަަމަވެސް އެކަންތައް ތަންފީޒުކޮށްފައި ނުވުމެވެ. އަދި, ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން އިތުރުކުރަން މިނިސްޓްރީން ހުށަހަޅާފައިވާއިރު ބަޖެޓުކޮށްފައި ހުރި މިންވަރަށްވުރެ އިތުރަށް ހަރަދުތައް ކޮށްފައި ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
އޭގެ ތެރޭގައި އާސަންދައަށް ކުރި ހަރަދާއިި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދިނުމަށް ކޮށްފައިވާ ހަރަދު ވެސް ހިމެނެ އެވެ. މިއީ ސަޕްލިމެންޓްރީ ބަޖެޓުގައިވެ ސް އިތުރުކުރަން ހިމަނާފައިވާ ކަންތައް ތަކެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ކުންފުނިތަކުގެ ކެޕިޓަލް ކޮންޓްރިބިއުޝަން ހަރަދަށް ފާސްކުރީ 764 މިލިއަން ރުފިޔާއެވެ. ނިޔާޒީ ވިދާޅުވި ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުންފުނިތަކުގެ ކެޕިޓަލް ކޮންޓްރިބިއުޝަން އަށް އެއް ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފަ އެވެ. އެއީ ބަޖެޓުކުރި ވަރަށްވުރެ 39.8 ޕަސެންޓު އިތުރު އަދަދެކެވެ.
ކެޕިޓަލް ކޮންޓްރިބިއުޝަންގެ ހަރަދު އިތުރުވެފައިވާއިރު ސަޕްލިމެންޓްރީ ބަޖެޓުގައި ކުންފުނިތަކުގެ ކެޕިޓަލް އަށް 611.7 މިލިއަން ރުފިޔާ އިތުރުކުރުން ވަނީ ހުށަހަޅާފަ އެވެ. އަދި ފެނަކަ އާއި އާރުޑީސީގެ ވޯކިން ކެޕިޓަލަށް ހަމަޖެއްސުމަށް ބަޖެޓުން ޓްރެޒަރީ 291.3 މިލިއަން ރުފިޔާ ދޫކުރަންވެސް ވަނީ ހުށަހަޅާފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވަމުން މަޖިލީހުގައިފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް އިތުރުކުރުމަށް ހުށައަޅާފައިވަނީ މިއަހަރު ކްރޮސް ސަބްސިޑީގެ އުސޫލުގެ ތެރެއިން ދައުލަތަށް ފައިސާ ލިބުމުންނެވެ.
އަދި އާބަންކޯއިން މިއަހަރުގެ ތެރޭގައި ބިން ވިއްކައިގެން ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ ނުލިބުމާއި، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމުންނާއި، އަދި އެޗްޑީސީގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުން އެކުންފުންޏަށް ކެޕިޓަލް ދޭންޖެހިފައިވާ ކަމަށް ވެސް މިނިސްޓަރް ފާހަގަކުރެއްވި އެވެ.
ދައުލަތުގެ މުޅި ބަޖެޓަށް ބަލާއިރުވެސް ސެޕްޓެމްބަރުގެ ނިޔަލަށް މުޅި ބަޖެޓުގެ 86.6 ޕަސެންޓު ވަނީ ހަރަދުކޮށްފަ އެވެ. މި އަހަރަށް ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment