Advertisement

ބޭސް ގުޅައެއް 5،000ރ. އަށް ވިއްކުނީ އޮޅުމަކުން، އެއީ ބޭސް ފޮށީގެ އަގު: އެސްޓީއޯ

15 ނޮވެންބަރު 2023 - 13:37 4

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އެސްޓީއޯގެ ފާމަސީއެއް. ކޮވިޑު ތެރޭގައި އެސްޓީއޯއިން ބޭސް ގުޅައެއް 5000ރ އަށް ވިއްކަ މައްސަލައެއް އެސްއޯއީ ކޮމިޓީން ދަނީ ދިރާސާ ކުރަމުން--- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ބޭސް ގުޅައެއް 5،000ރ. އަށް ވިއްކުނީ އޮޅުމަކުން، އެއީ ބޭސް ފޮށީގެ އަގު: އެސްޓީއޯ

15 ނޮވެންބަރު 2023 - 13:37 4

ބަލި މީހަކަށް ބޭސް ގުޅައެއް 5،000ރ. އަށް ވުރެ ބޮޑުކޮށް ވިއްކިފައިވަނީ އޮޅުމަކުން ކަމަށާއި އެ ފައިސާ އާސަންދައަށް އަނބުރާ ރައްދު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

މި މައްސަލައަކީ ކޮވިޑު ތެރޭގައި އެސްޓީއޯއިން ބޭސް ސިޓީތަކަށް ރާއްޖެއިން ބޭރުން ބޭސް ގެނެސްދެމުން ދިޔައިރު ފެންމަތިވި މައްސަލަ އެކެވެ. ކޮންޓްރޯލް ކޮށްގެން ވިއްކާ އެ ބޭސް ގެނައުމަށް ފަހު އެސްޓީއޯ އިން ބަލި މީހަކަށް އެ ބޭސް ދޫކުރީ ގުޅައެއް 5،250ރ. ގެ ރޭޓުންނެވެ. ބޭސް ސިޓީއަށް ބޭސް ދޫކުރީ އާސަންދައިގެ ދަށުންނެވެ.

އެނގިފައިވާ ގޮތުގައި އަސްލު އެ ބޭސް ވިއްކަނީ ގުޅައެއް 250ރ. އަށެވެ. އެ ބޭހަކީ ކޮންޓްރޯލް ކޮށްގެން ވިއްކާ ބޭހަކަށް ވާތީ ބޭސް އެތެރެކުރުމުގެ ހުއްދަ އޮންނަނީ އެސްޓީއޯއަށް އެކަންޏެވެ.

މައްސަލަ ފެންމަތިވެ އެކަން ހިނގައިދިޔަ ގޮތް ލިޔުމުން ހޯދަން މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން މިިދިޔަ އަހަރުން ފެށިގެން އެސްޓީއޯ އަށް ތަކުރާރުކޮށް އެދުނެވެ.

މިއަދު ކުރިއަށްދިޔަ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ރަޝާދު ހުންނެވި އިރުން ފެށިގެން ތިން ފަހަރެއްގެ މަތިން ސިޓީ ފޮނުވައިގެން ވެސް އެސްޓީއޯ އިން އެ މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެ އެވެ.

ނަމަވެސް, އެ މައުލޫމާތު ނުލިބުމުން އެސްޓީއޯގެ ވެރިން އެ ކޮމެޓީ އަށް ހާޒިރު ކުރުމަށް ކޮމިޓީން މިދިޔަ މަހު ފާސްކޮށްފައި ވަނިކޮށް އެސްޓީއޯއިން ވަނީ އެކަން ހިނގައިދިޔަ ގޮތާ ގުޅޭ ސިޓީއެެއް ކޮމިޓީއަށް ފޮނުވާފަ އެވެ.

އެ ސިޓީގައި އެސްޓީއޯއިން ބުނެފައިވާގޮތުން ކޮވިޑު ދުވަސްވަރުގައި ރާއްޖޭން ބޭރުން 5،000 އަށްވުރެ ގިނަ ބޭސް ސިޓީއަށް އެކުންފުނިން ވަނީ ބޭސް ގެނެސްދީފަ އެވެ.

އަދި މިހާތަނަށް ބެލިބެލުމުން މައްސަލަ ޖެހުނު ބޭސް ވިއްކާފައިވަނީ ތިން ބޭސް ސިޓީއަށް ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ބޭސް ވިއްކި ބަލިމީހާއަށް ބޭސް ވިއްކާފައިވަނީ ބޭސް ގުޅައިގެ ބަދަލުގައި ފޮށީގެ އަގުން ކަމަށް ވަނީ ބުނެފަ އެވެ. އަދި އެއީ ބޭސްފިހާރައިގައި އިން މުވައްޒަފަށް އެރި އޮޅުމަކުން ދިމާވި ކަމެއް ކަމަށާއި އިތުރަށް ނެގި ފައިސާ އެންސްޕާއަށް އަނބުރާ ރީ އިމްބާސްކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯގެ ސިޓީގައި ބުނެފައިވެ އެވެ.

މި ކަމާ ގުޅިގެން ކޮމިޓީގެ މެމްބަރުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ބޭހުގެ އަގު ހެޑް އޮފީހުން ހަދައި ސިސްޓަމަށް އެންޓާ ކޮށްފައިވާއިރު ބޭސް ފިހާރައިގެ މުވައްޒަފަކަށް އެ ބޭސް އަގުބޮޑުކޮށް ވިއްކުނީ ކީއްވެ ތޯ ބަލަން ޖެހޭ ކަމަށާއި އެސްޓީއޯ އިން ގެންނަ ބޭހަށް އަގު ހަދާގޮތާއި ބޭސް ގެންނަ އަގުތައްވެސް ހޯދަންޖެހޭ ކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވި އެވެ.

އެސްޓީއޯއިން މި ކަމަށް ލިޔުމުން ޖަވާވުދާރީވެފައިވާތީ ކޮމިޓީން މިއަދު ވަނީ އެކަމާ ގުޅޭ ތަފްސީލީ ރިޕޯޓެއް ތައްޔާރުކުރަން ނިންމާފަ އެވެ.