Advertisement

އަނިޔާގެ ސަބަބުން ބެލިންހަމް ގައުމީ ޓީމުން ވަކިވެއްޖެ

15 ނޮވެންބަރު 2023 - 10:52 0


އަނިޔާގެ ސަބަބުން ބެލިންހަމް ގައުމީ ޓީމުން ވަކިވެއްޖެ

15 ނޮވެންބަރު 2023 - 10:52 0

ލަންޑަން (ނޮވެމްބަރު 15) - މި ވަގުުތު އެންމެ ފޯމުގައި ހުރި އެއް މިޑްފިލްޑަރު ޖޫޑް ބެލިންހަމްގެ ކޮނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އިނގިރޭސި ގައުމީ ޓީމުން ވަކިވެއްޖެ އެވެ.

އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމް މިހާރު ތައްޔާރު ވަމުން އަންނަނީ ޔޫރޯ ކޮލިފައިންގެ ގްރޫޕްގެ ފަހު މެޗުތަކަށެވެ. މޮލްޓާ އަދި ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅޭ ދެ މެޗަށް އެކުލަވާލި ގައުމީ ޓީމުން ގިނަ ކުޅުންތެރިންތަކެއް ވަނީ ވަކިވެފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ނަމަކީ ބެލިންހަމް އެވެ.

މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލިންހަމްގެ ކޮނޑަށް އަނިޔާވީ މި މަހުގެ ފަސް ވަނަ ދުވަހު، ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ބެލިންހަމްގެ ކޮނޑަށް ލިބުނު އަނިޔާގެ ސަބަބުން އެންމެ ފަހުން ރެއާލް ކުޅުނު ދެ މެޗުގައިވެސް ކުޅެފަ އެއް ނުވެ އެވެ.

އެ ގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ރެއާލް ކުޅުނު މެޗާއި، ލީގުގައި ވެލެންސިއާ އަތުން 5-1 އިން މޮޅުވި މެޗުގައިވެސް އޭނާގެ ބޭނުން ނުކުރެވުނެވެ.

ބެލިންހަމް އަނިޔާގައި ހުރި ނަމަވެސް އިންގްލެންޑް ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓު ވަނީ ބެލިންހަމް އަށް އިންގްލެންޑްގެ ގައުމީ ޓީމުން ފުރުސަތުދީފަ އެވެ. ގައުމީ ޓީމުގެ ޑޮކްޓަރުން ވަނީ ބެލިންހަމްގެ އަނިޔާ ބަލައި ޓެސްޓުތަކެއް ހަދައިފަ އެވެ. މި ޓެސްޓުތަކުގެ ނަތީޖާ ދައްކާގޮތުން އޭނާއަށް ގައުމީ ޓީމް ކުރިއަށް ކުޅޭ ދެ މެޗުގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފަ އެވެ.

ގައުމީ ޓީމުން ވަކިވާން ބެލިންހަމް ނިންމިއިރު، ޗެލްސީގެ ޑިފެންޑަރު ލެވީ ކޮލްވިލް ވެސް ވަނީ އަނިޔާގެ ސަބަބުން ޓީމުން ވަކިވެފަ އެވެ. ކޮލްވިލްގެ ވެސް އަނިޔާ ލިބިފައިވަނީ ކޮނޑަށެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން މިދިޔަ އާދިއްތަ ދުވަހުވެސް އަނިޔާގެ ސަބަބުން ތިން ކުޅުންތެެރިއަކުވަނީ ގައުމީ ޓީމުން ވަކިވެފަ އެވެ. އެއީ ޓޮޓެންހަމްގެ މިޑްފިލްޑަރު ޖޭމްސް މެޑިސަން، ނިއުކާސަލްގެ ފޯވާޑް ކަލުމް ވިލްސަން އަދި ބްރައިޓަންގެ ޑިފެންޑަރު ލެވިސް ޑަންކް އެވެ.

މި ތިން ކުޅުންތެރިންގެ ބަދަލުގައި ސައުތުގޭޓް ވަނީ ޗެލްސީގެ ޒުވާން ފޯވާޑް ކޯލް ޕާލްމާ، މެންޗެސްޓާ ސިޓީގެ ރިކޯ ލެވިސް އަދި އެސްޓަން ވިލާގެ އެޒްރީ ކޮންސާ އަށް ގައުމީ ޓީމުން ފުރުސަތުދީފަ އެވެ. މިއީ ލެވިސް އާއި ޕާލްމާ އަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ކުރިން ޓީމުން ވަކިވި ތިން ކުޅުންތެރިންގެ ބަދަލުގައި އާ ކުޅުންތެރިން ޓީމަށް ނެގި ނަމަވެސް ބެލިންހަމް އާއި ކޮލްވިލްގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ޓީމަށް ނަގަން ކޯޗު ބޭނުން ނުވާކަމަށް އިނގިރޭސި އެފްއޭއިން ހާމަކުރެ އެވެ.

އެންމެ ބޮޑު އެއް ސަބަބަކީ އަންނަ އަހަރުގެ ޔޫރޯ އަށް އިންގްލެންޑް ކޮލިފައިވެފައި އޮތުމެވެ. ކުރިއަށް އޮތް ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެއްޖެނަމަ ކޮލިފައިން ގްރޫޕް އެއް ވަނަ އިންގްލެންޑަށް ލިބޭނެ އެވެ.