14 ނޮވެންބަރު 2023 - 10:40 0
14 ނޮވެންބަރު 2023 - 10:40 0
މެޑްރިޑް (ނޮވެމްބަރު 14) - ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑަށް މިސީޒަންގައި ބަދަލުވި ގޯލްކީޕަރު ކެޕާ އަރިޒަބަލަގާއަށް އަނިޔާވެ ރެއާލްއަށް ގޯލްކީޕަރުންގެ މައްސަލަ ކުރިމަތިވެއްޖެ އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ރެއާލް ސްޕޯޓިން ބްރާގާއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތުމުގެ ކެޕާގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. މި އަނިޔާގެ ސަބަބުން އޭނާ މަދުވެގެން ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.
ކެޕާގެ ބަދަލުގައި އެ މެޗުގައި ކުޅުނީ ޔޫކްރެއިންގެ ކިޕަރު އަންދްރޭ ލުނިން އެވެ. އޭނާ ވަނީ އެ މެޗުގެ ހަތަރު ވަނަ މިނެޓުގައި ބްރާގާއަށް ލިބުނު ޕެނަލްޓީވެސް ދިފާއުކޮށްފަ އެވެ. މިވަގުތު ސީނިއާ ޓީމުގެ ތަޖުރިބާ ހުރި ހަމައެކަނި ކީޕަރަކީ ލުނިން އެވެ. 2018 އިން ފެށިގެން ރެއާލްގެ ކޮންޓްރެކްޓްގައި ހުރި ލުނިން އެކުލަބަށް ކުޅުނީ 12 މެޗުގަ އެވެ.
މި ސީޒަންގެ ލީގުގެ ފުރަތަމަ ދެ މެޗުގައިވެސް ރެއާލްގެ ގޯލު ބެލެހެއްޓީ ލުނިން އެވެ. އެ ޓީމުގެ އެއް ވަނަ ކީޕަރު ތިބާއޫ ކޯޓުއާގެ ކަކުލަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން ސީޒަންގެ ބޮޑުބައެއް ގެއްލޭނެކަމަށް ބެލެވުމާއިއެކު އެކުލަބަށް އިތުރު ކީޕަރެއް ހޯދަން މަޖުބޫރުވި އެވެ. ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް ޗެލްސީގެ ކެޕާ އަރިޒަބަލަގާ އެކުލަބަށް ގެންނަން ރެއާލްއިން ނިންމީ މިހެންވެގެންނެވެ.
ލީގުގައި އެންމެ ފަހުން ވެލެންސިއާ އަތުން ރެއާލް މޮޅުވި މެޗުގައި ވެސް އެޓީމްގެ ގޯލު ބެލެހެއްޓީ ލުނިން އެވެ. ބަދަލު ކީޕަރުގެ ގޮތުގައި ތިބީ 19 އަހަރުގެ ޑިއޭގޯ ޕިނޭރޯ އާއި 18 އަހަރުގެ ފްރޭން ގޮންޒާލޭޒް އެވެ.
ކެޕާއަށް މި ލިބުނު އަނިޔާގެ އަސަރު އެކުލަބަށް އެހާ ބޮޑަށް ކުރާނެކަމަށް ނުބެލެވެ އެވެ. ސަބަބަކީ މިވަގުތު އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލާފައި އޮތުމެވެ.
އަލުން ލީގުގެ ކުޅުން ފަށާނީ މިމަހުގެ 26ގަ އެވެ. އެ މެޗަށް ކީޕަރު ކެޕާ ފިޓުނުވި ކަމުގައިވިޔަސް ޗެމްޕިއަންސް ލީގުގައި ނަޕޯލީއާ ދެކޮޅަށް ރެއާލް ކުޅޭ މެޗަށް އޭނާ ފިޓުވުން ގާތް ކަމަށް ބެލެވެ އެވެ.
Comment