14 ނޮވެންބަރު 2023 - 09:39 1
މުހައްމަދު ނަސީމް
14 ނޮވެންބަރު 2023 - 09:39 1
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ބާކީ ބަޔަށް ހުށަހަޅާ ސަޕްލިމެންޓްެރީ ބަޖެޓް ހުށަހަޅާ ޖަލްސާ ފެށުމާއި އެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީ ، ދަ ޑިމޮކްރެޓްސްގެ މެމްބަރުން "ނިޒާމީ ނުކުތާތައް" ނަންގަވައި އަޑުގަދަކޮށް މަޖިލީހުގެ ނިޒާމު ނަގައިލަން މަސައްކަތް ފަށައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުންނެވީ މަޖިލީހުގެ ގަވައިދާއި ގާނޫނުތަކާ ހިލާފުވެވަޑައިގެންފައި ކަމަށް ތުހުމަތުކޮށް، ޑިމޮކްރެޓްސްގެ މެމްބަރުން މިހާރު ތިއްބެވީ އޭނާ ވަށާލައި އަޑުގަދަކުރުމުގަ އެވެ.
ބަޖެޓް ހުށަހަޅާ ޖަލްސާ ފެށުމާ އެކު ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ފުރަތަމަ ފުރުސަތު ހޯއްދަވައިގެން ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ކޮންމެ އަހަރެއްގެ ނޮވެމްބަރު އެކެއްގެ ކުރިން ބަޖެޓް ހުށަހަަޅަން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށެވެ.
ބަޖެޓް ހުށަހަޅަން ފުރަތަމަ އެޖެންޑާކުރި ދުވަހު ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ވަޑައިނުގެންނެވީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ދެއްވި ލަފަޔަކަށެވެ. އާޒިމް ވިދާޅުވީ އެ ލަފަޔަކީ ގާނޫނާ ހިލާފު ލަފައެއްކަން ސުޕްރީމްކޯޓުގެ ހުކުމުން އެނގޭ ކަމަށެވެ.
"އެހެންވީމާ މިކަމަށް ގޮތެއް ނުނިންމައި އަޅުގަނޑު ގަބޫލެއް ނުކުރަން މި ސެޝަން [ޖަލްސާ] ކުރިއަށް ގެންދެވޭނެ ކަމަކަށް،" އާޒިމް ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ގާނޫނުން ލާޒިމުކުރާ ތާރީހުގައި ބަޖެޓް ހުހަޅުއްވަން އަމީރު ވަޑައިގަންނަވަން ދަންނަވާފައި ވަނިކޮށް އޭރު ވަޑައިނުގެން ހުންނެވީ މަޖިލީހަށް ގޮންޖައްސަވާފައި ކަމަށެވެ.
"ސުޕްރީމްކޯޓުގެ ހުކުމުން ވެސް އެނގެނީ [އަަމީރުގެ] އެ އަމަލަކީ ޣައިރުގާނޫނީ އަމަލެއް،" އިމްތިޔާޒް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްކަމުން އިއްޔެ އިސްތިއުފާ ދެއްވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ހުށަހެޅުއްވީ ބަޖެޓް ހުށަހަޅަން އެޖެންޑާކުރި ދުވަހު ވަޑައި ނުގެންނެވުމުން ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.
"މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ އަޅުގަނޑުމެން ކުރާން އޮތް އެންމެ މުހިއްމު ކަންތައް،" ނަޝީދު ވިދާޅުވި އެވެ.
އެއީ މަޖިލީހުގައި އޮތް އެންމެ މުހިއްމު ނިޒާމީ ނުކުތާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ ފަހުން ޑިމޮކްރެޓްސްގެ މެމްބަރުން ވަޑައިގެންނެވީ މަޖިލީހުގެ ތަޅުމުގައި ވަޒީރުން ތިއްބަވާ މޭޒުގެ ކައިރިއަށެވެ. އެތަނަށް ވަޑައިގެން މިނިސްޓަރު އަމީރުގެ ވަޑައިގެން ތިއްބަވައި އަޑުގަދަކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment