Advertisement

ހުރިހާ ޕާޓީއެއް އެއްބަސްވާ ގައުމީ ތަރައްގީގެ އޮނިގަނޑެއް އެކުލަވާލުން މުހިއްމު: އަމީރު

14 ނޮވެންބަރު 2023 - 10:59 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގައި - ފޮޓޯ: މަޖިލިސް


ހުރިހާ ޕާޓީއެއް އެއްބަސްވާ ގައުމީ ތަރައްގީގެ އޮނިގަނޑެއް އެކުލަވާލުން މުހިއްމު: އަމީރު

14 ނޮވެންބަރު 2023 - 10:59 0

ރައްޔިތުން ތިބީ ތަރައްގީއަށް ފެންބޮވައިގެންފައި ކަމަށާއި، އެހެންވެ ގައުމުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން، ވީހާ ވެސް ބޮޑަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ގައުމީ ތަރައްގީގެ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްތަކުގެ އަސާސީ ކަންކަން ފުރިހަމަނުވާ ކަމަށެވެ. އެކަންކަން ކުރުމުގެ އިތުރުން، ރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމަކަށްވާތީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށެވެ.

ނަމަވެސް އަމީރު ވިދާޅުވީ ރާއްޖޭގެ ކެރިފޯރުންތެރިކަން ހުރި ވަރަށް ބަލާއިރު ބޭނުންވާ މިންވަރަށް އެފަދަ މަޝްރޫއުތައް ހިންގުން ދަތި ކަމަށެވެ. އެކަމަށް އޮތް ހައްލަކީ، އޭނާ ވިދާޅުވި ގޮތުގައި، މަޝްރޫއުތައް ތަރުތީބުކޮށް، އިސްކަންދޭނެ ކަންކަން ނިންމުމަށް ހުރިހާ ޕާޓީތަކަކުން އެއްބަސްވާ ގައުމީ ތަރައްގީގެ އޮނިގަނޑެއް އެކުލަވާލުން ކަމަށެވެ.

އަމީރުގެ ފަހު ބަޖެޓް ތަގުރީރުގައި އޭނާ ވިދާޅުވީ މި ސަރުކާރަކީ ހެޔޮ ވެރިކަމެއް ކޮށްދިނުމަށް އައި ސަރުކާރެއް ކަމަށާއި އެގޮތުން ވީ ވައުދާ އެއްގޮތަކަށް މުޅި ދައުރުގައި ވެސް، ނާޒުކު މައުލޫމާތުތައް ފިޔަވައި އެހެން ހުރިހާ ހިސާބުތަކެއް ހާމަކުރި ކަމަށެވެ.

"އައިއެމްއެފްގެ ފިސްކަލް ޓްރާންސްޕޭރަންސީ އިވެލުއޭޝަން ހަދައި، އޭގެ ރިޕޯޓް ވެސް ވާނީ ޝާއިއުކޮށްފައި. މާލީ ހާމަކަން އިތުރުކުރުމަށް މި އިވެލުއޭޝަންގައި ފާހަގަކުރެވުނު ކަންކަން މި ދަނީ ތަންފީޒުކުރަމުން އަދި އިސްލާހުކުރަމުން،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މާލީ ރިސްކުތައް ދެނެގަނެ، އެ ރިސްކުތަކުގެ ނުރައްކާ ކުޑަކުރުމުގެ މުހިއްމުކަން ފާހަގަކޮށް ބަޔާންތައް ވެސް ގަވާއިދުން އާއްމުކުރަމުން އަންނަ ކަމަށެވެ. މި ބަޔާންތަކާ އެކު، އެކިއެކި ރިސްކުތައް ކުޑަކުރުމަށް ސަރުކާރުން އަޅާނެ ފިޔަވަޅުތައް ދެނެގަނެ، އެ މަގުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މާލީ ހާމަކަން އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް. އުއްމީދަކީ މާލީ ހާމަކަން ދަމަހައްޓައި، ކުރިއަށް އޮތް އަހަރުތަކުގައި މާލީ ހިސާބުތަކުގެ ފެންވަރު މިހާރަށްވުރެ ވެސް ރަނގަޅުވެގެން ދިއުން،" އަމީރު ވިދާޅުވި އެވެ.