13 ނޮވެންބަރު 2023 - 13:57 0
އަހުމަދު އާއިދު
ކޮވިޑު ތެރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ފަތުރުވެރިންތަކެއް : މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކޮވިޑުގެ ކުރީގެ އަދަދުތަކަށްވުރެ ރަނގަޅު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
13 ނޮވެންބަރު 2023 - 13:57 0
ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތް ގޮތާ ބެހޭގޮތުން ހަދާފައިވާ ޑޮކިއުމެންޓަރީއެއްގެ ޓްރެއިލާ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފި އެވެ.
އެ މިނިސްޓްރީގެ ރަސްމީ މީޑިއާ އެކައުންޓުތަކުން ޕޯސްޓުކުރި މިނެޓެއްހާ ދިގުމިނުގެ މި ޓްރެއިލާގައި ރާއްޖޭގައި ކޮވިޑު ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރެއްވި އިސް ބައެއް ފަރާތްތަކުގެ މަންޒަރުތައް ފެނެ އެވެ.
އެގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އޭރު ގާއިމުކުރެވުނު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ފަދަ ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް ވެސް ފެނިގެންދެ އެވެ.
ޓްރެއިލާގައި ފެންނަ މަންޒަރުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ މުޅި ދުނިޔެ ފުރަބަންދަކަށް ދިއުން ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ޑޮކިއުމެންޓަރީ އާންމުކޮށް ދެއްކުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ 10:15 ގައި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ވަދާއީ ތަގުދީރުގައިވެސް ވަނީ ކޮވިޑުން އަރައިގަތުން ވެގެންދިޔައީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމުގައި ވިދާޅުވެފަ އެވެ.
"ކޮވިޑާ ގުޅިގެން އެހެން ގައުމުތަކުގައި ޕައިލެޓުން ތިބެން ޖެހުނީ ގޭގައި. ނަމަވެސް ޕީޕީއީގައި ރާއްޖޭގެ ޕައިލެޓުން ތިބީ ބޭހާ ވެކްސިން އަދި ބަލި މީހުން ގޮވައިގެން ކޮވިޑުގެ ކުރިއަށް ވުރެ އަވަދިނެތި އުދުހުމުގައި. ދޭސީ އެއް ބިދޭސީ އެއް މިކަމުގައި ތަފާތެއް ނުކުރަން،"
"އެންމެ ގިނަ ރޭނިދިން އަޅުގަނޑު މަހުރޫމްވާން މަޖްބޫރުވި ހާލަތަކީ އެއީ. އެހެންނަމަވެސް ﷲ ސުބްހާނަހޫ ވަތައާލާގެ ރަހުމަތްފުޅު ކިތަންމެހާވެސް ތަނަވަސް."
ކޮވިޑާ އެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ރިސޯޓުތައްވެސް ހުއްޓުމަކަށް އަ އެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ މިވީ ފަސް ދަހަރުގެ ތެރޭގައި އަލަށް ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުނެވެ. އެ ބަލީގައި 300 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
ނަމަވެސް ސަރުކާރުގެ ނިންމުންތަކާއި ފިޔަވަޅުތަކާއެކު ކޮވިޑުގެ ހާލަތުން އަރައިގަނެ މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ކޮވިޑުގެ ކުރީގެ ހާލަތު ހުރަސްކޮށް ކުރި އަރާފަ އެވެ. އެގޮތުން ކޮވިޑުގެ ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެންމެ ފުރަތަމަ ބޯޑަރު ހުޅުވި އެއް ގައުމަކަށް ރާއްޖެ ވި އެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރަ އެވެ. މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ 1.5 މިލިއަން ފަތުރުވެރިންނެވެ.
Comment