Advertisement

ނަޝީދު ވަކިކުރާ މައްސަލަ އާންމު ކޮމެޓީން ބަލަނީ މެންޑޭޓާ ހިލާފަށް: އިލްޔާސް

12 ނޮވެންބަރު 2023 - 15:34 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މެމްބަރު އިލްޔާސް ލަބީބު މިއަދުގެ ކޮމެޓީގައި: އާންމު ކޮމެޓީއިން މައްސަލަ ބަލަނީ މެންޑޭޓާއި ޚިލާފަށްކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ނަޝީދު ވަކިކުރާ މައްސަލަ އާންމު ކޮމެޓީން ބަލަނީ މެންޑޭޓާ ހިލާފަށް: އިލްޔާސް

12 ނޮވެންބަރު 2023 - 15:34 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ އާންމު ކޮމެޓީއިން ބަލަނީ ކޮމެޓީގެ މެންޑޭޓާއި ހިލާފަށްކަމަށް ހުޅުދޫ ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ އިމްތިޔާޒަށް އަރަައިގަނެފައިވާކަމަށް ތުހުމަތުކޮށް އެމައްސަލަ ބެލުމަށް ސުލޫކު ކޮމެޓީއިން ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ މައްސަލަ ނިމެންދެން ނައިބް ރައީސް އީވާ އަބްދުﷲ އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި ޑިމޮކްރެޓްސްއަށް ނިސްބަތްވާ އެހެން މެމްބަރަކަށްވެސް ރިޔާސަތުގައި ނުތިބެވޭގޮތަށް ނިންމައިދިނުމަށް އެދި މަޖިލީހުގެ އާންމު ކޮމެޓީއަށް ވަނީ ރިކޮމެންޑޭޝަނެއް ފޮނުވާފައެވެ.

މިއަދު މެންދުރު ބޭއްވި އާންމު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދެއްވުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރު އިލްޔާސް ވިދާޅުވީ އާންމު ކޮމެޓީއިން މައްސަލަ ބަލަމުން ގެންދަނީ މެންޑޭޓާ ޚިލާފަށް ކަމަށެވެ.

އާންމު ކޮމެޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނެނީ ގަވާއިދުގައި އޮތް ކަމެއްގެ ސަބަބުން މައްސަލައެއް ނުބެލޭނެމަ ގަވާއިދު އިސްލާހުކުރުން ކަމަށާއި، ހިނގަމުންދާ މައްސަލައެއްގެ ތެރެއަށް އާންމު ކޮމެޓީއަށް ނުވަދެވޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

108 ވަނަ މާއްދާގެ ހުދޫދުގެ ތެރެއިން މަސައްކަތް ކުރަންވީ. އެއްވެސް މާއްދާއަކުން މިމައްސަލަ ބެލޭނެ ގޮތެއް ނުފެނޭ

މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި އިލްޔާސް ވިދާޅުވީ އާންމު ކޮމެޓީއިން ލަފާ ދެވޭނީ އިދާރީ ހިންގުމުގެ ތެރެއިން ދިމާވާ މައްސަލަތަކަށް ކަމަށެވެ. އަދި މަޖިލިސް ހިންގުމުގެ ތެރެއިން ދިމާވާ ކަންކަން ބަލައި ގޮތް ކިޔުމަކީ އާންމު ކޮމެޓީއިން ކުރެވޭނެކަމެއް ނޫންކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސަށް ރައްދު ދެއްވައި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) ވިދާޅުވީ އަމީންއާއްމަށް ލަފާ ދިނުން އާންމު ކޮމެޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއެއް ކުރިއަށްގެންދިޔުމަށް ދަތިވާނަމަ އެދަތިވާ ކަމަކީ ކޮބައިތޯ ބަލައި، ހައްލު ހޯދަން މައްސަލަ ބެލޭނެކަމަށް މެމްބަރު ވިދާޅުވިއެވެ.

އިލްޔާސްގެ ވާހަކަ އަށް ތާއީދުކުރައްވާ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްވެސް ވަނީ މިއީ މެންޑޭޓާއި ހިލާފު ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލަ އިތުރަށް ދިރާސާކުރަންޖެހޭ ކަމަށާއި އަވަސް އަރުވާލައިގެން މައްސަލަ ނިންމަންވީ ސަބަބެއްނެތްކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމެޓީ ބައްދަލުވުން ނިމިގެން ދިޔައީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) ހުށަހެޅުއްވި ހުށަހެޅުން ކޮމެޓީގައި ތިއްބެވި މެމްބަރުންގެ އަގްލަބިއްޔަތުން ފާސްވެގެންނެވެ. މެމްބަރު ހުށަހެޅުއްވީ ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތް ބަލައި ދިނުމަށް އެދި ބަންޑާރަ ނައިބުގެ ލަފާ ހޯދައި އެލަފާ މަޖިލީީހުގެ އަމީންއާންމާއި ކައުންސިލް ޖެނެރަލަށް ހުށަހެޅުމަށެވެ.

މިއަދުގެ ޖަލްސާގައި އަފީފާއި އީވާވެސް މެމްބަރުންގެ އިމްތިޔާޒްތަކަށް އަރައިގަނެފައިވާކަމަށް ސުލޫކު ކޮމެޓީއިންވެސް ވަނީ ނިންމާފައެވެ.