Advertisement

އީވާ އާއި އަފީފު މެމްބަރުންގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމަށް ސުލޫކު ކޮމިޓީން ނިންމައިފި

12 ނޮވެންބަރު 2023 - 13:01 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ކޮމިޓީގެ މިއަދުގެ ބައްދަލުވުން.


އީވާ އާއި އަފީފު މެމްބަރުންގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމަށް ސުލޫކު ކޮމިޓީން ނިންމައިފި

12 ނޮވެންބަރު 2023 - 13:01 1

ރައްޔިިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލީ ގަވައިދާ ހިލާފަށް ކަމަށާއި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މެމްބަރުންގެ "އިމްތިޔާޒްތަކަށް އަރައިގަތް ކަމަށް" އިމްތިޔާޒާއި ސޫލުކު ކޮމިޓީން ނިންމައިފި އެވެ.

ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު އެޖެންޑާކޮށް މިއަދު ހެނދުނު 9:00 ގައި ފެށި ޖަލްސާއަށް ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިނުގަންނަވާތީ އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

އެ ޖަލްސާ ފެށުމާ އެކު ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމާ ބެހޭ މައްސަލައެއްގެ ގޮތުގައި ވިދާޅުވީ އެ ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށެެވެ. އެއީ ރަނގަޅު ނުކުތާއެއް ކަމަށް ބަލައިގަނެ، އެ ގަރާރު ބޭރުކޮށްލިކަން އިއުލާނުކުރެއްވުމަށް ފަހު އަފީފު ޖަލްސާ ނިންމަވައިލެއްވި އެވެ.

އޭގެ ދެގަޑިއެއްހާ އިރު ފަހުން ބޭއްވި ދެވަަނަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައިީސް އީވާ އަބްދުﷲ އެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސުލޫކު ކޮމިޓީން އެ މައްސަލަ ބަލަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ ދެ ޖަލްސާ ވެސް ނިންމައިލީ ގަވައިދާ ހިލާފަށް ކަމަށެވެ. އެގޮތަށް އަމަލުކުރެއްވުމުގައި އެ ދެ މެމްބަރުން، މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްތަކަށް އަރައިގެންފައިވާ ކަމަށް ވެސް ފާސްކުރި އެވެ.

ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެވެ.