ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އަދި ރައީސް ސޯލިހު މުލިއާގޭ ބޭރުގައި. ދެކަނބަލުންގެ ދިރިއުޅުން ރިޔާސީ ގަނޑުވަރަށް ބަދަލުކުރެއްވީ ނޮވެމްބަރު 2018 ގައި --- ފޮޓޯ: ރައީސް އޮފީސް
ރިޔާސީ ދައުރު ނޮވެމްބަރު 17, ގައި ފުރިހަމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ދުރުވެވަޑައިގަންނަވާ އެމްޑީޕީގެ ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރު, މުލިއާގެ ދޫކުރައްވައި އެހެން ގެކޮޅަަކަށް ދިރިއުޅުން ބަދަލުކުރައްވައިފި އެވެ.
ނޮވެމްބަރު 17, 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގަ އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހުގެ ދެކަނބަލުން ބަދަލުވެވަޑައިގަތީ މ. ސަނީ އިން އަށެވެ. އެއީ, ފަސްޓް ލޭޑީ ފަޒްނާގެ އާއިލީ ބޭފުޅުން ވެސް ދިރިއުޅުއްވަމުން ގެންދަވާ ގެ އެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މުލިއާގެ ބޭނުންކުރެއްވީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށެވެ. އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަފުޅު ގެކޮޅު ކަމަށްވާ ގ. ދޫވެހީގަ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ވެސް ދިރިއުޅުއްވީ މުލީއާގޭގަ އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ދިރިއުޅުއްވާނެ ގެކޮޅެއް މިހާތަނަށް އެމަނިކުފާނުގެ އޮފީހުން ހާމަކުރައްވާފައި ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment