Advertisement

ނާޒިމާއި އުމަރު ވެސް މާލީ ބަޔާން ހުށަހަޅައިފި

8 ނޮވެންބަރު 2023 - 17:06 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނާޒިމް އަދި އުމަރު: މާލީ ބަޔާންތައް ހުށަހަޅާއިފި - ފޮޓޯ: އަވަސް


ނާޒިމާއި އުމަރު ވެސް މާލީ ބަޔާން ހުށަހަޅައިފި

8 ނޮވެންބަރު 2023 - 17:06 0

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް މާލީ ބަޔާން ހުށަހަޅުއްވައިފި އެވެ.

މިއަދުގެ ނިޔަލަށް މާލީ ބަޔާންތައް ހުށަހަޅަން ޖެހެނީ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުންނެވެ. މިހާތަނަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް މި ވަނީ މާލީ ބަޔާން ހުށަހަޅުއްވައިފަ އެވެ.

ދެވަނަ ބުރުގައި ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ މި މަހުގެ 29، ގެ ކުރިންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން

  • އަމިއްލަ ގޮތުން؛ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
  • އަމިއްލަ ގޮތުން؛ ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ ހަސަން ޒަމީލް
  • އެމްޑީޕީ؛ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  • ޕީއެންސީ؛ މާލޭގެ މޭޔަރު، މިހާރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
  • ޖޭޕީ؛ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  • އަމިއްލަ؛ އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން
  • ޑިމޮކްރެޓްސް؛ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  • އެމްއެންޕީ؛ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

މާލީ ބަޔާނުގައި ހިމެނެން ޖެހޭ ކަންކަން؛

  • އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު
  • އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލު
  • ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލު
  • ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް
  • ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީ

ފުރިހަމަ މާލީ ބަޔާން ހުށަނާޅާ މައްސަލަ

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން ވެސް ފުރިހަމައެއް ނޫނެވެ.

ސޯލިހުގެ މާލީ ބަޔާނުގައި ގާނޫނުގައި ބަޔާންކުރާ ތަކެތީގެ ތެރެއިން ފުރިހަމަ ވަނީ ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި ފައިސާ ދިން މިންވަރުގެ ތަފުސީލު އެކަންޏެވެ. ޔާމީންގެ މާލީ ބަޔާނުގައި އެ ތަފުސީލުތަކުގެ އިތުރަށް ޔާމީނަށް ފައިސާ ޖަމާކޮށްދިން މީހުން، ކެންޑިޑޭޓުގެ ކެމްޕޭން އެކައުންޓަށް ފައިސާ ފޮނުވި ބޭންކު ސްޓޭޓްމަންޓްތައް ހިމަނާފައިވެ އެވެ.

ޔާމީނާއި ސޯލިހުގެ މާލީ ބަޔާން ފުރިހަމަ ނުވާ ކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ގަބޫލުކުރައްވަ އެވެ. އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބާއި މަޖިލީހުގެ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންސްގައި ވެސް އެ މައްސަލަ ފާހަގަވެފައި އެބަ އޮތެވެ.

2009 އަދި 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ގިނަ ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަ ނުވާ ކަމަށް ފުއާދު ވިދާޅުވެފައިވެ އެވެ.

ބައެއް މައްސަލަތަކުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވެ އެވެ. ނަމަވެސް ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ އެއްވެސް މައްސަލައެއްގައި ދައުވާނުކޮށް އަނބުރާ ފޮނުވާފައިވެ އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަނުވުމުން އީސީން ނިންމާފައިވަނީ އެއިން ކޮންމެ ކެންޑިޑޭޓަކު 6،000 ރ. އިން ޖޫރިމަނާ ކުރުމަށެވެ.

އިލެކްޝަންސްގެ ވިސްނުން މިހާރު ހުރީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމައަށް، އެ އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާނަމަ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާ ކުރުމަށެވެ. އަދި ކެމްޕެއިން ހިންގުމުގައި ގޯހެއް އުޅޭނަމަ އެ ކަން ތަހުގީގު ކުރުމަށް، ކަމާ ބެހޭ އިދާރާތަކަށް ފޮނުވުމަށެވެ.