Advertisement

ފެނަކައިގެ ޖުމްލަ 8،108 މުވައްޒަފުން, 27 ޕަސެންޓަކީ ވަގުތީ މުވައްޒަފުން: ސައީދު

8 ނޮވެންބަރު 2023 - 16:38 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން---- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ފެނަކައިގެ ޖުމްލަ 8،108 މުވައްޒަފުން, 27 ޕަސެންޓަކީ ވަގުތީ މުވައްޒަފުން: ސައީދު

8 ނޮވެންބަރު 2023 - 16:38 1

ފެނަކަ ކޯޕަރޭޝަނުގެ ދާއިމީ މުވައްޒަފުންގެ އަދަދަކީ 5،909 ކަމަށާއި އިތުރަށް ތިބި މުވައްޒަފުންނަކީ އެކި ޕްރޮޖެކްޓްތަކަށް ނަގާފައި ތިބި ވަގުތީ މުވައްޒަފުން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަނަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނަ ކުންފުންޏެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް ސިޔާސީ ގިނަ ވަޒީފާތަކެއް ފެނަކައިން އުފައްދާފައިވާ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމަށް ރައްދު ދެއްވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ކުންފުނިން މިހާރު ފޯރުކޮށްދެމުންދާ ހިދުމަތްތަކާ އަޅާބަލާއިރު ކުރީ އަހަރު ތަކަށްވުރެ މުވައްޒަފުން އިތުރުވުމަކީ މައްސަލައެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މި އަހަރުތެރޭ ގިނަ މުވައްޒަފުންތަކެއް ނަގަންޖެހުނީ އެކުންފުނިން ރަށްރަށުގައި ހިންގި ފެނާ ނަރުދަމާގެ މަޝްރޫއުތައް ނިމި، އެ ތަންތަން ހިންގުމަށް މުވައްޒަފުން ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.

"ކުރީގައި ރަށު މެދު ތެރޭގައި ހުންނަ ކަތީބު އުނދޯލީގައި އިނދެގެން އިންޖީނުގެ ބެލި ނިޒާމު ފާއިތުވެ ގޮސްފި. އޭރު ކަތީބުގެ އަނބިކަނބަލުންނާއި ގޭގައި އުޅޭ ކުއްޖަކާ އިންޖީނުގެ ބެލެހެއްޓީ. އެހެން ނަމަވެސްމ މިއަދު ރަށް ބޭރަށް އިންޖީނުގެ ބަދަލު ކުރީމަ، ޓެކްނިކަލް ކަމެއް ވީމަ، ޑިއުޓީއަށް އެ ތަނުގައި މުވައްޒަފުން ތިބެން ޖެހޭ، ފެނާއި ނަރުދަމާ ބަލަހައްޓަން މުވައްޒަފުން ތިބެން ޖެހޭ. އައިސް ޕްލާންޓުގެ ޑިއުޓީގައި 24 ގަޑިއިރު ހިދުމަތް ދޭ ނަމަ ތިބެެން ޖެހޭނެ." ސައީދު ވިދާޅުވި އެވެ.

ސައީދު ފާހަގަކުރެއްވި ގޮތުގައި ކުންފުނީގައި މިހާރު ތިބީ ޖުމްލަ 8،108 މުވައްޒަފުންނެވެ. އޭގެ ތެރެއިން ދާއިމީ މުވައްޒަފުންގެ އަދަދަކީ 5،909 އެވެ. އަދި ބާކީ ތިބި 2،199 މުވައްޒަފުންނަކީ ޕްރޮޖެކްޓްތައް ނިމޭއިރަށް ދޫކޮށްލާނެ ވަގުތީ މުވައްޒަފުން ކަމަށް ވިދާޅުވި އެވެ.

ފެނަކައިގެ ދަރަންޏާ ގުޅޭ ގޮތުން ވާހަކަދައްކަމުން ސައީދު ވިދާޅުވީ މި ސަރުކާރުގައި ކުންފުނީގެ ދަރަންޏަށް އިތުރުވެފައިވަނީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ރަށްރަށަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރަން ކުރީ ސަރުކާރުތަކުން ނުކުރާ ހަރަދު މި ސަރުކާރުން ކުރަންޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު މި ހިންގި ޕްރޮޖެކްޓްތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ 2024 ވަނަ އަހަރުގަ އެޕްރީލް މަހާ ހަމައަށް ނިންމަން އަޅުގަނޑުމެން ޓާގެޓްކޮށްފައިވާ ޕްރޮޖެކްޓްތަކެއް. އެހެންވީމާ އަޅުގަނޑުމެންގެ ފޯކާސްޓު ދައްކާ ގޮތުން 2027 އަހަރު ނިމޭއިރުގަ ފެނަކައަށް ލިބޭ އާމްދަނީން ފެނަކައިގެ ދަރަނި ދައްކަމުން ގޮސްފަ ހަމަ ގާތްގަނޑަކަށް 90 އިންސައްތަ ދަރަނި އަޅުގަނޑުމެންނަށް ހަލާސްކުރެވޭނެ" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން ފެނަކައާ ހަވާލުވެފައިވަނީ އެ ކުންފުނީގެ އާމްދަނީ 40 ޕަސަންޓު އިތުރުކޮށްފައި ކަމަށެވެ. އަދި ފެނަކައަކީ ވިޔަފާރި ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުންޏަކީ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު އާމްދަނީ 40 ޕަސެންޓަށް އިތުރުވީ ރަށްރަށުގެ ގެތަކުގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުން ކުރެވޭނެ ގޮތަށް ފެނަކައިން ކަރަންޓު ފޯރުކޮށްދިނުމުން ކަމަށެވެ.

މި ސަރުކާރުން ފެނަކަ މެދުވެރިކޮށް ގާއިމުކޮށްފައިވާ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކުރިއަށް އޮތް 40 އަހަރުވެސް އެ ހިދުމަތްތަކަށް ދައުލަތުން މާބޮޑު ހަރަދުތަކެއް ކުރަން ނުޖެހޭނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.