Advertisement

ފާގަސަން އެދެނީ އެރިކް ޓެން ހާގަށް ސަޕޯޓަރުން އިތުބާރުކުރަން

8 ނޮވެންބަރު 2023 - 13:04 0


ފާގަސަން އެދެނީ އެރިކް ޓެން ހާގަށް ސަޕޯޓަރުން އިތުބާރުކުރަން

8 ނޮވެންބަރު 2023 - 13:04 0

މެންޗެސްޓާ (ނޮވެމްބަރު 8) - މަގާމު ގެއްލިދާނެކަމުގެ ބިރު ހީވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގަށް އިތުބާރުކުރުމަށް އެ ޓީމުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ގޮވާލައިފި އެވެ.

ސީޒަންގެ ކުރީކޮޅު ޔުނައިޓެޑަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވޭތީ ކޯޗު އެރިކް ޓެން ހާގަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އޭނާ މަގާމުން ވަކިކޮށްފާނެކަމުގެ އަޑުތައް ގަދަވެފައިވާއިރު، ޓެން ހާގާއި ކުޅުންތެރިންނާ ދެމެދު އޮތް ގުޅުންވެސް ކުޑަވަމުން އަންނަކަމަށް ވަނީ ބެލެވިފަ އެވެ.

މި ސީޒަނުގައި އެޓީމުން ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ޗެމްޕިއަންސް ލީގުުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ. މިއީ މިދިޔަ 61 އަހަރަށް ބަލާއިރު ޔުނައިޓެޑުން ސީޒަންގެ ފެށުން އެންމެ ގޯސްކޮށްދިޔަ ފަހަރެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޓެން ހާގަށް ޕްރެޝަރު ބޮޑުވެފައި އޮތަސް އޭނާއަށް އިތުބާރުކުރުމަށް އެ ޓީމުގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން ވަނީ އެދިފަ އެވެ. ފާގަސަން ބުނަނީ މި ދަނޑިވަޅުގައި ޓެން ހާގު ވަކިކުރުމަކީ ހެދޭނެ ގޯހެއް ކަމަށެވެ.

ޔުނައިޓެޑްގެ ހިންގުމަށް ވެސް ކުރިއަށް ހުރި ދުވަސްތަކުގައި ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭއިރު، އާ ވެރިންގެ ގާތުގައި ޓެން ހާގު މަގާމުގައި ބަހައްޓައިދިނުމަށް އެދޭނެކަމަށްވެސް ފާގަސަން ވަނީ ބުނެފަ އެވެ.

ފާގަސަން ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑް ކަހަލަ ޓީމަކާއިއެކު ކުރިއަށްދެވޭނެކަމުގެ ގާބިލްކަމާއި ތަސައްވަރު ޓެން ހާގުގެ ކިބައިގައި އެބަ ހުއްޓެވެ.

އެހެންކަމުން ހުރިހާ ސަޕޯޓަރުންވެސް މި ދަނޑިވަޅުގައި ޓެން ހާގަށް އިތުބާރުކުރުމަށް ފާގަސަން ވަނީ އެދިފަ އެވެ.

ޕްރިމިއާ ލީގުގެ އަށް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ކުރިއަށް އޮތީ ޗެމްޕިއަންސް ލީިގުގައި މިރޭ ކޮޕެންހޭގަންއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗަށް ނުކުންނައިރު އެޓީމް އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިން ވަނައިގަ އެވެ.