Advertisement

ފަތުރުވެރިން ހިތްޖައްސަން މި ގެސްޓްހައުސްގައި ގެންގުޅެނީ މަކާއޯ

8 ނޮވެންބަރު 2023 - 11:47 0

ނިމާ ހަސަން

ނިމާ ހަސަން

ދަނގެތީގައި އާލާކުރި ގޯލްޑަން ބްލޫ މަކާއޯ, މިއީ އެތަނުގައި އާލާކުރި ދެ ވަނަ މަކާއޯ -- އާޓްވޯކް; ރައްޔާން/ އަދަދު


ފަތުރުވެރިން ހިތްޖައްސަން މި ގެސްޓްހައުސްގައި ގެންގުޅެނީ މަކާއޯ

8 ނޮވެންބަރު 2023 - 11:47 0

ދެކުނު އެމެރިކާއަށް ނިސްބަތްވާ ނިއޯޓްރޮޕިކަލް ގުރާތަކުގެ ތެރެއިން ގޯލްޑަން ބްލޫ މަކާއޯ އަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ ދޫންޏެކެވެ. އާއްމުކޮށް ޓްރޮޕިކަލް ފޮރެސްޓުތަކާއި ވުޑްލޭންޑުތަކުގައި ދިރިއުޅޭ މި ދޫންޏަކީ ރާއްޖޭގައި ވެސް ގިނަ ބަޔަކު ގެންގުޅޭ ދޫންޏެކެވެ.

ރާއްޖޭގައި ދޫނި ގެންގުޅޭ މީހުން މި ބާވަތުގެ ގުރާ އާލާކުރަން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް މި ގުރާ އާލާކުރެވިފައި ވަނީ އދ. ދަނގެތީގަ އެވެ. އެ ރަށުގައި ހިންގާ ޕޭރްލާ ގެސްޓްހައުސްގައި މި ދޫނި ގެންގުޅޭތާ އަހަރުތަކެއް ވެފައިވާއިރު, މިހާތަނަށް ދެ ގޯލްޑަން ބްލޫ މަކާއު އާލާކޮށްފައިވެ އެވެ.

އެ ގެސްޓްހައުސް ހިންގާ އަބްދުالله ސިރޯމީ ކިޔައިދިން ގޮތުގައި އޭނާ މި ދޫނިތައް ގެންގުޅެނީ ބުޅަލާއި ސާމަރާ ދޫންޏަކާއެކު އެއް ތަނެއްގަ އެވެ. ގެސްޓްހައުސްގެ ސްޓާފް ކުއާޓާގެ ބައެއްގައި ތައްޔާރުކޮށްފައިވާ މި ތަނަކީ މަތިން ދާ ޖަހާ ބަންދުކޮށް, އެހެން ނަމަވެސް މިނިވަންކަމާއެކު ދޫނިތަކަށް އުޅެވޭނެހެން ތައްޔާރުކޮށްފައިވާ ތަނެކެވެ.

އެތަނުގައި މަކާއޯއަށް ހާއްސަ, ދޫނިގެއެއް އަޅާފައި ހުރިއިރު, ޖަނަވާރުތަކަށް ހިޔާވެވޭނެހެން ސިމެންތިން ރާނާ, ހިޔާކޮށްފައިވާ ކުޑަ އިމާރާތެއް ވެސް އެތަނުގައި ހަދާފައިވެ އެވެ.

ސިރޯމީ ކިޔައިދިން ގޮތުގައި ގޯލްޑަން ބްލޫ މަކާއޯ އާލާކުރުމަށް, އެ ދޫންޏަށް ބޭނުންވާ މިނިވަންކަން ދިނުމުގެ އިތުރަށް އޭނާ އެއްވެސް ކަމެއް ނުކުރެ އެވެ. ވަކި ހާއްސަ ކާނާއެއް ވެސް ނުދެ އެވެ. ކާން ދެނީ މަކާއޯ މިކްސް ފުޑްގެ އިތުރަށް ސްނެކެއްގެ ގޮތުގައި އާފަލު, އޮރެންޖު އަދި ކެޕްސިކަމް ކަހަލަ އެއްޗެހި ކަމަށް އޭނާ ބުނެ އެވެ.

އޭނާ ކިޔައިދިން ގޮތުގައި އެންމެ މުހިންމު ކަމަކީ ދޫންޏަށް ބޭނުންވާ ޕްރައިވަސީ ދިނުމެވެ.

"ބިސް އެޅިކަން އެނގޭ, ދެން އޭތި ނިކުތްތޯ ބަލަން ވެގެން ކޮށިތެރެ ވީޑިއޯ ކުރީމަ ރުޅި އައިސްގެން, ދެ ކުޑަ އެތި ކޮށިން ވައްޓާ މަރާލި, ގުރާ އާލާކުރާއިރު ކޮށިތެރެ ބަލައިފިއްޔާ ވަރަށް ރުޅި އަންނާނެ،" ސިރޯމީ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި މިފަހަރު ބިސް އެޅިކަން އެނގުމުން ވެސް ދޫނިގެ ތެރެ ނުބަލާ މަޑުކުރީ އެވެ. މި ފަހަރު އާލާކޮށްފައިވާ ކުޑަ މަކާއޯއަށް މިހާތަނަށް ނަމެއް ދީފައެއް ނުވެ އެވެ.

އެންމެ ފުރަތަމަ ގެސްޓްހައުސްގައި މަކާއޯއެއް އާލާކުރީ, އެ ގެސްޓްހައުސްގައި ކުރިން މަކާއޯއެއް ހުއްޓާ އިތުރު އެއްޗެއް ގެންދިއުމުންނެވެ. އޭރު އާލާކުރި މަކާއޯއަށް "ޕާލް" ގެ ނަމުން ނަންދީ, ގެސްޓްހައުސްގެ ސްޓާފުން އެ ދޫނި ގެންގުޅުނެވެ.

ސިރިންޖަކުން ބޭބީ މަކާއޯ ފުޑް ކާންދީގެން, މުވައްޒަފުން އަމިއްލައަށް ޑިއުޓީ ބަހައިގެން ޕާލް ގެންގުޅެ, ޕާލް ބޮޑުކުރި އެވެ. އެގޮތަށް ގެންގުޅެ ޕާލްގެ އުމުރުން އަހަރަކަށްވުރެ ގިނަ ދުވަސްވީފަހުން, އެ ދޫނި މަރުވީ ޗޭނުގަނޑެއްގައި އޮޅުލެވި ނުނެއްޓިގެންނެވެ.

އެ ގެސްޓްހައުސްގައި ގެންގުޅޭ ހުރިހާ ޖަނަވާރުންނަކީ ވެސް ގެސްޓުންނަށް ދައްކާލުމަށް އެތަނުގައި ގެންގުޅޭ ތަކެއްޗެވެ. ގޯލްޑަން ބްލޫ މަކާއޯގެ އިތުރުން ހުދު ކުލައިގެ ސާމަރާ ދޫންޏަކާއި ހުދު ކުލައިގެ ބުޅާ ވެސް އެތަނުގައި ގެންގުޅެ އެވެ. މިއީ އެތަނަށް އަންނަ ފަތުރުވެރިންގެ ހިތްހަމަޖެހުމެކެވެ. އެ މީހުންގެ ހިތް އެތަނަށް ދޫވާ ސަބަބަކެވެ.