Advertisement

ހުވަދޫ އަތޮޅުގައި ބޮޑު މަޝްރޫއުއެއް ހިންގަން ޔޫއޭއީ ސަރުކާރުގެ ޝައުގު

7 ނޮވެންބަރު 2023 - 12:35 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުވަދޫ އަތޮޅުގެ ބައެއް ރަށްތައް. މި ސަރަހައްދުގައި ބޮޑު މަޝްރޫއުއެއް ހިންގުމަށް އަބޫ ދާބީގެ ކުންފުންޏަކުން ޝައުގުވެރިކަން ވަނީ ފާޅުކޮށްފައި --- ފޮޓޯ: ގޫގުލް އާތު ސްކްރީންޝޮޓް


ހުވަދޫ އަތޮޅުގައި ބޮޑު މަޝްރޫއުއެއް ހިންގަން ޔޫއޭއީ ސަރުކާރުގެ ޝައުގު

7 ނޮވެންބަރު 2023 - 12:35 2

ހުވަދޫ އަތޮޅު ބަދަލުކޮށްލާވަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީ ސަރުކާރުގެ އަބޫ ދާބީގެ ފަންޑު ފޯ ޑިވޮލެޕްމެންޓު (އޭޑީއެފްޑީ) އިން މި ނިމެމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަން އެނގިއްޖެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި މިފަދަ މަޝްވަރާތަކެއް މި ސަރުކާރާ އެކު އޭޑީއެފްޑީން ކުރިއަށް ގެންދިޔަ އެވެ. އަދި, ހުށަހެޅުމެއް ވެސް އެ ފަންޑުން ހުށަހެޅި ކަމަށާއި އެކަމާ މެދު ސަރުކާރުން ވަކި ގޮތެއް ނިންމާފައި ނުވާކަން ވެސް ވަނީ އެނގިފަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޔޫއޭއީ ސަރުކާރުން ފޮނުވި ޖެޓެއްގައި އަބޫދާބީއަށް ވަޑައިގަނެފަ އެވެ. މުއިއްޒުގެ މި ދަތުރުފުޅުގައި ވެސް މި މަޝްރޫއުއާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ.

އޭޑީއެފްޑީން ގެންދަނީ މިހާރު ވެސް ރާއްޖޭގައި މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން, މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނ. އަތޮޅުގައި "އަލްޓްރާ ލަގްޒަރީ" ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި އެ ފަންޑާ ހަވާލުކުރި އެވެ.

އެ މަޝްރޫއުގެ ދަށުން މާފަރުގައި 60 މިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް ވަނީ ތަރައްގީކޮށްފަ އެވެ. އެ އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވެސް ކުރަމުންދަނީ އޭޑީއެފްޑީގެ އެހީތެރިކަމާ އެކު އެވެ.

އެ ފަންޑަކީ އަބޫދާބީގެ ސަރުކާރާ ގުޅިފައިވާ އެ ގައުމުގެ ޝާހީ އާއިލާއިން މެނޭޖުކުރާ ފަންޑެކެވެ. ޖުލައި 15, 1971 ގައި ވުޖޫދުކުރި މި ފަންޑުގެ ޗެއާމަނަކީ އެ ގައުމުގެ ނައިބު ރައީސް އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މަންސޫރު ބިން ޒައިދު އަލް ނަހުޔާން އެވެ.