Advertisement

4000 ފުލެޓުގެ ތެރެއިން 100 ފުލެޓު ހާއްސަކުރީ ކަސްޓަމްސްއަށް: އަކްރަމް

6 ނޮވެންބަރު 2023 - 14:23 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތައް : 4000 ފުލެޓުގެ ތެރެއިން 100 ފުލެޓު ހާއްސަކުރީ ކަސްޓަމްސްއަށް - ފޮޓޯ: ރައީސް އޮފީސް


4000 ފުލެޓުގެ ތެރެއިން 100 ފުލެޓު ހާއްސަކުރީ ކަސްޓަމްސްއަށް: އަކްރަމް

6 ނޮވެންބަރު 2023 - 14:23 2

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފުލެޓުގެ ތެރެއިން 100 ފުލެޓު ހާއްސަކޮށްފައިވަނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ކަމަށް ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ބައެއް މީޑިއާތަކުން މި ވާހަކަ ރިޕޯޓުކުރުމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން އަކްރަމް ވަނީ އެ ވާހަކަ ކަށަވަރުކޮށްދީފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާ ފުލެޓުތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފުލެޓު ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. މިދިޔަ އަހަރު ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ހިދުމަތަކީ ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށެވެ.

"އެގޮތުން ސަރުކާރުން ޢިމާރާތްކުރާ ފްލެޓްތަކުން، މިހާރު އިމާރާތް ކުރަމުން މިގެންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފުލެޓު ދޫކުރުމުގައި އޮޅުވާލުންތަކެއް ވާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ފުލެޓުތައް ދޫކުރުން ވަނީ އެ ކޮމިޝަނުން ވަނީ ހުއްޓުވާފަ އެވެ.

އެ މައްސަލައިގައި ތަހުގީގަށް މިއަދު އޭސީސީގެ ޓީމަކުން ވަނީ ހައުސިން މިނިސްޓްރީއަށް ވަދެފަ އެވެ. ފުލެޓު ލިސްޓާމެދު ހިތްހަމަ ނުޖެހިގެން އެ މިނިސްޓްރީއަށް އާންމުގެ ބަޔަކު ގޮސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ފުރަތަމަ ބުރުގެ 4000 ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.