Advertisement

މަރުހަބާ ކަޕުގެ ޗެމްޕިއަންކަން ގައްދޫ ޓީމުން ހޯދައިފި

4 ނޮވެންބަރު 2023 - 18:00 0

ރަންނަމާރި ޗެލެންޖު 1445ގެ މަރުހަބާ ކަޕްގެ ޗެމްޕިއަންކަން ހޯދި ގައްދޫ ޓީމުން ޓްރޮޕީ އުފުލާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މަރުހަބާ ކަޕުގެ ޗެމްޕިއަންކަން ގައްދޫ ޓީމުން ހޯދައިފި

4 ނޮވެންބަރު 2023 - 18:00 0

ރަންނަމާރި ޗެލެންޖު 1445 ގައި ކުރިއަށް ދިޔަ ޓީމު އިވެންޓް ކަމަށްވާ މަަރުހަބާ ކަޕުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ގ.ދ ގައްދޫ ޓީމުން ހޯދައިފި އެވެ.

ޓެގް ޓީމް އިވެންޓެއްގެ ގޮތުގައި ކުރިއަށްދާ މަރުހަބާ ކަޕްގެ ފައިނަލުގައި ވާދަކުރީ އެންމެ ފަހުގެ ޗެމްޕިއަން ރ. ރަސްމާދޫ، ގދ. ގައްދޫ، ކ. މާލޭގެ އިތުރުން ކ. ތުލުސްދޫ އެވެ.

މި އިވެންޓުގައި ކޮންމެ ޓީމަކުން ހަތަރު ރާޅާ އެޅުންތެރިން ވާދަކުރިއިރު، އެއް ގަޑިއިރުގެ ތެރޭގައި ހުރިހާ ބައިވެރިން ރާޅާ އަޅައި ނިންމަން ޖެހުނެވެ. ކޮންމެ ބައިވެރިއަކު މަދުވެގެން ދެ ރާޅު އަޅަން ޖެހުނުއިރު، ގިނަވެގެން އެޅޭނީ ތިން ރާޅުގަ އެވެ. ސްކޯގެ ގޮތުގައި ކައުންޓުކުރާނީ ކޮންމެ ބައިވެރިއަކުވެސް އެންމެ މަތިން ސްކޯ ހޯދާ ދެ ރާޅެވެ.

ގައްދޫ ޓީމުން ފައިނަލް ކާމިޔާބުކުރީ 37.80 ގެ ސްކޯއަކާއެކުގަ އެވެ. ދެ ވަނަ ހޯދި ރަސްމާދޫ އަށް ލިބުނީ 30.0ގެ ސްކޯއެކެވެ. ތިން ވަނަ އަށް ދިޔަ މާލެ އަށް ލިބުނީ 20.76ގެ ސްކޯއެކެވެ. ތުލުސްދޫއަށް ލިބުނީ 16.69ގެ ސްކޯއެކެވެ.

ފައިނަލުގައި އެންމެ މަތިން ސްކޯ ހޯދި ދެ ރާޅު ދުއްވާލީވެސް ގައްދޫގެ ސާފަރުންނެވެ. މިގޮތުން އިސްމާއިލް ރަޝީދު (ސްމައިލީ) 8.33ގެ ސްކޯއެއް ހޯދިއިރު، ހޫދު އަހުމަދު ވަނީ އެއް ރާޅުގައި 7.17 ގެ ސްކޯއެއް ހޯދާފަ އެވެ. ގައްދޫ ޓީމުން ދެން ވާދަކުރި އަނެއް ދެ ބައިވެރިންނަކީ ޖައިލަމް ނިޒާރު އާއި ނަޖާހު މުހައްމަދު އެވެ.

ދެ ވަނަ ހޯދި ރަސްމާދޫ ޓީމުގައި ހިމެނެނީ ދިވެހި ސާފް ލީގުގެ ޗެމްޕިއަންކަން ހޯދީ ހުސައިން އަރީފް (އިބޫ) އާއި ކަޔާން އަބްދުﷲ އަރީފް އާއި، ރިފާސް އަހުމަދުގެ އިތުރުން އަބްދުﷲ އަރީފް އެވެ.

ކ. މާލެ ޓީމްގައި ހިމެނެނީ ސައްދިޔު ސަލާހުއްދީން އާއި ޔަސީން އަހުމަދު ނާޝިދު އާއި އިސްމާއިލް މިގްލާލްގެ އިތުރުން ހުސައިން ފަޔާޒު އެވެ.

ތުލުސްދޫ ޓީމްގައި ހިމެނެނީ މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ހަސަން ނާސިހު އާއި އާދަމް މުއީން އިބްރާހިމް އަދި ރަންނަމާރި ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ އަހުމަދު އާގިލް (އައްމަޑޭ) އެވެ.