Advertisement

ގޮންޖެހުންތަކާ އެކު ވެސް ސްޓްރެޓެޖިކް ޕްލޭންގެ އަމާޒުތައް ހާސިލު ކުރެވުނު: ސީޕީ ހަމީދު

3 ނޮވެންބަރު 2023 - 13:51 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު : ވިދާޅުވީ ގޮންޖެހުންތަކާ އެކު ވެސް ސްޓްރެޓެޖިކް ޕްލޭންގެ އަމާޒުތައް ހާސިލުކުރެވުނު ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ގޮންޖެހުންތަކާ އެކު ވެސް ސްޓްރެޓެޖިކް ޕްލޭންގެ އަމާޒުތައް ހާސިލު ކުރެވުނު: ސީޕީ ހަމީދު

3 ނޮވެންބަރު 2023 - 13:51 0

ވޭތުވެދިޔަ ފަސް އަހަރު ފުލުހުންގެ ހިދުމަތަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް 2019 އިން 2024 އަށް އެކުލަވާލި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ އަމާޒުތައް ހާސިލުކުރެވުނު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 11 ގައި ރިޓަޔާ ކުރައްވަން ނިންމަވައިފައިވާ ހަމީދު މިއަދު ފުލުހުންގެ ބްލޮގުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮވިޑު 19 އާއި އޮޕަރޭޝަންތައް ރާވާ ހިންގުމުގައި ފުލުހުންގެ އިދާރާގެ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތަކާއެކު ވެސް ގިނަ އަމާޒުތައް ހާސިލްކުރެވުނު ކަމަށެވެ.

"މި ދެންނެވި ގޮންޖެހުންތަކާއެކު ވެސް އަޅުގަނޑަށް ފެންނަ ގޮތުގައި ސްޓްރެޓެޖިކް ޕްލޭންގެ ގިނަ އަމާޒުތައް ވަނީ ހާސިލްކުރެވިފަ" މިވަގުތު އޮސްޓްރޭލިއާގައި ހުންނެވި ހަމީދު ލިޔުއްވާފައިވެ އެވެ.

އެގޮތުން މި މުއްދަތުގައި ފުލުހުންގެ ހިދުމަތް ރީސްޓްރަކްޗާ ކުރުމާއި، މުޖުތަމައާ ގާތުން ހިދުމަތް ދިނުމަށް އަވަށްޓެރި ފުލުހުންގެ ރޯލު ވަރުގަދަ ކުރުމާއި، ގާނޫނީ ގޮތުން ފުލުހުންނަށް ލިބިދޭ ބާރު އިތުރުކޮށް އެތެރޭގެ ހިންގުންތައް ހަރުދަނާ ކުރެވިގެންދިޔުމަކީ ލިބުނު ކާމިޔާބީތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"މަސްތުވާތަކެތީގެ ވިޔަފާރި އާއި ގޭންގު ކުށްތައް އަދި ހަރުކަށި ފިކުރު ފަދަ ބޮޑެތި ކުށްތައް ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކުރެވި ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވުނު"

އޭގެއިތުރުން، ޓްރެފިކް ކުށްތަކާއި މަގުމަތީގެ ކުށްތައް ހުއްޓުވުމަށް އާބާދީ ބޮޑު ސަރަހައްދުތަކަށް ހައި ވިޒިބިލިޓީ ފުލުހުން ނެރުމާއި އޮޕަރޭޝަންތަކުގައި ބޮޑީ ކެމެރާ ބޭނުންކުރުމާއި ފުލުހުންގެ ޕްރޮފެޝަނަލިޒަމް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އިތުރުން ފުލުހުން ތަމްރީނު ކުރުމަށް އައްޑޫގައި ގާއިމުކުރި ޓްރެއިނިން ކޮލެޖާއި ބައިނަލްއަގުވާމީ ފުލުހުންގެ މުޖުތަމައުގައި ކުރެވުނު މަސައްކަތައްވެސް ހަމީދު ފާހަގަކުރެއްވީ، ދުރާލާ ރޭވިގެން ހޯދުނުން ބޮޑެތި ކާމިޔާބީތަކެއްގެ ގޮތުގަ އެވެ.

އެ ކާމިޔާބީތައް ހާސިލްކޮށް، ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ފުލުހުންގެ ހިދުމަތްތައް ބައްޓަން ކުރުމަށް ހުރިހާ ފުލުހުން ކުރި ބުރަ މަސައްތަށް އޭނާގެ ޕޯސްޓުގައި ޝުކުރުއަދާ ކުރައްވާފައިވެ އެވެ.