3 ނޮވެންބަރު 2023 - 11:51 0
61 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދީމާ އާއި ޝައްފާން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
3 ނޮވެންބަރު 2023 - 11:51 0
61 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް ފާތިމަތު ދީމާ އަލީ ހޯދިއިރު، ފިރިހެން ސިންގަލްސް ތަށި މުހައްމަދު ޝައްފާން އިސްމާއިލް ދިފާއުކޮށްފި އެވެ.
މިދިޔަ ތިން އަހަރުވެސް އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި ހުރި ދީމާ މިފަހަރު ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފާތިމަތު ޖުމާނާ ނިމާލް ސީދާ ހަތަރު ސެޓުން ބަލިކޮށްގެންނެވެ. ފައިނަލު މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-9، 11-6، 11-6، އަދި 11-5 އިންނެވެ.
ދީމާ ވަނީ ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަމާއި، 17 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފަ އެވެ. ޑަބަލްސް ތަށި ހޯދީ މިޝްކާ މުހައްމަދު އިބްރާހިމްއާ އެކުގަ އެވެ.
ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޝައްފާން ދިފާއުކުރީ ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައިވެސް ޝައްފާން މޮޅުވީ މުންސިފް އަތުންނެވެ.
ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ތަށި ދިފާއުކުރުމަށްފަހު ޝައްފާން އުފާފާޅުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މިއަހަރުގެ ފައިނަލުގެ ފުރަތަމަ ސެޓު 8-11 އިން ހޯދީ މުންސިފް އެވެ. ނަމަވެސް ޝައްފާން ވަނީ ފަހަތުން އަރާ ހަތަރު ސެޓު ހޯދައި މުންސިފް ބަލިކޮށްފަ އެވެ. ސެޓުތައް ޝައްފާން ގެންދިޔައީ 11-6، 11-6، 11-6 އަދި 11-7 އިންނެވެ.
ދާދި ފަހުން ނިމުނު އެސޯސިއޭޝަން ކަޕްގެ ފައިނަލުގައިވެސް މުންސިފް އަތުން ޝައްފާން މޮޅުވީ މުންސިފް ދެ ސެޓު ހޯދާފައިވަނިކޮށް ފަހަތުން އަރާ ހަތަރު ސެޓު ހޯދައިގެންނެވެ.
މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝައްފާން އާއި މުހައްމަދު ތާބިން ސުޖާއުގެ ޕެއާ އެވެ. ދެވަނަ ހޯދީ މޫސާ މުންސިފް އަހުމަދު އާއި އަލީ އާދަމް މަނިކު (އަލިބެ) އެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުންސިފް އާއި ޖުމާނާ އެވެ. ދެވަނަ ހޯދީ ޝައްފާން އާއި ދީމާ އެވެ.
މުބާރާތުގެ ވެޓްރަންސް ޗެމްޕިއަންކަން މިފަހަރުވެސް ހޯދީ އަލިބެ އެވެ. ދެވަނަ ހޯދީ އިބްރާހިމް ލަތީފް އެވެ.
19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ތާބިން އެވެ. ދެވަނަ ހޯދީ ޒީކް ހަސަން ލަތީފް އެވެ. 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ތަށި ދީމާ ހޯދިއިރު ދެވަނަ ހޯދީ މިޝްކާ އެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޒީކް އެވެ. ދެވަނަ ހޯދީ އައުން އިބްރާހިމް ލަތީފް އެވެ.
ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ވާދަކުރި ކުޅުންތެރިން މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތަށްފަހު ފޮޓޯއަކަށް ހުއްޓިގެން- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ތަށި ހޯދީ ޒީކް އާއި އުމެއިރު މުހައްމަދު މުއިއްޒުގެ ޕެއާ އެވެ. ދެވަނަ ހޯދީ ހުސައިން އާދު އާސިމް އާއި އަހުމަދު ރައްޔާންގެ ޕެއާ އެވެ. 17 އަހަރުން ދަށުގެ އަންހެން ޑަބަލްސް ތަށި މިޝްކާ އާއި ދީމާ ހޯދިއިރު، ދެވަނަ ހޯދީ މިންހާ މަހުޖޫބު ސުޖާއު އާއި މަލާކް ބިންތި މުއިއްޒުގެ ޕެއާ އެވެ.
15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އުމެއިރު އެވެ. ދެވަނަ ހޯދީ އައުން އެވެ. މި ބައިގެ އަންހެން ސިންގަލްސް ތަށި ހޯދީ މިޝްކާ އެވެ. ދެވަނަ ހޯދީ މިންހާ އެވެ. 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ތަށި ހޯދީ އުމެއިރު އާއި މުހައްމަދު ހަލަފް ރާފިއުގެ ޕެއާ އެވެ. ދެވަނަ ހޯދީ އައުން އާއި މުހައްމަދު އާލް އިމްރާންގެ ޕެއާ އެވެ. މިބައިގެ އަންހެން ޑަބަލްސް ތަށި ހޯދީ މިޝްކާ އާއި މިންހާގެ ޕެއާ އެވެ. ދެވަނަ ހޯދީ އައިޝަތު ޒާރާ ސާހިލް އާއި އައިޝަތު އަލްސާ ނާފިޒް އެވެ.
13 އަހަރުން ދަށަށް ބަލާއިރު ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޔަޒީން ހުސައިން ޝަރީފް އެވެ. ދެވަނަ ހޯދީ މުހައްމަދު ޒާއިމް އަހުމަދު އެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަލްސާ އެވެ. ދެވަނަ ހޯދީ އާމިނަތު ޒާޔާ އަބްދުލް އަޒީޒް އެވެ.
Comment