Advertisement

މެސީއާ އެކު ކުޅުމަށް ސުއަރޭޒް އިންޓަ މިއާމީއާ ގުޅޭނީ

3 ނޮވެންބަރު 2023 - 15:56 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން


މެސީއާ އެކު ކުޅުމަށް ސުއަރޭޒް އިންޓަ މިއާމީއާ ގުޅޭނީ

3 ނޮވެންބަރު 2023 - 15:56 0

ފްލޮރިޑާ (ނޮވެމްބަރު 3) - އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެމުން އަންނަ އިންޓަ މިއާމީ އަށް ސޮއިކުރަން އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ތައްޔާރުވެއްޖެ އެވެ.

މެސީއާ އެކު ބާސެލޯނާ އަށް ކުޅުނު ސުއަރޭޒް މި ވަގުތު ކުޅެމުން އަންނަނީ ބްރެޒިލްގެ ގްރެމިއޯ އަށެވެ. އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ޑިސެންބަރު ނިމޭ ބްރެޒިލް ލީގާ އެކު ހަމަވާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޓަ މިއާމީ އިން އަންނަނީ އެ ކުލަބަށް ސުއަރޭޒް ގެންދިޔުމަށް މަޝްވަރާތައް ކުރަމުންނެވެ. އެ ކަމާ ގުޅޭ މެއިލްތަކެއް ވެސް މިދިޔަ ހަފްތާގެ ތެރޭގައި ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ގޮތުން އެއް އަހަރުގެ ކޮންޓްރެކްޓެއް ސުއަރޭޒަށް ވަނީ ހުށަހަޅައިފަ އެވެ. ފުރަތަމަ ސީޒަންގައި ސުއަރޭޒް ދައްކާ ކުޅުމަށް ބަލައި އޭނާގެ ކޮންޓްރެކްޓް އާކުރުމުގެ އިހްތިޔާރު ކުލަބަށް އޮންނާނެ އެވެ.

ސުއަރޭޒް، 36، މިހާރު ހުރީ ޑިސެމްބަރު މަހު ބްރެޒިލްގެ ސީޒަން ނިމޭ ގޮތަށް އެމެރިކާ އަށް ބަދަލުވުމަށް ތައްޔާރުވެގެންނެވެ. އިންޓަ މިއާމީ އިން ވަނީ ކުލަބުން ގެނެސްފައިވާ ގައުމުން ބޭރުގެ ކުޅުންތެރިންގެ ކޯޓާ ހަމަވެފައިވާތި ސުއަރޭޒް ގަތުމަށް ސްކޮޑުން ޖާގަ ހޯދުމަށް ބައެއް ކުޅުންތެރިން ދޫކޮށްލާފަ އެވެ.

ބާސެލޯނާގައި މެސީއާ އެއްކޮށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ސުއަރޭޒް އަކީ މެސީގެ ގާތް އެކުވެރިއެކެވެ. އަނެއްކޮޅުން، ސުއަރޭޒް، އިންޓަ މިއާމީ އަށް ގެނައުމަށް މެސީ އެ ޓީމުގެ ވެރިން ގާތު އެދިފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިންޓަ މިއާމީ އިން ވަނީ މެސީ އާއި ސުއަރޭޒްއާއެކު ބާސެލޯނާ އަށް ކުޅުނު ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާވެސް އެކުލަބަށް ގެނެސްފަ އެވެ. ފުރަތަމަ ސީޒަންގައި ކުލަބަށް ލީގުގައި މާ ބޮޑު ކާމިޔާބެއް ނުހޯދުނު ނަމަވެސް އަންނަ ސީޒަނަށް އިންޓަ މިއާމީ އިތުރަށް ވަރުގަދަކުރަން ވަނީ ނިންމާފަ އެވެ.