Advertisement

ޑިމޮކްރެޓްސްގެ ރައީސަކަށް އަމްރު އަދި ނައިބަކަށް ޝިފާޒް ވާދަކުރައްވަނީ

1 ނޮވެންބަރު 2023 - 10:32 0

ޝިފާޒް (ކ) އަދި އަމްރު: ދެ ބޭފުޅުން ވެސް ކުރިން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި.


ޑިމޮކްރެޓްސްގެ ރައީސަކަށް އަމްރު އަދި ނައިބަކަށް ޝިފާޒް ވާދަކުރައްވަނީ

1 ނޮވެންބަރު 2023 - 10:32 0

ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސްގެ މަގާމަށް ހުސެއިން އަމްރު އަދި ނައިބް ރައީސްގެ މަގާމަށް މުހައްމަދު ޝިފާޒް ވާދަކުރައްވާކަން އިއުލާންކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން، އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެން އުފެއްދެވި ޑިމޮކްރެޓްސް ފުރަތަމަ ދައުރުގެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ ޑިސެމްބަރު 2 ވަނަ ދުވަހު އެވެ.

އަމްރުގެ އިތުރުން މިހާތަނަށް ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައިވަނީ ޕާޓީގެ އިންޓަރިމް ޗެއާޕާސަން ހަސަން ލަތީފެވެ.

އަމްރު އަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓެވެ. އިންތިހާބުގެ ފުރަތަމަ ބުރުން ޑިމޮކްރެޓްސް ދިޔައީ ހަތް ޕަސެންޓް ވޯޓާ އެކު ތިން ވަނަ އަށެވެ.

ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރަކަށް މަސައްކަތްކުރެއްވި އަމްރު އަކީ އެމްޑީޕީގެ މި ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރެވެ. ނަމަވެސް ނަޝީދު އިސްކޮށް ހުންނަވައި އެމްޑީޕީގެ ތެރެއިން 'ފިކުރެއްގެ ދިރުން' ނަމުގައި ފެކްޝަނެއް ހަދައި، ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީއާ މަޝްވަރާތަކުގައި ބައިވެރިވުމުން އޭނާ މަގާމުން ވަކިކުރީ އެވެ.

އަމްރު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އުއްމީދަކީ ޕާޓީ އިތުރު ހަރުފަތަކަށް ގެންގޮސް، މުޅި ރާއްޖެ އަށް ފަތުރާލައި، މިއީ ރާއްޖޭގެ އެންމެ ބިޔަ، އެންމެ ވަރުގަދަ ޕާޓީއަށް ހެއްދެވުން ކަމަށެވެ.

"މިކަން ކުރެވޭނީ ރޭވުންތެރިކަމާ އެކު މަސައްކަތްކޮށް، ރައްޔިތުން ބަލައިގަންނަ ފަދަ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލައި، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތައް ފުޅާކޮށް ހިންގިގެން،" އަމްރު ސޯޝަލް މީޑިއާގައި ލިޔުއްވި އެވެ.

ނައިބް ރައީސް ކަމަށް ވާދަކުރައްވާ ޝިފާޒަކީ އެމްޑީޕީގެ ކުރީގެ ނައިބް ރައީސެވެ. އޭނާ އަކީ މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް 'ފިކުރެއްގެ ދިރުން' ފެކްޝަނާ އެކު މަގާމުން ވަކިކުރީ އެވެ.

ޝިފާޒް ވިދާޅުވީ ރާއްޖޭގެ އުއްމީދީ ސިޔާސީ މުސްތަގުބަލަށް ޑިމޮކްރެޓްސް އިން ކުރާ މަސައްކަތާއެކު ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލީ ކަމަށާއި މިކަމުގައި މެމްބަރުންގެ ތާއީދަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

ޑިމޮކްރެކްޓްސްގެ ފުރަތަމަ އިންތިހާބުގައި ގައުމީ ފަށަލަ އަށް އިންތިހާބުކުރާނީ ރައީސް، ނައިބް ރައީސް (އާއްމު)، ނައިބް ރައީސް (އަންހެން)، ނައިބް ރައީސް (ޒުވާން)، ވިމެން ޑިމޮކްރެޓްސް ލީޑަރު، ވިމެން ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރު، ޔަންގް ޑިމޮކްރެކްޓްސް ލީޑަރު އަދި ޔަންގް ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރެވެ.

ޑިމޮކްރެޓްސް އިން ވަނީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަރު މިއަދު ފެށުނު ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.