Advertisement

އެންމެނަށް ލިބޭ ސަބްސިޑީ އުވައިލަން ބަޖެޓުގައި ހިމެނީ އަންނަން އޮތް ސަރުކާރުގެ ރުހުމާ އެކީ: ފިނޭންސް

1 ނޮވެންބަރު 2023 - 08:40 1

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯ ކާޑު ގުދަނުން ފުށް ބަސްތާތަކެއް ބަރުކުރަނީ: ހުއްޓާލައި ސަބްސިޑީތަކުގެ ތެރޭގައި ކޮންޓްރޯލް އަގުގައި ކާޑު ވިއްކަން އެސްޓީއޯއަށް ދޫކުރާ ކާޑު ސަބްސިޑީ ހިމެނޭ -- އަދަދު ފައިލް ފޮޓޯ


އެންމެނަށް ލިބޭ ސަބްސިޑީ އުވައިލަން ބަޖެޓުގައި ހިމެނީ އަންނަން އޮތް ސަރުކާރުގެ ރުހުމާ އެކީ: ފިނޭންސް

1 ނޮވެންބަރު 2023 - 08:40 1

މިހާރު ލިބޭ ގިނަ އިންޑައިރެކްޓް ސަބްސިޑީތައް ދިނުން ހުއްޓާލައި، ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ލިބޭ ޓާގެޓަޑް ނުވަތަ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރަން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމެނީ އަންނަން އޮތް ސަރުކާރުން ރުހިގެން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު އެކުލަވާލާފައި ވަނީ އެ އަހަރުގެ ޖުލައިން ފެށިގެން ކަރަންޓު ސަބްސިޑީ އާއި ފިއުލް ސަބްސިޑީ އާއީ ކާޑުގެ ސަބްސިޑީގެ އިތުރުން ނަރުދަމާގެ ސަބްސިޑީގެ ޔުނިވާސަލް ސަބްސިޑީ ނިޒާމު ނުވަތަ އެއްމެނަށް ލިބޭ ސަބްސިޑީ އުވާލާށެވެ.

އޭގެ ބަދަލުގައި ސަރުކާރުގެ ހުށަހެޅުމަކީ އެ ސަބްސިޑީތައް އުވާލުުމަށް ފަހު ޑައިރެކްޓް ޓްރާންސްފާ ނުވަތަ ބޭނުންޖެހިފައިވާ މީހުންނަށް ސީދާ ފައިސާގެ އެހީ ދޭ ގޮތަށް ނިޒާމު ބަދަލުކުރުމެވެ. އެހާ ހިސާބުން ސަބްސިޑީގެ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރުން ނިމުމަކަށް އަންނާނެ އެވެ.

މިއީ އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް ސީދާ އަސަަރު ކުރާނެ ކަމަކަށް ވާތީ މިކަމަށް އަންނަ ސަރުކާރުން ރުހޭކަން ކަށަވަރުކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް އެވެ.

އެގޮތުން ބަޖެޓާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމެއްގައި ސަރުވަޝް ވިދާޅުވީ، ބަޖެޓުގައި ހިމަނާފައިވާ ކަންކަމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގުތިސޯދީ އަދި މާލީ ކަންކަމަކަށް ހާއްސަ ޓްރާންސިޝަނަލް ކޮމިޓީއާ މަޝްވަރާކުރުމަށް ފަހު، އެ ކޮމިޓީން ރުހިގެން ހިމަނާފައިވާ ކަންކަން ކަމަށެވެ.

ބަޖެޓުގައިވާ ގޮތުގައި ސަބްސިޑީ ނިޒާމަށް ގެންނަން އުޅޭ ބަދަލާ އެކު އަންނަ އަހަރު ހުއްޓާލައި ހަތަރު ސަބްސިޑީއަށް ކުރާ ހަރަދު އެ އަހަރުގެ ތެރޭގައި ދެބައިކުޅަ އެއްބައި ކުޑަވާނެ އެވެ. އަދި 2025 ގައި ވަރަށް ބޮޑަށް ކުޑަަކުރެވޭނެ ކަމަށް ފިނޭންސުން އަންދާޒާ ކުރެ އެވެ.

އެހާ ހިސާބުން މި ދާއިރާއިން އިންޑައިރެކްޓް ސަބްސިޑީއަކަށް ހިނގާ ހަމައެކަނި ހަރަދަކަށް ވާނީ މަސްވެރިންނަށް ދެމުންދާ ފިއުލް ސަބްސިޑީ އެވެ.

މިއީ ހަރަދުތައް ކުޑަކުރަން ސަރުކާރުން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅެކެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ހަރަދުތައް އެންމެ ބޮޑު ކުރަން އަމާޒު ހިފާފައި ވަނީ ވެސް ސަބްސިޑީ ބަަދަލުންނެވެ.

މިކަމުގެ ސަބަބުން އާންމުންނަށް ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ތައާރަފުކުރަނީ ޓާގެޓަޑް ބޭޭސިކް އިންކަމް ނިޒާމެކެވެ. މި ނިޒާމު ތައާރަފުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ދޫކުރަން 600 މިލިއަން ރުފިޔާ ހިމަނާފަ އެވެ.

ޓާގެޓަޑް ބޭސިން އިންކަމް ނިޒާމުގެ ފައިދާ އެންމެ ފޯރުންތެރި ފަރާތްތައް ފިޔަވައި އާބާދީގެ ބޮޑު ބަޔަކަށް ލިބިގެން ދާނެ ކަމަށް ފިނޭންސުން ބުނާއިރު، ސަރުވަޝް ވިދާޅުވީ މި ބަދަލުގެ ފައިދާ ރާއްޖޭގެ އާބާދީގެ 65 އިންސައްތައަށް ނުވަތަ ގޭބިސީތަކުގެ 50 އިންސައްތައަށް ކުރާނެ ކަމަށެވެ.

މިހެން ނަމަވެސް، މާލީ އެހީއަށް ޝަރުތު ހަަމަވާ މިންގަނޑުުތަކާއި މާލީ އެހީގެ ގޮތުގައި ދޫކުރާނެ ފައިސާގެ އަދަދެއް އަދި ކަނޑަނާޅަ އެވެ. ސަރުވަޝް ވިދާޅުވީ އެކަމަށް ފިނޭންސުގެ ހުށަހެޅުމެއް އެބައޮތް ކަމަށާއި ވިސްނުމަކީ ގޭބިސީތަކުގައި ދިރިއުޅޭ އާބާދީގެ ބޮލަކަށް ޖެހޭ ވަރެއް ކަނޑައެޅުމަށް ފަހު އެ ފައިސާ އެންސްޕާ މެދުވެރިކޮށް ޖަމާކޮށްދިނުން ކަމަށެވެ.

ސަބްސިޑީ ނިޒާމު ބަދަލުކުރުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވަރަށް ބޮޑަށް ބާރު އަޅާ ކަމެކެވެ. މި ވަގުތު ރާއްޖޭގެ މާލިއްޔަތަށް ހުރި އެންމެ ބޮޑު ހިރާސްތައް ކިޔާއިރު، ކަންބޮޑުވާ މިންވަރަށް ސަބްސިޑީއަށް ހަރަދުކުރަން ޖެހުން އޮތީ އެ ލިސްޓުގެ އެންމެ ކުރީގަ އެވެ.