Advertisement

ހިޔާ ފްލެޓަށް ލިފްޓު އިތުރުކުރުމަށާއި ފުށިދިއްގަރު ފަޅު ހިއްކަން 600 މިލިއަން ރުފިޔާ

31 އޮކްޓޯބަރު 2023 - 15:57 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ހިޔާ ފްލެޓް، ހިޔާ ކޮންމެ ޓަވަރަކަށް 2 ލިފްޓު އިތުރުކުރަން 200 މިލިއަން ވަނީ ބަޖެޓުކޮށްފަ---- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ހިޔާ ފްލެޓަށް ލިފްޓު އިތުރުކުރުމަށާއި ފުށިދިއްގަރު ފަޅު ހިއްކަން 600 މިލިއަން ރުފިޔާ

31 އޮކްޓޯބަރު 2023 - 15:57 0

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހިޔާ ފްލެޓުތަކަށް ލިފްޓު އިތުރުކުރުމަށާއި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ގޯދި ދޭން ފުށިދިއްގަރު ފަޅު ހިއްކުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓުގައިވާ ގޮތުން ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. މިއީ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރިއަށްގެންދަން ވައުދުވެލެއްވި މަޝްރޫއެެކެވެ.

އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ހިޔާގެ ކޮންމެ ޓަވަރަކަށް ޖާގަ ތަނަވަސް ދެ ލިފްޓު އިތުރުކުރެވޭނެ އެވެ. އޭގެ ތެރެެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށްވެސް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ކުރިއަށް އޮތް ތިން އަހަރަށް 1.4 ބިލިއަން ރުފިޔާ ބަޖެޓުން ހަރަދު ކުރަން ވަނީ ހިމަނައިފަ އެވެ. އެގޮތުން އަންނަ އަހަރު 400 މިލިއަން ރުފިޔާ އާއި 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު 350 މިލިއަން ހަރަދުކުރަން ވަނީ ބަޖެޓުގައި ހިމަނާފަ އެވެ.

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. މުއިއްޒުގެ މެނިފެސްޓޯގައި ވަނީ އެ ސަރަހައްދުން 11،970 ގޯއްޗާއި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރި އެޕާޓްމަންޓްތަކުގެ 26،500 ހައުސިން ޔުނިޓް އެޅުމަށެވެ.

އޭގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ އާއި ފަހިދިރިއުޅުން ކޯޕަރޭޝަނުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުއަށް 286 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ހިމެނެ އެވެ. އަދި, އިޖުތިމާއި ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާބަންކޯ) އަށް 177.4 މިލިއަން ރުފިޔާ ދިނުމަށްވެސް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.