31 އޮކްޓޯބަރު 2023 - 15:14 1
ރައްޔާން މުހައްމަދު
31 އޮކްޓޯބަރު 2023 - 15:14 1
އެޕަލްގެ އައު އެމް 3 ޗިޕާއި އައު އައިމެކް އަދި މެކްބުކް ޕްރޯ ލެޕްޓޮޕް، އެ ކުންފުނީގެ އޮކްޓޯބަރު "ސްކޭރީ ފާސްޓް" އިވެންޓްގައި ދައްކާލައިފި އެވެ.
އެޕަލް އިން ބޭއްވި އިވެންޓްގައި ވަނީ އެމް 3 ގެ ތިން މޮޑެލް އެއް ދައްކާލައިފަ އެވެ. އެއީ އެމް 3، އެމް 3 ޕްރޯ އަދި އެމް 3 މެކްސް އެވެ.
އެޕަލް އިން ބުނެފައިވަނީ މިއީ ތްރީ-ނެނޯމީޓާ ޕްރޮސެސް ބޭނުންކޮށްގެން ޕާސަނަލް ކޮމްޕިއުޓާއަށް ތައްޔާރުކޮށްފައިވާ ފުރަތަމަ ޗިޕް ކަމަށެވެ. މިކަމުގެ ސަބަބުން ސީޕީޔޫގެ ޕްރޮސެސްތައް އެތައް ގުނައެއް ހަލުވިވާނެ އެވެ. އަދި މި ޗިޕްތަކުގެ އައު ޖީޕީޔޫ ރޭ-ޓްރޭސިން، މެޝް ޝޭޑިން ފަދަ ރެންޑާ ޕްރޮސެސްތަކަށް ވެސް ސަޕޯޓްކުރާނެ ކަމަށް އެޕަލް އިން ބުނެ އެވެ.
އެމް 3 ޗިޕްގެ ތިން މޮޑެލް
އެމް 3 މެކްސް ގައި 92 ބިލިއަން ޓްރާންސިސްޓަރާއި 40-ކޯ ޖީޕީޔޫއެއް އަދި 16-ކޯ ސީޕީޔޫއެއް ހިމެނެ އެވެ. އެމް 3 ޕްރޯ ގައި 18-ކޯ ޖީޕީޔޫ އާއި 12-ކޯ ސީޕީޔޫ ހިމެނޭ އިރު އެމް 3 ގައި ހިމެނެނީ 10-ކޯ ޖީޕީޔޫ އަދި 8-ކޯ ސީޕީޔޫ އެވެ.
އިވެންޓްގައި ވަނީ އެމް 3 ޗިޕްތައް ހިމެނޭ އައިމެކް ޑެސްކްޓޮޕް އަދި މެކްބުކްޕްރޯ ލެޕްޓޮޕް ވެސް ދައްކާލައިފަ އެވެ. އެންމެ ފަހުން އައިމެކެއް ނެރެފައިވަނީ 2022 ގައި އެމް 1 ޗިޕާ އެކު އެވެ.
މިއަހަރުގެ އައިމެކް އެއަށް ވުރެ ދެގުނަ ހަލުވި ވާނެކަމަށް އެޕަލް އިން ބުނެ އެވެ. މި ޑެސްކްޓޮޕްގައި އެއް ބިލިއަން ކުލަ ހިމެނޭ 4.5ކޭ ރެޓިނާ ޑިސްޕްލޭއަކާއި ވައިފައި 6އީ ސަޕޯޓްގެ އިތުރުން 1080 މެގަޕިކްސެލްސްގެ ވެބްކްމްއެއް ހިމެނެ އެވެ.
ފެހި، ރީނދޫ، އޮރެންޖް، ފިޔާތޮށި، ދަނބު، ނޫ، އަދި އަޅި ކުލައިން އައިމެކް ލިބެން ހުންނާނެ އެވެ. މި އުފެއްދުމުގެ އަގަކީ 1،299 ޑޮލަރެވެ.
14 އިންޗި އަދި 16 އިންޗީގެ މެކްބުކް ޕްރޯގެ އައު މޮޑަލްތަކުގައި ވެސް އެމް 3 ޕްރޯ ނުވަތަ އެމް 3 މެކްސް ޗިޕް ހިމެނޭނެ އެވެ. މި މޮޑެލްތަކުގައި މިނީ ލެޑް ޑިސްޕްލޭއަކާއި 1080 މެގަޕިކްސެލްސް ކެމެރާއަކާއި ސިކްސް-ސްޕީކާ ސައުންޑް ސިސްޓަމެއް ހިމެނެ އެވެ.
އަދި 128 ޖީބީ ގެ ރެމް ހިމެނޭ އިރު 22 ގަޑިއިރަށް ބެޓެރި ހިފަހައްޓާނެކަމަށް އެޕަލް އިން ބުނެ އެވެ. އަޅި އަދި ސްޕޭސް ބްލެކް ކުލައިން މި މޮޑަލްތައް ލިބެންހުންނާނެ އެވެ. މެކްބުކްޕްރޯގެ 14 އިންޗީގެ އަގަކީ 1،999 ޑޮލަރެވެ. އަދި 16 އިންޗީގެ އަގަކީ 2،499 ޑޮލަރެވެ.
އައު އުފެއްދުންތަކަށް ޕްރީ އޯޑާކުރުމަށް މިހާރު ހުޅުވާލާފައިވާ އިރު ކަސްޓަމަރުންނަށް ލިބެން ފަށާނީ ހަތެއް ނޮވެމްބަރުން ފެށިގެނެވެ.
Comment