30 އޮކްޓޯބަރު 2023 - 12:57 0
ނިމާ ހަސަން
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓެއް
30 އޮކްޓޯބަރު 2023 - 12:57 0
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އަންނަ ހަފްތާ ތެރޭގައި ނެރޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް މިދިޔަ އޯގަސްޓު 8 ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15،046 މީހުންނެވެ. ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ.
އެކަމަކު އެންމެ ފުރަތަމަ ދޭނީ މިހާރު ގާތްގަނޑަކަށް މަސައްކަތް ނިމިފައިވާ 4000 ފްލެޓެވެ.
ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީން މިއަދު 'އަދަދު' އަށް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނޮވެމްބަރު ފަހެއްގެ ކުރިން ނެރުމަށް ފަހު ލިޔުން ހަވާލުކުރަން ފަށާނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓް, އޭގެ ހައްގުވެރިންނަށް މި ދައުރު ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމަށް މީގެ ކުރިން އަކްރަމް ވަނީ ވިދާޅުވެފަ އެވެ.
އެ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ ޔުނިޓުތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.
އޭގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްފަ އެވެ. އަދި އިތުރު 2،000 ޔުނިޓު އިމާރާތް ކުރުމަށް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
އަކްރަމް ވަނީ ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންނަށް ފްލެޓު ދިނުމަށްޓަކައި އިތުރު ހައުސިން ޔުނިޓުތަކެއް އިމާރާތްކުރަން ބަޔަކާ ހަވާލު ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment