30 އޮކްޓޯބަރު 2023 - 11:19 0
އަހުމަދު އާއިދު
ފަރުކޮޅު ފުށި : އެ ބިން ދިގު މުއްދަތަކަށް ކުއްޔަށް ދިނުން އޭސީސީއިން ހުއްޓުވައިފި - ފޮޓޯ: އާބަންކޯ
30 އޮކްޓޯބަރު 2023 - 11:19 0
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފަރުކޮޅުފުށި ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ހުޅުމާލެ ހިންގާ އާބަންކޯއިން ކުރަމުންދިޔަ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.
އޭސީސީގެ މީޑިއާ ޓީމުން މިކަން "އަދަދު" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
"ފަރުކޮޅުފުށި ދިގު މުއްދަތަކަށް ބަޔަކަށް ކުއްޔަށް ދޭން އުޅޭތީ އެކަމާ ގުޅިގެން މިކޮޅަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން. މައްސަލަ ނިމެންދެން އޭސީސީއިން އަންގާފަ އޮންނާނެ މުއާމަލާތްތައް ހުއްޓާލަން" އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އެ ބިން ކުއްޔަށް ދިނުމަށް އާބަންކޯއިން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓައިލަން އޭސީސީން އަންގާފައިމިވަނީ، އިންތިހާބީ ރައީސްގެ އޮފީހުން ހުޅުމާލޭގެ ބިންތަކާ ގުޅޭ މުއާމަލާތްތައް މަޑުޖައްސައިލަން ގޮވާލައިފައި ވަނިކޮށެވެ.
އެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަނީ ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާކޮށްފައިވާ ކަމުގެ މައުލޫމާތު އިންތިގާލީ އޮފީހަށް ލިބިފައިވާ ކަމަށާއި އެކަމާ މެދު އެ އޮފީހުން ނުހަނު ކަންބޮޑުވާ ކަމަށެވެ.
"ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު 'އެސެޓް'ތައްކަމުން، މި މަރުޙަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަކީ މި އޮފީހުން ކަންބޮޑުވާ ކަމެކެވެ،" އިންތިގާލީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އާބަންކޯގެ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާކޮށްފައިވާ އައިޓަމްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމުގެ މުއާމަލާތަކެއް ވެސް ހިމެނޭކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް އެ 40 އައިޓަމްގެ ތެރޭގައި ފަރުކޮޅުފުށި ހިމެނޭކަމެއް، އެ އޮފީހުން ނުވަތަ އޭސީސީއިންވެސް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment