Advertisement

ލިޔޯން ޓީމުގެ ބަހަށް ދިން ހަމަލާއާ ގުޅިގެން ލިޔޯން-މާސޭ މެޗު ފަސްކޮށްފި، ލިޔޯންގެ ކޯޗު ގްރޮސޯ އަށް އަނިޔާ

30 އޮކްޓޯބަރު 2023 - 14:46 0


ލިޔޯން ޓީމުގެ ބަހަށް ދިން ހަމަލާއާ ގުޅިގެން ލިޔޯން-މާސޭ މެޗު ފަސްކޮށްފި، ލިޔޯންގެ ކޯޗު ގްރޮސޯ އަށް އަނިޔާ

30 އޮކްޓޯބަރު 2023 - 14:46 0

މާސޭ (30 އޮކްޓޯބަރު) - ފްރާންސް ލީގުގައި ރޭ އޮލިމްޕިކް ލިޔޯން އާއި އޮލިމްޕިކް މާސޭ ބައްދަލުކުރަން އޮތް މެޗަށް ލިޔޯންގެ ޓީމު ދަތުރުކުރި ބަހަށް ދިން ހަމަލާތަކާ ގުޅިގެން، އެ މެޗު ފަސްކޮށްފިއެވެ. ލިޔޯންގެ ޓީމުގެ ބަހަށް ދިން ހަމަލާގައި އެ ޓީމުގެ ކޯޗު ފަބިއޯ ގްރޮސޯ އަށް ވަނީ އަނިޔާވެފަ އެވެ.

މާސޭގެ ދަނޑަށް ލިޔޯންގެ ޓީމު ބަސް ވަންނަނިކޮށް، އެ ސަރަހައްދަށް އެއްވެ ތިބި ބަޔަކު ވަނީ ލިޔޯންގެ ބަހަށް ގާ އުކަން ފަށައިފަ އެވެ. މި ހަމަލާގައި ލިޔޯންގެ ކޯޗު އިޓަލީގެ ގްރޮސޯގެ ބޯ ފަޅައިގެން ގޮސް، އޭނާ އަށް ވަނީ ފަރުވާ ދޭންޖެހިފަ އެވެ.

ލިޔޯންގެ ރައީސް ޖޯން ޓެކްޓޯ ބުނީ ގްރޮސޯގެ ހާލު މިހާރު ރަނގަޅުވިޔަސް، ގްރޮސޯ އަށް އަނިޔާވި ވަގުތު އޭނާ އަށް ވާހަކަދައްކަން ވެސް އުނދަގޫވި ކަމަށެވެ.

"މީގެ ވިއްސަކަށް މިނިޓު ކުރިން ގްރޮސޯ އަށް ވާހަކަ ދައްކަން ވެސް އުނދަގޫވި. އެކަމަކު މިހާރު އޭނާގެ ހާލު ރަނގަޅު،" އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން، މެޗުގެ އޮފިޝަލުން ވަނީ ލިޔޯންގެ އެދުމުގެ މަތިން މެޗު ފަސްކުރަން ނިންމައިފަ އެވެ.

އެކަމަކު ޓެކްޓޯ ބުނީ ލިޔޯންގެ ކުޅުންތެރިން އެންމެ ފުރަތަމަ ބޭނުންވީ މެޗު ކުރިއަށް ގެންދަން ކަމަށެވެ. އެކަމަކު ގްރޮސޯގެ ހާލަތު ފެނިފައި، ކުޅުންތެރިންގެ ހިޔާލު ބަދަލުވީ ކަމަށް އޭނާ ބުންޏެވެ.

"ކޯޗު ޗޭންޖިން ރޫމަށް އައުމުން ކުޅުންތެރިންނަށް ފެނުނު ކޯޗުގެ ހާލަތު ރަނގަޅު ނޫންކަން،" ޓެކްޓޯ ބުންޏެވެ.

މި ހާދިސާ މާސޭ އިންވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި މި ހާދިސާ ތަހުގީގްކުރުމަށް ވަކިން ޓާސްކް ފޯހެއް ވަނީ އެކުލަވާލައިފަ އެވެ.